Roadha Mihaaru
ބާސާ އަށް ހަމަޖެހުމެއް އަތުވެއްޖެ: ޒަވީ

ބާސާ އަށް ހަމަޖެހުމެއް އަތުވެއްޖެ: ޒަވީ

02 މެއި 2022

ބާސެލޯނާ (މެއި 2) - ލަ ލީގާ ގައި ބާސެލޯނާ އިން އަމިއްލަ ދަނޑުގައި 2-1 އިން ރެއާލް މަޔޯކާ ބަލި ކުރެވުމުން ހަމަޖެވުމެއް ލިބިއްޖެ ކަމަށް ބާސާގެ ނޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ބާސެލޯނާ (މެއި 2) - ލަ ލީގާ ގައި ބާސެލޯނާ އިން އަމިއްލަ ދަނޑުގައި 2-1 އިން ރެއާލް މަޔޯކާ ބަލި ކުރެވުމުން ހަމަޖެވުމެއް ލިބިއްޖެ ކަމަށް ބާސާގެ ނޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

މެޗުން މޮޅުވެ ބާސާ ވަނީ ދެވަނަ އަށް ޖެހިލައިފަ އެވެ. ޒަވީ ބުނީ މެޗުގައި ތިން ލަނޑު ޖެހެން ޖެހޭނެ ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ.

"އެކަމަކު އަހަރެމެން ބޭކާރު ފައުލްތަކެއް ކުރަން ހަދައި އިދިކޮޅު ޓީމަށް ލަނޑު ޖެހުނީ. މިއަށްވުރެ ފަސޭހައިން މު ވެވެން ޖެހޭނެ މެޗެއްމީ،" ޒަވީ ބުންޏެވެ.

"އެކަމަކު ވެސް މިމޮޅާ އެކު ވަރަށް ބޮޑު ހިތްހަމަޖެހުމެއް މިލިބުނީ."

މެޗުގައި ބާސާގެ ޑިފެންޑަރު ޖެރާޑް ޕީކޭ އަށް އަނާވެގެންމެޗު އެއްކޮށް ފުރިހަމަ ނުކުރެވުނެވެ.

މެޗަށް ބާސެލޯނާ އިން ކުރިޔަށް ގެންދިޔަ ފަރިތަކުރުންތައް ވެސް ޕީކޭ، 35، ފުރިހަމަ ކޮށްފަ އެއް ނުވެ އެވެ. ނަމަވެސް ފައިގެ އުކުޅުވަޅާ ދިމާލުން މަސްގަނޑަށް ލިބިފައިވާ އަނިޔާ އާއި އެކު ވެސް ޕީކޭ ވަނީ ރޭގެ މެޗުގެ ފުރަތަމަ 11 ގައި ކުޅެފަ އެވެ. އެކަމަކު ކޯޗު ޒަވީ ހެނާންޑޭޒް އަށް ޖެހުނީ ބާސާގެ ފުރަތަމަ ލަނޑަށް ފަހު، 27 ވަނަ މިނިޓުގައި ޕީކޭގެ ބަދަލުގައި އެރިކް ގާސިއާ ކުޅެން އަރުވާށެވެ.

ޕީކޭ ބަދަލު ކުރި އިރު ބާސާ އިން ލީޑް ނެގީ 25 ވަނަ މިނިޓުގަ އެވެ. ޖޯޑީ އަލްބާ އިދިކޮޅު ހާފު ތެރޭ، މެދުރޮނގާ ހަމައިގައި ހުރެފައި މަތިން ކުރިޔަށް ދިން ބޯޅަ ހޯދައި އެއްފަހަރުން ކޮންޓްރޯލް ކޮށްލައި ތިރީ ކަނަށް ފޮނުވާލައިގެން މި ލަނޑު ޖެހީ މެމްފިސް ޑިޕާއި އެވެ. މިއީ އޭނާ ލީގުގައި މި ސީޒަނުގައި ޖެހި 11 ވަނަ ލަނޑެވެ. އޭގެ ކުރިން އަލްބާ ނަގައިދިން ހުރަހަކުން ޑިފެންޑަރު ރޮނާލްޑަ އަރައުހޯ ލަނޑެއް ޖެހި ނަމަވެސް ވީއޭއާރުން ނިންމީ އޭނާ އޮފްސައިޑު ކަމަށެވެ.

މެޗަށް ފަހު ބާސެލޯނާއަށް ލަނޑު ޖަހައިދިން ޑިޕާއި އާއި ބުސްކެޓްސް.-- ފޮޓޯ: އޭއެފްޕީ

މެޗަށް ފަހު ބާސެލޯނާއަށް ލަނޑު ޖަހައިދިން ޑިޕާއި އާއި ބުސްކެޓްސް.-- ފޮޓޯ: އޭއެފްޕީ

ޕީކޭގެ ފަޔަށް އަނިޔާ ވެގެން މި ސީޒަނުގެ ކުރީކޮޅު ވެސް ވަނީ ދެ ފަހަރެއްގެ މަތިން އޭނާ އަށް މުޅިއަކު ހަތަރު މެޗު ގެއްލިފަ އެވެ. މި ފަހުން އޭނާ އަށް އަނިޔާ ވެގެން މިދިޔަ މަހުގެ ކުރީކޮޅު ޔޫރޮޕާ ލީގް ކުއާޓާ ފައިނަލުގައި އެއިންޓްރަކްޓް ފްރޭންކްފާޓާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗުގެ ފުރަތަމަ ހާފުގައި ވަނީ ބަދަލު ކުރަން ޖެހިފަ އެވެ.

