Roadha Mihaaru
ބާސާގެ ޑިފެންޑަރު ޕީކޭ ފުޓުބޯޅަ ކުޅުން ހުއްޓާލަނީ

ބާސާގެ ޑިފެންޑަރު ޕީކޭ ފުޓުބޯޅަ ކުޅުން ހުއްޓާލަނީ

04 ނޮވެމްބަރ 2022

ބާސެލޯނާ (ނޮވެމްބަރު 3) - ބާސެލޯނާ އަށް ކުޅޭ ސްޕެއިންގެ ޑިފެންޑަރު ޖެރާޑް ޕީކޭ، މި ހަފްތާ ބަންދުގައި ފުޓުބޯޅަ އިން ރިޓަޔާ ކުރަން ނިންމައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބާސެލޯނާ (ނޮވެމްބަރު 3) - ބާސެލޯނާ އަށް ކުޅޭ ސްޕެއިންގެ ޑިފެންޑަރު ޖެރާޑް ޕީކޭ، މި ހަފްތާ ބަންދުގައި ފުޓުބޯޅަ އިން ރިޓަޔާ ކުރަން ނިންމައިފި އެވެ.

އުމުރުން 35 އަހަރުގެ ޑިފެންޑަރު ބާސެލޯނާ އަށް ކުޅޭނެ އެންމެ ފަހު މެޗަކީ ހޮނިހިރު ދުވަހުގެ ރޭ ލަ ލީގާ ގައި ބާސެލޯނާގެ ކޭމްޕް ނޫ ގައި އަލްމެއިރާ އާ ދެކޮޅަށް ކުޅޭ މެޗެވެ.

މި މަހު ފަށާ ވޯލްޑް ކަޕަށް ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ނެގި 55 ކުޅުންތެރިންގެ ޕްރޮވިޝަނަލް ސްކޮޑުގައި ޕީކޭ ހިމެނޭ ކަމަށް ސްޕެއިންގެ މީޑިއާތަކުން ރިޕޯޓް ކޮށްފައި ވާއިރު، މުބާރާތް ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް އޭނާގެ ރިޓަޔާމަންޓް އިއުލާން ކުރުން ވެގެން ދިޔައީ ސިހުން ގެނުވި ކަމަކަށެވެ. އޭނާގެ ކުރު ވީޑިއޯ ކްލިޕް ގައި އެނބުރި ބާސެލޯނާއަށް އަންނާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ވެސް ކުޅުނު ޕީކޭ ވަނީ އޭނާގެ 18 އަހަރުވީ ކެރިއަރުގައި 35 ޓްރޮފީ އުފުލާލައިފަ އެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގަކާއި އަށް ލަ ލީގާ ޓްރޮފީ ހިމެނެ އެވެ. ހަމަ އެއާ އެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ އިތުރުން ޕީކޭ ވަނީ ތިން ފަހަރި ކްލަބް ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ.

ސްޕެއިން ގައުމީ ޓީމުން 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2012 ވަނަ އަހަރުގެ ޔޫރޯ މުބާރާތް ކާމިޔާބު ކުރި އިރު، ޕީކޭ އަކީ ދުނިޔޭގެ އެންމެ ނުރައްކާތެރި ފޯވާޑުން ވެސް ޖެހިލުން ވާ ވަރުގެ ޑިފެންޑަރެކެވެ. އޭނާ ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ.

ޕީކޭ ކުޅުން ހުއްޓާލާކަން ހާމަކޮށް އާއްމުކުރި ބަޔާން:

"ކިއުލާސް (ބާސެލޯނާގެ ސަޕޯޓަރުން)، މިއީ ޖެރާޑް (ޕީކޭ)."

"ފާއިތުވި ހަފްތާ ތަކާއި މަސްތަކުގައި އަހަރެންނާ ބެހޭ ގޮތުން ވަރަށް ގިނަ ބަޔަކު ވާހަކަ ދައްކަމުން އައީ، މިހާތަނަށް އަހަރެން އެއްވެސް އެއްޗެއް ނުބުނި ނަމަވެސް، މިހާރު އަހަރެންގެ ވާހަކަ ދައްކަން ބޭނުމީ ހުދު އަހަރެން އަމިއްލައަށް.

