Roadha Mihaaru
ސެން ޓީޗަރުންނަށް ރިސްކް އެލަވަންސް ހަމަޖައްސަނީ

ސެން ޓީޗަރުންނަށް ރިސްކް އެލަވަންސް އަލުން ހަމަޖައްސައިދެނީ

16 މާޗް 2024

ސެން ޓީޗަރުންނަށް ރިސްކް އެލަވަންސް އަލުން ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސެން ޓީޗަރުންނަށް ރިސްކް އެލަވަންސް އަލުން ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮންމެ ދުވަހަކު ރައީސް އޮފީހުން ގެނެސްދެމުން އަންނަ "ރައީސްގެ ޖަވާބު"ގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ ސެން ޓީޗަރެއް ކަމަށްވާ މ. މުލަކު، ސޯސަންވިލާ، އައިޝަތު ޝައުފާ މިއަދު ވަނީ އެ ދާއިރާގެ ޓީޗަރުންގެ މަދުކަމާއި އެ ޓީޗަރުންނަށް ކުރިން ލިބުނު ރިސްކް އެލަވަންސް މިދިޔަ އަހަރު ކަނޑާލާފައި ވާތީ އެކަމުގެ ކަންބޮޑުވުން ރައީސަށް ދަންނަވައިފަ އެވެ.

ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ ސެން ޓީޗަރުން ތަމްރީނުކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ. މި ދާއިރާގެ އިތުރުން އަދިވެސް މަދުކޮށް ތިބި އެހެން ދާއިރާތަކުން ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތް މި އަހަރުގެ މެދުތެރޭގައި ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އޭގެ ތެރެއިން ސެން ޓީޗަރުންނަށް ހާއްސަ އިސްކަމެއްދީގެން އެ ދާއިރާއިން ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނަން،" ރައީސް ވިދާޅުވި އެވެ.

ސެން ޓީޗަރުންނަށް ރިސްކް އެލަވަންސް ލިބުން ހުއްޓުނީ ކުރީ ސަރުކާރުން އަމަލުކުރަން ފެށި ޓީޗަރުންގެ އާ ޕޭ ފްރޭމްވޯކްގެ ތެރެއިން މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުތަކުގެ ސަބަބަބުންނެވެ. އެކަމާ ގުޅިގެން އެ ޓީޗަރުން އޭރު ވެސް ކަންބޮޑުވުން ފާޅުކުރި އެވެ.

"އެހެން ނަމަވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ތިޔަ ވިދާޅުވި ކަންތަކުގައި، ސެން ޓީޗަރުންނަށް ރިސްކް އެލަވަންސެއް ނޫނީ ހާއްސަ އިތުރު ފައިސާގެ އިނާޔަތެއް ލިބޭނެ ގޮތް ސަރުކާރުން ހަމަޖައްސައިދޭނަން،" ރައީސް ވިދާޅުވި އެވެ.

ތައުލީމީ ދާއިރާގައި ދިވެހި ޓީޗަރުން އިތުރުކުރަން ގައުމީ މަޝްރޫއެއް ވަރަށް އަވަހަށް ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވެސް ކުރިން ވިދާޅުވެފައިވެ އެވެ.

ތައުލީމީ ދާއިރާއަށް ވަންނަ ދިވެހިންގެ އަދަދު މަދުވާ އެއް ސަބަބަކީ މަސައްކަތާ އެއްވަރުގެ މުސާރައެއް ނުލިބުން ކަމަށް ބުނެ، ކުރީގެ ސަރުކާރުން މެއި، 2022 ގައި ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރަ ބޮޑުކުރި އެވެ. ނަމަވެސް، އޭގެ ފަހުން ވެސް، ޓީޗިންނަށް ވަންނަ ދަރިވަރުންގެ އަދަދަށް މާ ބޮޑު ބަދަލުތަކެއް ނާންނަ ކަމަށް ކޮލެޖު/ޔުނިވާސިޓީތަކުން ބުނެފައިވެ އެވެ.