Roadha Mihaaru

މިދިޔަ ކުއާޓަރުގައި އައި ޓޫރިސްޓުންގެ އަދަދު 95 ޕަސެންޓް ދަށަށް

މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާ ބަލާއިރު މި އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 95 ޕަސެންޓު ދަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ދިރާސާއަކުން ދައްކައިފި އެވެ.

ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 95 ޕަސެންޓު ދަށަށް
އިދުހާމް ނައީމް
އިދުހާމް ނައީމް

26 ނޮވެމްބަރ 2020

މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާ ބަލާއިރު މި އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 95 ޕަސެންޓު ދަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ދިރާސާއަކުން ދައްކައިފި އެވެ.

ޓޫރިޒަމް ދާއިރާގެ ކުންފުނިތަކާއި ސަރުކާރުގެ އިދާރާތަކާއި ބޭންކުތަކުގެ މައުލޫމާތުތަކަށް ބިނާކޮށް، އެމްއެމްއޭއިން ނެރުނު ކުއާޓަލީ އިކޮނޮމިކް ބުލެޓިންގައި ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ރާއްޖެ އަށް ޒިޔާރަތްކުރީ 389،101 ޓޫރިސްޓެކެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ 18،918 އަށް ދަށްވެފަ އެވެ.

މިއާއެކު ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އޮކިއުޕެންސީ ރޭޓާއި ޓޫރިސްޓުން ކުރާ ހަރަދު ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެގޮތުން، އޮކިއުޕެންސީ ރޭޓު ނުވަ ޕަސެންޓަށް އަދި ހަރަދުތައް ވަނީ 83 ޕަސެންޓު ދަށްވެފަ އެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިތުރުން ދުނިޔޭގެ ޓޫރިޒަމަށް ވެސް މި އަހަރުގެ ތެރޭގައި ވަނީ ނޭދެވޭ އަސަރުކޮށްފަ އެވެ. އެގޮތުން، ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާ ގުޅިގެން ދެވަނަ ކުއާޓަރުގައި ޓޫރިޒަމް އެއްކޮށް އޮތީ ހުއްޓިފަ އެވެ. ނަމަވެސް މިހާރު ބޯޑަރު އަލުން ހުޅުވައި ޓޫރިސްޓުން އަންނަން ފެށުމުން ޓޫރިޒަމް ދާއިރާ އަންނަނީ ރަނަގަޅު ވަމުންނެވެ.

އެމްއެމްއޭގެ ދިރާސާ އިން ދައްކާގޮތުގައި މި ހާލަތުގައި ވެސް ޓޫރިސްޓުން ރާއްޖޭގައި ހޭދަ ކުރާ ދުވަހުގެ އަދަދު ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ޓޫރިސްޓަކު އެވްރެޖުކޮށް ހަ ދުވަސް ރާއްޖޭގައި ހޭދަ ކުރިއިރު މި އަހަރުގެ އެ މުއްދަތުގެ ތެރޭގައި ޓޫރިސްޓަކު އެވްރެޖުކޮށް 11 ދުވަސް ހޭދަކުރެ އެވެ.

މިދިޔަ ކުއާޓަރުގައި ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ ޔޫރަޕުގެ ގައުމުުތަކުންނެވެ. އެއީ ޖުމްލަ އައި ޓޫރިސްޓުންގެ 55 ޕަސެންޓެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ 441،952 އަށް އަރައިފަ އެވެ. ބޯޑަރު އަލުން ހުޅުވި ފަހުން އައި 59،105 ޓޫރިސްޓުން މީގެ ތެރޭގައި ހިމެނެ އެވެ.

މިދިޔަ ކުއާޓަރު ނިމުނު އިރު ރާއްޖޭގެ 83 ރިސޯޓާއި 107 ސަފާރީގެ އިތުރުން 27 ގެސްޓު ހައުސް އާއި 10 ހޮޓަލެއް ވަނީ ޓޫރިސްޓުންނަށް ހުޅުވައިލައިފަ އެވެ.