Roadha Mihaaru
ޕީކޭ އަށް ސީޒަން ނިމުމުގެ ބިރު ބޮޑު

ޕީކޭ އަށް ސީޒަން ނިމުމުގެ ބިރު ބޮޑު

23 ނޮވެމްބަރ 2020

ބާސެލޯނާ (ނޮވެމްބަރު 23) - ސްޕެނިޝް ލީގުގައި އެންމެ ފަހުން އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވި މެޗުގައި ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ އަށް ދެން މި ސީޒަނުގައި ނުކުޅެވުމުގެ ފުރުސަތު ބޮޑު ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 33 އަހަރުގެ ޕީކޭގެ ކަކުލަށް އަނިޔާވުމާ ގުޅިގެން ހެދި ސްކޭންތަކުން އެނގުނީ އޭނާ ކަކުލުގެ ލިގަމެންޓަށް ބޮޑު ގެއްލުމެއްވެފައިވާ ކަމަށެވެ. އޭނާގެ ސްކޭންތައް ބެލި ޑޮކްޓަރު ޕެޑްރޯ ލުއީޒް ރިޕޯލްއާ ހަވާލާދީ ސްޕެއިނުގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި މިހާރު ފެންނަ ފެނުމުގައި ޕީކޭ އެއްކޮށް ރަނގަޅުވެ އެނބުރި ދަނޑަށް އަންނަން މަދުވެގެން ހަ މަސް ނަގާނެ އެވެ. އަދި ކުރިން ޕީކޭ އަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކާ ހުރެ އޭނާގެ ރިކަވަރީ ލަސްވެއްޖެނަމަ އޭނާ އަށް އަލުން ކުޅެވޭވަރު ވާނީ އަށް މަސް ފަހުން ކަމަށް ޑޮކްޓަރު ޕެޑްރޯ ވަނީ ބުނެފަ އެވެ.

ބާސެލޯނާގެ ޖޯޑީ އަލްބާ ކުރި ޓެކުލްއެއްގައި އެތުލެޓިކޯ މެޑްރިޑްގެ އެންހެލް ކޮރޭއާ ވެއްޓުނީ ޕީކޭ ފައި މައްޗަށެވެ. ކޮރޭއާ ވެއްޓުނު ވަގުތު ޕީކޭގެ ކަކޫ އެނބުރުނު ގޮތުން އަނިޔާވުމާ އެކު ދަނޑުމަތީގައި ވެސް އޭނާ އަށް ފަރުވާ ދިނުމަށް ފަހު ފަހުން ވަނީ ބަދަލުކޮށްފަ އެވެ.

ޕީކޭގެ އަނިޔާގެ މައްސަލަ އަކީ ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން އަށް ކުރިމަތިވާނެ އަނެއް ބޮލުގެ ރިހުމެވެ. ލީގުގައި މި މަހު 10 ވަަނަ ދުވަހު ރެއާލް ބެޓިސް އަތުން ބާސެލޯނާ މޮޅުވި މެޗުގައި އެ ޓީމުގެ ޒުވާން ތަރި އަންސޫ ފާޓީގެ ކަކުލަށް އަނިޔާވުމުން އޭނާ ވަނީ ހަތަރު މަހަށް ކުޅުމާ ދުރަށް ދާން ޖެހިފަ އެވެ.