"ގިނަ މީހުންނެކޭ އެއްގޮތަށް އަހަރެންނަކީ އަބަދުވެސް ބާސެލޯނާގެ ސަޕޯޓަރެއް، އަހަރެން އުފަން ވީ ވެސް ފުޓުބޯޅަ އާއިލާ އަކަށް.

"ވަރަށް ކުޑަ އިރުއްސުރެން ފެށިގެން، އަހަރެން ބޭނުމެއް ނވި ފުޓުބޯޅަ ކުޅުންތެރިއަކަށް ވާކަށް. އަހަރެން ބޭނުން ވީ ބަސެލޯނާ އަށް ކުޅޭ ކުޅުންތެރިއަކަށް ވާން.

"އެ ކުޑަކުޑަ ނަފްސާ މެދު އަހަރެން މި ފަހަކަށް އައިސް ވަރަށް ބޮޑަށް ވިސްނޭ، އޭނާގެ ހުރިހާ ހުވަފެންތަކެއް ހަގީގަތަކަށް ވާނެ ކަމަށް ބުނެފި ނަމަ އޭނާ ވިސްނާނެ ގޮތަކާ މެދު.

"އޭނާ ބާސެލޯނާގެ ފަސްޓް ޓީމުގައި ހިމެނިގެން ހޯދެން ހުރި ހުރިހާ ތަށްޓެއް ކާމިޔާބު ކުރާނެ ކަމަށާއި، އޭނާ އަކީ ޔޫރަޕާއި ދުނިޔޭގެ ޗެމްޕިއަނަކަށް ވެސް، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންނާ އެކު ކުޅޭނެ ކަން، އަދިޓީމުގެ ކެޕްޓަނަކަށް ވެ، ރަނގަޅު ރަހުމަތްތެރިން ހޯދާނެ ވާހަކަ.

"އަހަރެން ބާސެލޯނާއާ ގުޅުނުތާ 25 އަހަރު ވެއްޖެ. ކުލަބު ދޫކޮށް ގޮސްފައި ވެސް އަހަރެން އެނބުރި އައިން.

"ފުޓުބޯޅަ، އަހަރެންނަށް ހުރިހާ އެއްޗެއް ދީފި. ބާސެލޯނާ އަހަރެންނަށް ހުރިހާ އެއްޗެއް ދީފި، ތިޔަ ކިއުލާސް އަހަރެންނަށް ހުރިހާ އެއްޗެއް ދީފި.

"އަދި މިހާރު އެ ކުއްޖާގެ ހުރިހާ ހުވަފެނެއް ހަގީގަތަކަށް ވުމުން، އަހަރެން ބުނެލަން ބޭނުމީ، މި ދަތުރު ނިމުމަކަށް ގެންނަށް އަހަރެން ނިންމައިފިން.

"އަހަރެން އަބަދު ވެސް ބުނަމުން އައީ، ބާސެލޯނާ އަށް ފަހު އެހެން ކުލަބެއް ނޯންނާނެ، އެއީ އެކަން އޮންނާނެ ގޮތަކީ.

މި ހޮނިހިރު ގައި (ދުވަހުގެ ރޭ) ކުޅޭ މެޗަކީ ކޭމްޕް ނޫ ގައި އަހަރެންގެ ފަހު މެޗު.

"އަހަރެން އެހެން ސަޕޯޓަރަކަށް ވެގެން ޓީމަށް ސަޕޯޓް ކޮށްދޭނަން، އަދި މައިންބަފައިން އަހަރެންނަށް ކޮށްދިން ފަދައިން، ބާސެލޯނާ އަށް އޮތް ލޯބި، އަހަރެންގެ ދަރިންނަށް ވެސް ފޯރު ކޮށްދޭނަން.

"ތިޔަ އެންމެންނަށް އަހަރެން އެނގޭނެ، ކައިރި މުސްތަގުބަލެއްގައި ނުވަތަ ފަހުން ވިޔަސް އަހަރެން އަދި އެނބުރި އަންނާނަން.

"ކޭމްޕް ނޫ އަށް އަވަހަށް އާދެވޭނެ ކަމަށް އުންމީދު ކުރަން، ބާސެލޯނާ އަށް ދިގު އުމުރަކަށް އެދެން، އަބަދު ވެސް."