Roadha Mihaaru
2ވަނަ ކުއާޓާގައި ގެވެށި އަނިޔާއާ ގުޅޭ 111 މައްސަލަ

ގެވެށި އަނިޔާއާ ގުޅޭ 100 އަށްވުރެ ގިނަ މައްސަލަ ދެ ވަނަ ކުއާޓާގައި ހުށަހެޅި

16 އޯގަސްޓް 2020

ގެވެށި އަނިޔާއާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ މި އަހަރުގެ ދެ ވަނަ ކުއާޓާގައި see seeހުށަހަޅާފައިވާ ކަމަށް، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) ގެ ތަފާސްހިސާބުން ދައްކައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގެވެށި އަނިޔާއާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ މި އަހަރުގެ ދެ ވަނަ ކުއާޓާގައި see seeހުށަހަޅާފައިވާ ކަމަށް، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) ގެ ތަފާސްހިސާބުން ދައްކައިފި އެވެ.

މިދިޔަ އޭޕްރީލް، މެއި އަދި ޖޫން މަހު ހުށަހެޅި މައްސަލައިގެ ތަފާސްހިސާބުތަކާއެކު ނެރުނު ރިޕޯޓުގައި ބުނީ އެފްޕީއޭއަށް އަދި އެހެން މުއައްސަސާތަކުން 111 މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން، ބައެއް މައްސަލަތަކަކީ، އެއް މުއައްސަސާއަށްވުރެ ގިނަ މުއައްސަސާތަކުން ރިޕީޓުކޮށް ހުށަހަޅާފައިވާ މައްސަލަތަކެވެ.

އެފްޕީއޭ ހިންގަނީ ޖެންޑާ މިނިސްޓްރީގެ ދަށުން ކަމަށް ވިއަސް އެއީ މިނިވަންކަމާއެކު ހިންގާ އޮތޯރިޓީއެކެވެ. ވަކި ގާނޫނެއްގެ ދަށުން އުފައްދާފައިވާ އޮތޯރިޓީ ބޮޑަށް މަސައްކަތްކުރަނީ ރެގިއުލޭޓްކުރާ އިދާރާއެއްގެ ގޮތުގަ އެވެ. އެހެންވެ ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓުކުރަން އެފްޕީއޭއިން ބާރުއަޅަނީ ވެސް ކަމާ ގުޅުން ހުރި އެހެން އިދާރާތަކަށެވެ.

ފުލުހުންގެ ފެމިލީ އެންޑް ޖެންޑާ އެފެއާޒް ޑިޕާޓްމަންޓުން އެފްޕީއޭއަށް 19 މައްސަލައެއް ހުށަހެޅިއިރު ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ވެސް 11 މައްސަލައެއް ހުށަހެޅި އެވެ.

އެ އޮތޯރިޓީއަށް އެންމެ ގިނަ ރިޕޯޓު ހުށަހަޅާފައިވަނީ ޖެންޑާ މިނިސްޓްރީގެ ސޯޝަލް ސާވިސް ޑިޕާޓްމަންޓުންނެވެ. އެ ޑިޕާޓްމަންޓުން 28 މައްސަލައެއް ހުށަހެޅި އެވެ. ދެން އެންމެ ގިނައިން މައްސަލަ ރިޕޯޓުކުރީ ސ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުންނެވެ.

ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓުކުރި ރަށްތަކަށް ބަލާއިރު އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ މާލެއިންނެވެ. މާލެއިން އެކަނި ވެސް 67 މައްސަލަ ހުށަހެޅި އެވެ. އޭގެ ފަހުން ސ. އަތޮޅުންނެވެ.

އެ ކުއާޓާގައި ރިޕޯޓުކުރި މައްސަލަތަކުގެ ތެރޭގައި ހިމެނޭ އަނިޔާ ލިބުނު މީހުންނަށް ބަލާއިރު، އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އަންހެނުންނަށް އަނިޔާކުރުމުގެ މައްސަލަތަކެވެ. އަންހެނުންނަށް އަނިޔާކޮށްގެން 107 މައްސަލައެއް ހުށަހެޅިއިރު އަނިޔާ ލިބުނު ފިރިހެނުންގެ އަދަދު އުޅެނީ 38 ގަ އެވެ. އަނިޔާ ލިބުނު ޖިންސުގެ މައުލޫމާތު ނުލިބޭ ހަ މީހަކު އުޅެ އެވެ.

ގެވެށި އަނިޔާގެ ބާވަތްތަކުން، އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ބަހުގެ ހަމަލާ ދިނުމާއި ނަފްސާނީގޮތުން އަނިޔާކުރުމާ ގުޅޭގޮތުންނެވެ. އެފަދަ 93 މައްސަލައެއް ހުށަހެޅިއިރު އެފަދަ އަނިޔާ އެންމެ ގިނައިން ލިބިފައިވަނީ ކައިވެނިކޮށްގެން އުޅޭ ނުވަތަ ވަރިވެފައި ތިބި މީހުންގެ ފަރާތުންނެވެ. ޖިސްމާނީ އަނިޔާކޮށްގެން 79 މައްސަލަ ހުށަހެޅި އެވެ. ތަފާސްހިސާބުތަކަށް ބަލާއިރު އެކަން ވެސް އެންމެ ގިނައިން ހުށަހަޅާފައިވަނީ ކައިވެނިކޮށްގެން އުޅޭ ނުވަތަ ވަރިވެފައި ތިބި މީހުންގެ ފަރާތުން އަނިޔާ ލިބިގެންނެވެ.