Roadha Mihaaru
ގެވެށި އަނިޔާގެ މައްސަލަތައް މިދިޔަ ތިން މަހު އިތުރު

ގެވެށި އަނިޔާގެ މައްސަލަތައް މިދިޔަ ތިން މަހު އިތުރުވެއްޖެ

29 އޮކްޓޯބަރ 2020

ގެވެށި އަނިޔާ ލިބިގެން ފެމިލީ ޕްރޮޓެކްޝަން އެޖެންސީ (އެފްޕީއޭ) އަށް ހުށަހެޅި މައްސަލަތައް މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގެވެށި އަނިޔާ ލިބިގެން ފެމިލީ ޕްރޮޓެކްޝަން އެޖެންސީ (އެފްޕީއޭ) އަށް ހުށަހެޅި މައްސަލަތައް މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ.

އެ އެޖެންސީން މިދިޔަ އަންގާރަ ދުވަހު ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ޖުލައި މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް، ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތައް ހިމެނޭހެން 242 މައްސަލައެއް ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި އަންހެނުންނަށް އަނިޔާކޮށްގެން 115 މައްސަލަ އަދި ފިރިހެނުންނާ ގުޅޭ 35 މައްސަލައެއް ހުށަހަޅާގައި ވެ އެވެ. އޭގެ އިތުރުން 18 އަހަރުން ދަށުގެ އަންހެން ކުދިންނާ ގުޅޭ 67 އަދި ފިރިހެން ކުދިންނާ ގުޅޭ 25 މައްސަލައެއް ހުށަހަޅާފައިވެ އެވެ.

ގެވެށި އަނިޔާކޮށްގެން މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ހުށަހެޅި މައްސަލަތަކުގެ އަދަދަކީ 190 އެވެ. އެ ކުއާޓާގައި ވެސް އެންމެ ގިނައީ އަންހެނުންނަށް އަނިޔާކުރުމުގެ މައްސަލަތަކެވެ. އޭގެ 113 މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ. ފިރިހެނުންނަށް އަނިޔާކޮށްގެން 13 މައްސަލަ، 18 އަހަރުން ދަށުގެ އަންހެން ކުދިންނަށް ގެވެށި އަނިޔާކުރުމުގެ 34 މައްސަލަ އަދި ފިރިހެން ކުދިންނަށް އަނިޔާކުރުމުގެ 19 މައްސަލައެއް ވެސް ހިމެނެ އެވެ.

ވަކި ޖިންސެއް ބަޔާންކޮށްފައި ނެތް 11 މައްސަލައެއް ވެސް ހިމެނެ އެވެ.

ފުރަތަމަ ތިން މަހާ އަޅާބަލާއިރު، މި އަހަރުގެ ދެ ވަނަ ކުއާޓާގައި ހުށަހެޅި މައްސަލަތައް މަދެވެ. ދެ ވަނަ ކުއާޓާގައި 151 މައްސަލައެއް ހުށަހެޅި އެވެ. އަންހެނުންނަށް އަނިޔާކުރުމުގެ 79 މައްސަލަ، ފިރިހެނުންނަށް އަނިޔާކުރުމުގެ 13 މައްސަލަ، 18 އަހަރުން ދަށުގެ ފިރިހެން ކުދިންނަށް އަނިޔާކުރުމުގެ 25 އަދި އަންހެން ކުދިންނަށް އަނިޔާކުރުމުގެ 28 މައްސަލައެއް އޭގެ ތެރޭގައި ހިމެނެ އެވެ.

ގެވެށި އަނިޔާގެ އަމަލު ހިންގައިގެން، ފުރަތަމަ ކުއާޓާގައި 139 ފިރިހެނުންނާއި 30 އަންހެނެއްގެ މައްސަލަ ރިޕޯޓުކޮށްފައި ވެ އެވެ. ދެ ވަނަ ކުއާޓާގައި ވެސް ގެވެށި އަނިޔާގެ އަމަލު ހިންގައިގެން 95 ފިރިހެނެއް އަދި 19 އަންހެނެއްގެ އިތުރުން އެއް މައްސަލަ ހުށަހަޅާފައި ވެ އެވެ. ތިން ވަނަ ކުއާޓާގައި އެ އަދަދު ވަނީ 220 އަށް އަރައިފަ އެވެ. އަނިޔާކޮށްގެން އެ މުއްދަތުގެ ތެރޭގައި ފިރިހެނުންނާ ގުޅޭ 182 މައްސަލަ އަދި 37 އަންހެނުންގެ މައްސަލަ ހުށަހަޅާފައިވާ ކަމަށް އެފްޕީއޭއިން ބުނެ އެވެ.