އޭގެ ފަހުން ފްރޭންކްފާޓާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު ދެވަނަ ލެގު މެޗާއި، ލީގުގައި ކުޅުނު ދެ މެޗު ވެސް ޕީކޭ އަށް ގެއްލުނު އިރު، އޭނާ ވަނީ ދެ ހަފްތާ ފަހުން ލީގުގައި ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ފުރަތަމަ 11 ގައި ހިމެނިގެން މެޗުގެ ފަހު 10 މިނިޓާ ހަމައަށް ކުޅެފަ އެވެ. ނަމަވެސް އަނިޔާ އެއްކޮން ރަނގާޅު ނުވާތީވެ، މިދިޔަ ހަފްތާ، ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅެ ބާސެލޯނާ ބަލިވި މެޗުގައި އޭނާ އިންނަން ޖެހުނީ ބެންޗުގަ އެވެ.

ރޭގެ މެޗުގެ ދެވަނަ ހާފު ފެށިގެން ނުވަ ވަނަ މިނިޓުގައި މަޔޯކާ ކުޅުންތެރިންނަށް ރަނގަޅަށް ބޯޅަ ކްލިއާ ނުކޮށްލެވުމުގެ ފައިދާ ނަގައި ޑީ އޭރިއާ ކައިރިން ބޯޅަ ހޯދައި ބާސެލޯނާގެ ދެވަނަ ލަނޑު ޖަހައިދިނީ މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް އެވެ. އޭގެ 15 ވަރަކަށް މިނިޓު ފަހުން ފެރާން ޓޮރޭޒް ވެސް ލަނޑެއް ޖެހި އެވެ. ނަމަވެސް ރެފްރީ ވަނީ އެޓޭކް އުފެއްދިއިރު ބާސެލޯނާ ކުޅުންތެރިން އޮފްސައިޑުގައި ތިބި ކަމަށް ނިންމައިފަ އެވެ.

މަޔޯކާއާ ދެކޮޅަށް ބާސެލޯނާގެ ޒުވާން ފޯވާޑް އަންސޫ ފާޓީ ކުޅެނީ.-- ފޮޓޯ: އޭއެފްޕީ

މަޔޯކާއާ ދެކޮޅަށް ބާސެލޯނާގެ ޒުވާން ފޯވާޑް އަންސޫ ފާޓީ ކުޅެނީ.-- ފޮޓޯ: އޭއެފްޕީ

މެޗުގެ ފަހު 15 މިނިޓަށް ޒަވީ ވަނީ ބާސެލޯނާގެ އަންސޫ ފާޓީ ކުޅެން އަރުވައިފަ އެވެ. މިއީ ހެމްސްޓްރިންގް އަނިޔާއަކާ ގުޅިގެން ތިން މަސް ވަންދެން ކުޅުމާ ދުރުގައި ހުރެ ފާޓީ، 19، އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗެވެ. އެހެން ނަމަވެސް އޭގެ ތިން މިނިޓު ފަހުން މަޔޯކާގެ ކެޕްޓަން އެންޓޯނިއޯ ރައީއޯ ވަނީ މަޔޯކާ އަށް ލަނޑެއް ޖަހައި ސުން ކަނޑުވައިދީފަ އެވެ.

މިއީ ބާސެލޯނާ އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ މެޗެވެ. މީގެ ކުރިން ރަޔޯ ވަޔެކާނޯ އާއި ކާޑީޒް އަތުން ލީގުގައި ބަލިވި އިރު ޔޫރޮޕާ ލީގު ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި އެއިންޓްރަކްޓް ފްރޭންކްފާޓް އަތުން ވެސް ވަނީ ބަލި ވެފަ އެވެ. މި ތިން މެޗުގައި ވެސް އަނިޔާގެ ސަބަބުން ޕީކޭ ކުޅެފައެއް ނުވެ އެވެ.

މި ނަތީޖާ އާއެކު ބާސެލޯނާ އަށް ލީގުގެ ދެވަނަ ލިބެނީ 34 މެޗުން ހޯދި 66 ޕޮއިންޓާ އެކު އެވެ. ތިންވަނައިގައި އޮތީ 64 ޕޮއިންޓް ހޯދާފައިވާ ސެވިއްޔާ އެވެ. ސެވިއްޔާ އިން ހަފްތާ ބަންދުގައި އަމިއްލަ ދަނޑުގައި ކާޑީޒް އާ ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

ރެއާލް މެޑްރިޑް ވަނީ އެޓީމު އެންމެ ފަހުން ކުޅުނު މެޗުގައި އެސްޕަނިޔޯލް ބަލިކޮށް 35 ވަނަ ފަހަރަށް ލީގު ޗެމްިއަންކަން ހޯދައިފަ އެވެ. ނަމަވެސް މިދިޔަ ސީޒަނުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް ވަނީ ރޭ އެތުލެޓިކް ބިލްބާއޯއާ ވާދަކޮށް ރަށުން ބޭރުގައި 2-0 އިން ބަލި ވެފަ އެވެ. މިއާ އެކު އެތުލެޓިކޯ އޮތީ 34 މެޗުން ލިބުނު 61 ޕޮއިންޓާ އެކު ޓޭބަލްގެ ހަތަރު ވަނައިގަ އެވެ.

ރެއާލް މެޑްރިޑުން މި ހަފްތާ ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގެ ދެވަނަ ލެގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުމަށް ފަހު، ލީގުގައި ދެން ކުޅޭނީ އެތުލެޓިކޯ މެޑްރިޑުގެ ދަނޑުގައި އެޓީމާ ދެކޮޅަށެވެ.