Roadha Mihaaru
ޓީވީ ޝޯތަކުގައި ބައިވެރިނުވާން ޕީކޭއަށް ޒަވީ އަންގައިފި

ޓީވީ ޝޯތަކުގައި ބައިވެރިނުވާން ޕީކޭ އަށް ޒަވީ އަންގައިފި

11 ނޮވެމްބަރ 2021

ބާސެލޯނާގެ ޑިފެންޑަރު، ޖެރާޑް ޕީކޭ ބައިވެރިވާން ހަމަޖައްސާފައިވާ ޓީވީ ޝޯތަކަށް ނާރަން، ބާސެލޯނާގެ އާ ކޯޗު ޒަވީ ހެނާންޑޭޒް، ޕީކޭ އަށް އަންގައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބާސެލޯނާގެ ޑިފެންޑަރު، ޖެރާޑް ޕީކޭ ބައިވެރިވާން ހަމަޖައްސާފައިވާ ޓީވީ ޝޯތަކަށް ނާރަން، ބާސެލޯނާގެ އާ ކޯޗު ޒަވީ ހެނާންޑޭޒް، ޕީކޭ އަށް އަންގައިފި އެވެ.

ބާސާގެ ކޯޗުކަމާ ރަސްމީކޮށް ހަވާލުވުމުގެ ކުރިން ޒަވީ ބުނެފައި ވަނީ ޓީމެއް ކާމިޔާބާ ހަމައަށް ގެންދިއުމުގައި އެންމެ މުހިންމު ކަމަކީ އެ ޓީމެއްގެ ކުޅުންތެރިން ޑިސިޕްލިންވުން ކަމަށެވެ.

މި ސީޒަނަކީ ބާސާ އަށް ދަށް ސީޒަނެކެވެ. ބުރަ މަސައްކަތާއި ޑިސިޕްލިން ޓީމަށް އަނބުރާ ގެންނަން ޒަވީ ބާރު އަޅާކަން އޭނާ ހާމަކުރީ، ޕީކޭ ބައިވެރިވާން ހުރި ޓީވީ ޝޯތަކުގައި ބައިވެރިނުވާން އަންގަމުންނެވެ.

ކަޓަލާންގެ ޓީވީއެއްގެ މަޖާ ޝޯއެއްގައި އަންނަ ހަފުތާގައި ބައިވެރިވާން ޕީކޭ އޮތީ ނިންމައިފަ އެވެ. އެ ޝޯގައި ޖެހޭނީ މަޖާ އެކި ގޭމްތަކުގައި އޭނާ ބައިވެރިވާށެވެ. އޮކްޓޯބަރު 2019 ގައި ވެސް ޕީކޭ ވަނީ އެ ޝޯގައި ބައިވެރިވެފަ އެވެ.

އެކަމަކު މިފަހަރު ޕީކޭ އަށް ފުރުސަތު ގެއްލުނީ ކުރިން ޕީކޭ އާ އެކު ބާސާ އަށް ކުޅުނު ޒަވީގެ އެންގުމަކާ ގުޅިގެންނެވެ.

ގަތަރުގެ އަލް ސާދުގެ ކޯޗުގެ ގޮތުގައި ކުރިން ހުރި ޒަވީ ބާސާ އަށް ބަދަލުވުމަށް ސާދަށް ބައްދަލުގެ ގޮތުގައި ދައްކަން ޖެހޭ 7.8 މިލިއަން ޑޮލަރުގެ ތެރެއިން ދެބައި ކުޅަ އެއްބައި ދައްކަނީ ޒަވީ އަމިއްލަ އަށެވެ. ޒަވީގެ ކޯޗުކަމުގެ ދަށުން ބާސާ ކުޅޭ ފުރަތަމަ މެޗު އޮންނާނީ، މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ބްރޭކަށް ފަހު އެވެ. އޭނާގެ ފުރަތަމަ މެޗުގައި ބާސާ ނުކުންނާނީ ލޯކަލް ވާދަވެރިޔާ އެސްޕަންޔޯލް އާދެކޮޅަށެވެ.

ބަސާގެ ކޯޗްކަމާ މިދިޔަ ހަފުތާ ހަވާލުވެ، ޒަވީ ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެ ޓީމުގައި ކުރިން އެސިސްޓެންޓް ކޯޗުންގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ގިނަ ކޯޗުން ޒަވީ ވަނީ މަގާމުން ދުރުކޮށްފަ އެވެ. އޭގެ ތެރޭގައި އޭއެފްސީ ކަޕުގައި އިންޑިއާގެ ބެންގަލޫރު އެފްސީ ގޮވައިގެން 2018 ގައި ރާއްޖެ އައި އަލްބަޓް ރޮކާ ވެސް ހިމެނެ އެވެ. ބާސާގެ ކޯޗުކަމުން މިދިޔަ މަހު ވަކި ކުރި ރޮނަލްޑް ކޫމަންގެ ކޯޗިން ޓީމުގައި ރޮކާ މަސައްކަތް ކުރީ ބާސާގެ ސީނިއާ ފިޓްނަސް ކޯޗެއްގެ ގޮތުގަ އެވެ.