Roadha Mihaaru
ގެވެށި އަނިޔާ ހުއްޓުވުމަށް ކައުންސިލްތަކަށް ބާރުތަކެއް

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް

24 ސެޕްޓެމްބަރ 2023

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ކައުންސިލްތަކަކީ ޖެންޑާ މިނިސްޓްރީން ކަނޑައަޅާ އޭޖެންޓުތަކެއްގެ ގޮތުގައި އެއްބަސްވެ، ގިނަ ބާރުތަކަކާއި ޒިންމާތަކެއް މަތިކުރަން ގަވައިދެއް އެކުލަވާލައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ކައުންސިލްތަކަކީ ޖެންޑާ މިނިސްޓްރީން ކަނޑައަޅާ އޭޖެންޓުތަކެއްގެ ގޮތުގައި އެއްބަސްވެ، ގިނަ ބާރުތަކަކާއި ޒިންމާތަކެއް މަތިކުރަން ގަވައިދެއް އެކުލަވާލައިފި އެވެ.

މިއަދު ގެޒެޓުކުރި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކައުންސިލްތަކާ މަސްއޫލިއްޔަތު ހަވާލުކުރުމުގެ ގަވާއިދުގައިވާ ގޮތުން، މި ގަވައިދަށް އަމަލުކޮށް އޭޖެންޓަކަށް ވުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ރަށެއްގައި ގެވެށި އަނިޔާގެ މައްސަލައެއް ރިޕޯޓުކޮށްފި ނަމަ ނުވަތަ ގެވެށި އަނިޔާގެ މައްސަލައެއް ރަށުތެރޭގައި ހިނގާ ކަމަށް މައުލޫމާތު ލިބިއްޖެނަމަ ނުވަތަ ފާހަގަކުރެވިއްޖެ ނަމަ، ރަށު ކައުންސިލުން ވަގުތުން އެކަން އެ ރަށެއްގައި ގާއިމްކޮށްފައިވާ ފުލުހުންގެ މަރުކަޒަށް އަންގައި އެކަން ރެކޯޑު ކުރަން ޖެހޭނެ އެވެ.

އަދި، އަނިޔާ ލިބޭ މީހާއަށް ބޭނުންވާ ރައްކާތެރިކަމާއި އެހީތެރިކަން ކައުންސިލުން ޖެންޑާ މިނިސްޓްރީގެ ކަމާ ގުޅޭ އިދާރާތައް މެދުވެރިކޮަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމާއި މިފަދަ މައްސަލަތަކުގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީން އެދޭ ގޮތެއްގެ މަތީން އެހީތެރިކަން ފޯރުކޮށްދޭން ޖެހެ އެވެ. އަދި، ރަށްރަށުގައި ހިނގާ މިފަދަ ކަންކަމުގެ ތަފާސްހިސާބު ބެލެހެއްޓުން ވެސް ވަނީ ރަށު ކައުންސިލާ ހަވާލުކޮށްފަ އެވެ.

މީގެ އިތުރުން، ގެވެށި އަނިޔާގެ މައްސަލަތަކުގައި ކުއްލި ގޮތަކަށް ފިޔަވަޅު އަޅަންޖެހޭ ހާލަތްތަކުގައި ނުވަތަ ވަގުތުން ފިޔަވަޅު އަޅަން ޖެހޭ ހާލަތްތަކުގައި އެ އަތޮޅެއްގެ ފުލުހުން މެދުވެރިކޮށް ނުވަތަ މިނިސްޓްރީގެ ކަމާގުޅޭ އިދާރާތައް މެދުވެރިކޮށް ފިޔަވަޅު އެޅުމަށް މަގުފަހިކޮށްދިނުމަށް އަތޮޅު ކައުންސިލްތަކަށް ވަނީ މަތިކޮށްފަ އެވެ.

މި ބާރުތައް ކައުންސިލްތަކަށް ދީފައިވާއިރު، މިފަދަ މައްސަލަތައް ރިޕޯޓުކުރަން ޖެހެނީ ފޯމެއް މެދުވެރިކޮށެވެ. އަދި އަނިޔާ ލިބޭ ފަރާތްކާއި އެފަދަ އެހެން މައުލޫމާތެއް މީޑިއާ މެދުވެރިކޮށް ނުވަތަ އެ ނޫން ވެސް ފަރާތަކާ ހިއްސާކުރުން ވަނީ މަނާކޮށްފަ އެވެ. ގަވައިދުގައި ބުނެފައިވާ ގޮތުގައި، ކޯޓުން އަންގައިގެން ނުވަތަ ތަހުގީގަށް މައުލޫމާތު ދިނުމުގައި ވެސް މައުލޫމާތުގެ ސިއްރު ހިފެހެއްޓޭކަން ކަށަވަރުކުރަން ޖެހޭނެ އެވެ.

ތިން މަސް ފަހުން މި ގަވައިދަށް އަމަލުކުރަން ފެށުމަށް ފަހު، އަމަލު ކުރުމުގެ ކުރިން މި ކަމުގެ ޝާމިލުވާ މުވައްޒަފުންނަށް ތަމްރީނު ދޭން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މިއީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކައުންސިލަށް މަސްއޫލިއްޔަތުތަކެއް ހަވާލުކުރި ފުރަތަމަ ފަހަރެވެ.