Roadha Mihaaru
ދެ ދަރިންނާ އެކު ގެއިން ނެރެލި މީހަކަށް އެހީ ހޯދަނީ

ދެ ދަރިންނާ އެކު ގެއިން ނެރެލި އަންހެނަކަށް އެހީ ހޯދަނީ

09 އެޕްރީލް 2023

ދެ ދަރިންނާ އެކު ގެއިން ނެރެލުމުން ހާލުގައި ޖެހިފައިވާ އަންހެނަކަށް އެހީ ހޯދުމުގެ މަސައްކަތް މަންމައިންގެ ހައްގުގައި މަސައްކަތް ކުރާ "މަމްސް އެއިޑް" އިން ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ދެ ދަރިންނާ އެކު ގެއިން ނެރެލުމުން ހާލުގައި ޖެހިފައިވާ އަންހެނަކަށް އެހީ ހޯދުމުގެ މަސައްކަތް މަންމައިންގެ ހައްގުގައި މަސައްކަތް ކުރާ "މަމްސް އެއިޑް" އިން ފަށައިފި އެވެ.

ކުރީގެ ފިރިމީހާގެ ގޭގެ ކޮޓަރިއެއްގައި ދިރިއުޅެނިކޮށް، ތަޅު ބަދަލުކޮށް އެތަނަށް ނުވަދެވޭ ގޮތްް ހެދުމުން އަންހެން މީހާ މިހާރު ދިރިއުޅެނީ ދުވަހު ކުއްޔަށް ދޭ ކޮޓަރިއެއްގަ އެވެ. އެތަނުގެ ކުލި އޭނާ ދައްކަނީ، އެތަނުގެ ތެރޭގައި ކަރަންޓް އުނދުނަކުން ރޮށި ފިހެގެން ވިއްކައިގެން ލިބޭ ފައިސާއިންނެވެ.

އަންހެންމީހާގެ ހާލަތު ބަލައި މަމްސް ޖަމިއްޔާ އިން މިއަދު ބުނި ގޮތުގައި ކުރީގެ ފިރިމީހާގެ ގޭގައި ވަރަށް ހާލުގައި އުޅުމަށް ފަހު މިހާރު އޭނާ ވަންނާނެ ތަނެއް ނެތެވެ. އެގޭގައި ދިރިއުޅުނު އިރު ވެސް އެތައް ފަހަރެއްގެ މަތިން ފެނާއި ކަރަންޓު ކަނޑާލައި އުނދަގޫތައް ކުރިމަތިކުރި ކަމަށް މަމްސް ޖަމިއްޔާ އިން ބުންޏެވެ.

އަންހެން މީހާ ރޮށިފިހަން ގެންގުޅޭ ސާމާނު.

އަންހެން މީހާ ރޮށިފިހަން ގެންގުޅޭ ސާމާނު.

އަންހެންމީހާއާ ހަވާލާދީ މަމްސް ޖަމިއްޔާއިން ބުނީ ގެއިން ނެރެލުމުން ދެ ދަރިންނާ އެކު ގޮސް ކޮޓަރިއެއްގައި އުޅެމުން ދަނީ ދުވާލަކު 500ރ. ދީގެން ކަމަށެވެ.

މި ހާލަތާ ހެދި ކުދިން ސްކޫލަށް ނުފޮނުވާތާ ވެސް މަހަކަށް ވުރެން ގިނަ ދުވަސް ވެއްޖެ ކަމަށް މަމްސް ޖަމިއްޔާ އިން ބުންޏެވެ.

ކޮޓަރީގައި ހުރި ސާމާނު ބޭރުކޮށް މަގުމަތީގައި.

ކޮޓަރީގައި ހުރި ސާމާނު ބޭރުކޮށް މަގުމަތީގައި.

އަންހެން މީހާއާ ހަވާލާދީ މަމްސް ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި ޖެންޑާ މިނިސްޓްރީއަށާއި ޕޮލިހަށް މައްސަލަ ހުށަހަޅާފައިވާތާ އެތައް ދުވަހެއް ވެއްޖެ އެވެ. ނަމަވެސް މައްސަލައަށް ކުރިއެރުމެއް ނާންނަ ކަމަށް އޭނާ ބުނެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

މަމްސް ޖަމިއްޔާ އިން އެދެނީ އަންހެން މީހާގެ ބޯހިޔާވަހިކަމާއި ޒަރޫރީ ބޭނުންތަކަށް އެހީފޯރުކޮށްދިނުމަށެވެ.