Roadha Mihaaru
އޮޑިޓް އޮފީހުގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކޮށްފި

އޮޑިޓް އޮފީހުގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކޮށްފި

02 ޑިސެމްބަރ 2020

އޮޑިޓާ ޖެނެރަލް އޮފީހުގެ ކުރިއަށް އޮތް ހަތަރު އަހަރުގެ ސްޓްރެޓެޖިކް ޕްލޭން ރޭ އިފްތިތާހު ކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އޮޑިޓާ ޖެނެރަލް އޮފީހުގެ ކުރިއަށް އޮތް ހަތަރު އަހަރުގެ ސްޓްރެޓެޖިކް ޕްލޭން ރޭ އިފްތިތާހު ކޮށްފި އެވެ.

އެ އޮފީހަށް 72 އަހަރު ފުރުމާ ގުޅިގެން ބޭއްވި ހާއްސަ ހަފްލާގައި މި ޕްލޭން އިފްތިތާހު ކޮށްދެއްވީ އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތާއި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ.

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ ގައުމުގެ ވެރިން ޒިންމާދާރު ކުރުވައި އިސްރާފު މަދު ކުރުމަކީ އޮޑިޓް އޮފީހުން ކުރަމުން އަންނަ ގައުމީ މަސައްކަތެއް ކަމަށެވެ. އަދި މިއީ ފަރުދުންގެ މަސްލަހަތާއި ގައުމުގެ ފާގަތިކަމާ ގުޅިފައިވާ ހިދުމަތެއް ކަމުން އެންމެ ފުރިހަމަ ގޮތުގައި ހިދުމަތް ފޯރުކޮށްދިނުމަށް އޮޑިޓް އޮފީހުގެ މަސައްކަތްތައް ހަލުއި ކުރަން އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިފަދަ މުއައްސަސާއެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ގައުމާއި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި މަސައްކަތުގެ ހަލުއިކަން އިތުރުކުރަން ޖެހޭ. އަދި އޮޑިޓްތަކުން ފާހަގަވާ ކަންކަން ތަންފީޒު ކުރުމަށް އިތުރު ފިޔަވަޅު އެޅެން ޖެހޭ. ޒަމާނާއި ހާލަތަށް އައިސްފައިވާ ބަދަލުތަކާ އެކު ޓެކްނޮލޮޖީ އަށް އަހުލުވެރި އަދި އީޖާދީ ހިޔާލުތަކަށް ފަހި ބަޔަކަށް އަޅުގަނޑުމެން ވާން ޖެހޭ،" ޒިޔަތު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރިއަށް އޮތް ހަތަރު އަހަަރުގެ ސްޓްރެޓެޖިކް ޕްލޭން އަމާޒު ހިފައިފައިވާނީ މިދެންނެވި ކަންކަން ހާސިލް ކުރަން. މިކަމުގައި އަޅުގަނޑުމެންގެ ގަސްތަކީ ދައުލަތުގެ މުދަލަށް ފާރަވެރިވެ، ވެރިން ޒިންމާދާރު ކުރެވި، އިސްރާފާއި ފަސާދަ މަދު ކުރުމާއި ދެ ފުށް ފެންނަ ނިޒާމެއް ދައުލަތުގައި ގާއިމް ކުރުން."

އޮޑިޓް އޮފީހުގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާގެ ޝަރަފުވެރި މެހެމާނު  ކިނބިދޫ ދާއިރާގެ މެމްބަރު އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒު ވާހަކަ ދައްކަވަނީ-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އޮޑިޓް އޮފީހުގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާގެ ޝަރަފުވެރި މެހެމާނު ކިނބިދޫ ދާއިރާގެ މެމްބަރު އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒު ވާހަކަ ދައްކަވަނީ-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

މި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒު ވިދާޅުވީ މަޖިލީހުން ބޭނުންވާ އެއްބާރުލުން އޮޑިޓް އޮފީހަށް މިހާރު ވެސް ދެމުން އަންނަ ކަމަށެވެ. އަދި މި ސްޓްރެޓެޖިކް ޕްލޭނާއެކު އެ މުއައްސަސާގެ ހިންގުން އިތުރަށް ފުރިހަމަވެ، ފެންވަރު ރަނގަޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސްޓްރެޓެޖިކް ޕްލޭނެއް އޮވެގެން އޮފީސްތަކުގެ މިސްރާބާއި މަސައްކަތް ބައްޓަންވެގެން ދިއުމަކީ ހިދުމަތުގެ ފެންވަރު މުސްތަގްބަލުގައި ރަނގަޅުވެގެންދާނެ ކަމެއް. އަދި ކުރަންވީ ކަންކަމާއި ނުކުރަންވީ ކަންކަން ވެސް ސްޓްރެޓެޖިކް ޕްލޭނެއް އޮތުމުން އެނގިގެންދާނެ." ނާޝިޒު ވިދާޅުވި އެވެ.

ނާޝިޒު ވަނީ އޮޑިޓް އޮފީހަށް އޮފީހުގެ އާ އިމާރާތް ހެދުމުގެ މަސައްކަތް އަންނަ އަހަރު ކޮންޓްރެކްޓަ ފައިނޭންސްގެ އުސޫލުން ފަށާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. މި އިމާރާތް ހެދުމަށް ވަކި ބަޖެޓެއް ކަނޑަނޭޅުނީ ކޮވިޑް-19ގެ ސަބަބުން ރާއްޖެ އަށް އިގްތިސާދީގޮތުން ދިމާވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.