Roadha Mihaaru
ޕީކޭ ފުޓްބޯޅައިގެ ބޮޑު ދެ ޕްރޮޖެކްޓަަކާ ދިމާލަށް

ޕީކޭ ފުޓްބޯޅައިގެ ބޮޑު ދެ ޕްރޮޖެކްޓަަކާ ދިމާލަށް

27 ނޮވެމްބަރ 2018

ބާސެލޯނާ (ނޮވެމްބަރު 27) - ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިނުގެ ޑިފެންޑަރު ފުޓްބޯޅައިގެ ދެ ޕްރޮޖެކްޓެއް ފަށަން ވިސްނަމުން އަންނަ ކަމަށް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބާސެލޯނާ (ނޮވެމްބަރު 27) - ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިނުގެ ޑިފެންޑަރު ފުޓްބޯޅައިގެ ދެ ޕްރޮޖެކްޓެއް ފަށަން ވިސްނަމުން އަންނަ ކަމަށް ބުނެފި އެވެ.

ސްޕެއިނުގެ ނޫހަކަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނީ ފުޓްބޯޅައިގެ ދެ ޕްރޮޖެކްޓަކީ އޭނާ ރިޓަޔަކުރުމަށް ފަހު އަމިއްލަ ލެގަސީ ހިފެހެއްޓުމުގެ ގޮތުން ވިސްނަމުން އަންނަ ކަމެއް ކަމަށެވެ.

"އަހަރެން މި އަންނަނީ ދެ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުން. ފުރަތަމަ ކަމަކަށް އަހަރެންގެ ޝައުގުވެރިކަން ހުރީ ފުޓްބޯޅަ ޓީމެއް ގަންނަން. އެކަމާ ބެހޭގޮތުން އަހަރެން މި ވަގުތު އިތުރު މައުލޫމާތެއް ހާމަނުކުރާނަން. ދެ ވަނަ ކަމަކީ ފުޓްބޯޅަ މުބާރާތެއް ފެށުން. ނޫނީ މިހާރު އޮތް މުބާރާތެއް ރީބްރޭންޑް ކުރުމުގެ ފުރުސަތު ވެސް އެބައޮތް،" އުމުރުން 31 އަހަރުގެ ޕީކޭ ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުން ޕީކޭ މަސައްކަތް ކުރަމުން އަންނަނީ އިނގިރޭސި ދެ ވަނަ ނޫނީ ތިން ވަނަ ޑިވިޝަނުގައި އޮތް ކްލަބެއް ގަތުމަށެވެ.

ފުޓްބޯޅައިގެ އިތުރުން ގިނަ ވިޔަފާރިތަކެއްގައި ހިއްސާ އޮންނަ ޕީކޭ ވަނީ ދާދި ފަހުން ޓެނިހުގެ މުބާރާތެއް ވެސް އިއުލާނުކޮށްފަ އެވެ. ޕީކޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކޮސްމޯސް އިންވެސްޓްމަންޓް ގްރޫޕުން ވަނީ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް)އާ އެކު ގުޅުން ބަދަހިކޮށް، އަހަރު ފަހުކޮޅުގައި އޮންނަ ފިރިހެން ޓީމް އިވެންޓް ޓެނިސް މުބާރާތް ކަމަށްވާ މަޝްހޫރު ޑޭވިސް ކަަޕަށް ބަދަލުތަކެއް ގެންނަން މަޝްވަރާ ކޮށްފަ އެވެ. މިހާރު އެ ބަދަލުތައް ވަނީ އައިޓީއެފް އިން ފާސްވެސް ކޮށްފަ އެވެ. އެ މުބާރާތް ތާވަލްކޮށްފައިވަނީ އަންނަ އަހަރު ފަހުކޮޅަށެވެ.

ވިޔަފާރީގެ ފައިދާ އަށް ވިސްނައިގެން ޕީކޭ ޓެނިހުގައި ނުރަނގަޅު ނުފޫޒެއް ފޯރުވަން އުޅޭ ކަމަށް ބުނެ މަޝްހޫރު ގިނަ ޓެނިސް ކުޅުންތެރިންތަކެއް ވަނީ ޕީކޭ އަށް ފާޑުކިޔައިފަ އެވެ. އޭގެ ތެރޭގައި މަޝްހޫރު ޓެނިސް ކުޅުންތެރިއާ ސްވިޒަލެންޑުގެ ރޮޖާ ފެޑެރާ ހިމެނެ އެވެ.

ޕީކޭ ބުނީ އޭނާ ބޭނުންވަނީ ޓެނިހުގެ ތަރިންނާ އެކު މަޝްވަރާކޮށް އެ ކުޅުންތެރިންގެ ފައިދާ އަށް މުބާރާތް ބޭއްވުމަށް ކަމަށެވެ. އަދި ފުޓްބޯޅަ ކުޅުންތެރިއަކަށް ވިޔަސް ވިޔަފާރީގެ ކަންކަމުގައި އެހެން ކުޅިވަރުތަކުގައި ނޫޅެވެންވީ ސަބަބެއް ނެތް ކަމަށް ޕީކޭ ވަނީ ބުނެފަ އެވެ.

ސްޕެއިނުގެ ކޯޓަކުން ވަނީ އިއްޔެ ޕީކޭ 54،000 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ. އެއީ ދާދި ފަހުން ފޭކް ލައިސަންސެއް ހިފައިގެން ކާރު ދުއްވި މައްސަލައިގަ އެވެ. މީގެ ކުރިން 2015 ވަނަ އަހަރު ދެ ފުލުހުންނާ ބޭއަދަބީ ބަހުން ވާހަކަ ދެއްކި މައްސަލައެއްގައި 11،900 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.