Roadha Mihaaru
އެމްއާރްޑީސީގެ ހާއްސަ އޮޑިޓް: ބޮޑެތި ގޯސްތަކެއް

އެމްއާރްޑީސީގެ ހާއްސަ އޮޑިޓް: ގޯސްތަކާ ހެދި މިިލިއަނުން ގެއްލުން!

22 ޑިސެމްބަރ 2020

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އިން މުދަލާއި ހިދުމަތް ހޯދުމުގައި ގޯސްތަކެއް ހަދައި، ދައުލަތައް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް އެ ކުންފުނީގެ ޕްރޮކިއުމަންޓާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އިން މުދަލާއި ހިދުމަތް ހޯދުމުގައި ގޯސްތަކެއް ހަދައި، ދައުލަތައް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް އެ ކުންފުނީގެ ޕްރޮކިއުމަންޓާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މިއަދު އާންމުކުރެއްވި އެމްއާރްޑީސީގެ ހާއްސަ އޮޑިޓަކީ އެ ކުންފުނިން 2015 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކޮށްފައިވާ ގޮތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރެވެ.

އޮޑިޓު ރިޕޯޓުގައިވާ ގޮތުން އެމްއާރްޑީސީން 200 ޓަނުގެ ލޭންޑިން ކްރާފްޓެއް ގަތުމަށް އޮކްޓޫބަރު 8، 2014 ގައި އަމިއްލަ ކުންފުންޏަކާ ހަވާލުކޮށް އެޑްވާންސް ފައިސާގެ ގޮތުގައި 7.4 މިލިއަން ރުފިޔާ ދީފައިވެ އެވެ. އޭގެ ތެރެއިން 5.2 މިލިއަން ރުފިޔާ ދީފައި ވަނީ ޕްރޮކިއުމަންޓްގައި އެމްއާރްޑީސީން އަމަލު ކުރަމުން އައި ގަވައިދުގައި ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް ކަމަށް އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ. ސަޕްލައި ކުރި އެ ލޭންޑިން ކްރާފްޓްތަކަކީ އެއްބަސްވުމުގައިވާ ޓެކްނިކަލް ސްޕެސިފިކޭޝަން އަށް ފެތޭ އުޅަނދެއް ކަމަށް އެމްއާރްޑީސީ އަށް ނުފެންނާތީ އެ ތަކެއްޗާ ހަވާލު ނުވެ، އެއްބަސްވުން އުވައިލި ނަމަވެސް އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 7.4 މިލިއަން ރުފިޔާ އެމްއާރްޑީސީ އަށް އަނބުރާ ލިބިފައި ނުވާ ކަމަށް ރިޕޯޓުގައި ވެ އެވެ.

އެމްއާރްޑީސީ އަށް 5000 މެޓްރިކް ޓަނުގެ ސިމެންތި ސަޕްލައި ކުރުމަށް ހަވާލުކުރި ކުންފުންޏާއެކު ހެދި އެއްބަސްވުމުގައި މަސައްކަތުގެ އަގު ދިނުމަށް ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް އެ ކުންފުންޏަށް ފައިސާ ދީފައިވާ ކަމަށް ވެސް އޮޑިޓުގައި ބުނެފައި ވެ އެވެ. އެގޮތުން އެ ކުންފުނިން ސިމެންތި ސަޕްލައި ކުރުމުގެ ކުރިން އެއްބަސްވުމުގައިވާ ޖުމުލަ އަގު ކަމަށްވާ 10.05 މިލިއަން ރުފިޔާ އެޑްވާންސްކޮށް ދީފައިވެ އެވެ.

އެމްއާރުޑީސީން ސިމެންތި ސަޕްލައިކޮށްދިނުން ލަސްވި ދުވަސްތަކަށް ޖޫރިމަނާގެ ގޮތުގައި އެއްބަސްވުމުގެ ޖުމުލަ އަގުން އެއް މިލިއަން ރުފިޔާ އެޑްވާންސް ފައިސާގެ ތެރެއިން އަނބުރާ ހޯދަން ޖެހޭއިރު، އެ ފައިސާ ވެސް ހޯދާފައި ނުވާ ކަމަށާއި އެ ކުންފުނިން ސަޕްލައި ކުރި ސިމެންތި ބަސްތާތަކުގެ ތެރެއިން ހަލާކުވެފައިވާ ސިމެންތި ބަސްތާތަކުގެ ބަދަލު ހޯދާފައި ނުވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އޮޑިޓު ރިޕޯޓުގައިވާ ގޮތުން އެމްއާރްޑީސީ އަށް އިންޓަ ލޮކިން ޒިގްޒެގް ގާ ސަޕްލައިކޮށްދިނުމުގެ މަސައްކަތާ ހަވާލުވި ކުންފުންޏާއެކު ހެދި އެއްބަސްވުުމުގެ ދަށުން އެ ކުންފުންޏަށް ދޭން ޖެހޭ ފައިސާ ދެއްކުން ލަސްވުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި 2.29 މިލިއަން ރުފިޔާ ދީފައި ވެ އެވެ. އަދި ހަތަރު ރަށެއްގެ މަގު ހެދުމަށް ކުއްޔަށް ހިފި ވެހިކަލްތަކުގެ ބޭނުން ނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި އޮތްއިރު، ކުލީގެ ގޮތުގައި 5.53 މިލިއަން ރުފިޔާ ވެސް ހަރަދުކޮށްފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މި މައްސަލަތަކާ ގުޅޭ ގޮތުން އޮޑިޓް އޮފީހުން ދީފައިވާ ލަފައަކީ އެމްއާރްޑީސީ އަށް ލިބުނު މާލީ ގެއްލުންތަކުގައި އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށްޓަކައި މައްސަލަ ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށެވެ.