Roadha Mihaaru
ބްރޯޑްކޮމުން ފައިސާ ހޯދަން މަސައްކަތެއް ނުކުރޭ: އޮޑިޓް

ބްރޯޑްކޮމް މެދުވެރިކޮށް ލިބެންޖެހޭ ފައިސާ ހޯދަން އެކަށީގެންވާ މަސައްކަތެއް ނުކުރޭ: އޮޑިޓް ރިޕޯޓް

20 ޑިސެމްބަރ 2020

ބްރޯޑްކާސްޓަރުންނާއި ރީ-ބްރޯޑްކާސްޓަރުންގެ އަތުން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން ބްރޯޑްކާސްޓިން ކޮމިޝަނުން އެކަށީގެންވާ މަސައްކަތް ކޮށްފައި ނުވާ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަންގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބްރޯޑްކާސްޓަރުންނާއި ރީ-ބްރޯޑްކާސްޓަރުންގެ އަތުން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން ބްރޯޑްކާސްޓިން ކޮމިޝަނުން އެކަށީގެންވާ މަސައްކަތް ކޮށްފައި ނުވާ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަންގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި ބްރޯޑްކާސްޓިން ކޮމިޝަންގެ އޮޑިޓް ރިޕޯޓުގައި ވަނީ ބްރޯޑްކާސްޓިން ގަވާއިދާއި ރީ-ބްރޯޑްކާސްޓިން ގަވާއިދުގެ ދަށުން ދައްކަންޖެހޭ އަހަރީ ފީ ކޮންމެ އަހަރެއްގެ މާޗު މަހުގެ ނިޔަލަށް ނުދައްކައިފި ނަމަ ޖޫރިމަނާ ކުރެވޭ ގޮތަށް އޮތަސް، އަހަރީ ފީ އާއި ޖޫރިމަނާ ހޯދަން އެ ކޮމިޝަނުން އެކަށީގެންވާ މަސައްކަތް ކޮށްފައިނުވާ ކަމަށެވެ.

އެގޮތުން އޮޑިޓް ސާމްޕަލްގެ ނެގިއިރު، ލައިސަންސް ފީ އާއީ ޖޫރިމަނާގެ ގޮތުގައި 4.2 މިލިއަން ރުފިޔާ ނުލިބި ހުރި ކަމަށް ރިޕޯޓުގައިވެ އެވެ. އެ މައްސަލަތައް ޝަރީއަތަށް ހުށަހަޅާފައި ނުވާ ކަމަށް ވެސް އެ އޮޑިޓަ ޖެނެރަލް ފާހަގަކުރައްވާފައި ވެ އެވެ. އޭގެ ތެރޭގައި ބްރޯޑްކާސްޓިން ފީ އާއި ރީ-ބްރޯޑްކާސްޓިން ފީގެ ގޮތުގައި 2015 ވަނަ އަހަރު ލިބެންޖެހޭ ފައިސާ ވެސް ހިމެނެ އެވެ.

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން އެކަށީގެންވާ މަސައްކަތް ނުކުރާ ނަމަ، އެ ފައިސާ އިން ދައުލަތަށް ލިބެންޖެހޭ މަންފާ ނުލިބި ހުއްޓިދާނެ ކަމަށާއި އެހެންވެ، މާލިއްޔަތު ގަވާއިދާ އެއްގޮތަށް ފައިސާ ދައްކަން ހަނދާންކޮށްދީ ލިޔުން ފޮނުވުމަށާއި ފައިސާ ނުދައްކައިފި ނަމަ އެ މައްސަލަ ޝަރީއަތަށް ފޮނުވަން އެ ރިޕޯޓުގައި އަންގާފައިވެ އެވެ.

އޮޑިޓު ރިޕޯޓުގައިވާ ގޮތުން ބްރޯޑްކާސްޓިން ކޮމިޝަނަށް ލިބެންޖެހޭ ފައިސާ ހޯދަން އެކަށީގެންވާ މަސައްކަތް ނުކުރާ މައްސަލަ މިދިޔަ އަހަރުގެ އެ ކޮމިޝަންގެ އޮޑިޓް ރިޕޯޓުގައި ވެސް ފާހަގަ ކޮށްފައިވެ އެވެ.