Roadha Mihaaru
އެސްޕަންޔޯލާ އެއްވަރުކޮށް ބާސާ ރެކޯޑެއް ހަދައިފި

އެސްޕަންޔޯލާ އެއްވަރުކޮށް ބާސާ ރެކޯޑެއް ހަދައިފި

05 ފެބުރުއަރީ 2018

ބާސެލޯނާ (ފެބްރުއަރީ 5) – ޖެރާޑް ޕީކޭ ޖެހި ގޯލާ އެކު އެސްޕަންޔޯލާ 1-1 އިން އެއްވަރުކޮށް ބާސެލޯނާ އިން މި ސީޒަނުގެ ސްޕެނިޝް ލީގުގައި ބަލިނުވެ 22 މެޗު ފުރިހަމަކޮށް ކްލަބުގެ ރެކޯޑެއް ގާއިމްކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ބާސެލޯނާ (ފެބްރުއަރީ 5) – ޖެރާޑް ޕީކޭ ޖެހި ގޯލާ އެކު އެސްޕަންޔޯލާ 1-1 އިން އެއްވަރުކޮށް ބާސެލޯނާ އިން މި ސީޒަނުގެ ސްޕެނިޝް ލީގުގައި ބަލިނުވެ 22 މެޗު ފުރިހަމަކޮށް ކްލަބުގެ ރެކޯޑެއް ގާއިމްކޮށްފި އެވެ.

ސްޕެނިޝް ލީގުގެ ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ރޭ ވެލެންސިއާ އަތުން 1-0 އިން މޮޅުވުމާ އެކު އެއް ވަނައިގައި ބާސެލޯނާ ނަގާފައިވާ ލީޑު ވަނީ ނުވަ ޕޮއިންޓަށް ކުޑަވެފަ އެވެ. ބާސެލޯނާ އަށް 58 ޕޮއިންޓް ލިބިފައިވާއިރު އެތުލެޓިކޯ ދެ ވަނައިގައި އޮތީ 49 ޕޮއިންޓާ އެކު އެވެ.

މި މެޗު އެއްވަރުވުމުން ބާސެލޯނާ އަށް ވަނީ، 39 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތް ރެއާލް މެޑްރިޑާ ތަފާތު ބޮޑުކޮށްލަން ލިބުނު ފުރުސަތު ގެއްލިފަ އެވެ. އެ ޓީމު ވަނީ ހޮނިހިރު ދުވަހުގެރޭ ލެވަންޓޭއާ 2-2 އިން އެއްވަރުވެފަ އެވެ. މި ވަގުތު ދެ ޓީމުގެ މެދުގައި އޮތީ 19 ޕޮއިންޓުގެ ފަރަގެކެވެ.

އެސްޕަންޔޯލުގެ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި އެ ޓީމުން ކުރި ހޯދީ 66 ވަނަ މިނެޓުގައި ޖެރާޑް މޮރޭނޯ ޖެހި ގޯލުންނެވެ. ބާސެލޯނާ އަށް ޕީކޭ އެއްވަރުކޮށްދިނީ 82 ވަނަ މިނެޓުގަ އެވެ. މިއީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެރި ލިއޮނަލް މެސީ ނެގި ހިލޭ ޖެހުމަކުން ޕީކޭ ޖެހި ގޯލެކެވެ.

ބޯވާރޭގެ ތެރޭގައި ކުޅުނު މި މެޗުގައި، ބާސެލޯނާއާ ރެކޯޑް އަގަކަށް ގުޅުނު ފިލިއްޕޭ ކުޓީނިއޯ ވަނީ އޭނާގެ ކުރީގެ ކްލަބް އެސްޕަންޔޯލުގެ ގޯލަށް ނުރައްކާތެރި ހަމަލައެއް ފޮނުވާލައިފަ އެވެ. އެ ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ބާސެލޯނާ އިން ބަލިނުވެ 22 މެޗު ފުރިހަމަކުރިއިރު ކުރީގެ ރެކޯޑަކީ ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން 2009/2010 ގެ ސީޒަނުގައި ބަލިނުވެ 21 މެޗު ފުރިހަމަކޮށްގެން ހެދި ރެކޯޑެވެ.