Roadha Mihaaru
ގެވެށި އަނިޔާ ހުއްޓުވުމުގެ ސިޔާސަތަށް ހިޔާލު ހޯދަނީ

ގެވެށި އަނިޔާ ހުއްޓުވުމުގެ ގައުމީ ސިޔާސަތު އެކުލަވައިލުމަށް އާންމުންގެ ހިޔާލު ހޯދަނީ

10 އޮކްޓޯބަރ 2022

ގެވެށި އަނިޔާ ހުއްޓުވުމުގެ ތިންވަނަ ގައުމީ ސިޔާސަތު އެކުލަވައިލުމަށް އާންމުންގެ ހިޔާލު ހޯދަން ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީން (އެފްޕީއޭ) އިން ހުޅުވާލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގެވެށި އަނިޔާ ހުއްޓުވުމުގެ ތިންވަނަ ގައުމީ ސިޔާސަތު އެކުލަވައިލުމަށް އާންމުންގެ ހިޔާލު ހޯދަން ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީން (އެފްޕީއޭ) އިން ހުޅުވާލައިފި އެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމަށް އެކުލަވައިލަން ޖެހޭ ގައުމީ ސިޔާސަތުތައް ކަނޑައަޅައި، ތަންފީޒު ކުރުމަކީ އެ އިދާރާގެ މަސްއޫލިއްޔަތެކެވެ.

އެފްޕީއޭ އިން މިދިޔަ ހަފުތާގައި ނެރުނު ނޫސްބަޔާނެއްގައި ބުނީ 2017-2021 އަށް އެކުލަވައިލި ގެވެށި އަނިޔާ ހުއްޓުވުމުގެ ގައުމީ ސިޔާސަތުގެ ތަންފީޒީ މުއްދަތު މިހާރު ހަމަވެފައިވާ ކަމަށެވެ. އެހެންވެ، 2023-2027 އަށް އެކުލަވައިލަން ޖެހޭ ގެވެށި އަނިޔާ ހުއްޓުވުމުގެ ތިންވަނަ ގައުމީ ސިޔާސަތުގެ މަސައްކަތް ލޯކަލް ކޮންސަލްޓަންޓެއްގެ އެހީއާ އެކު ފަށާފައިވާ ކަމަށް ބުންޏެވެ.

އެ މަސައްކަތަށް ބޭނުންވާ މައުލޫމާތުތައް ހޯދުމަށް ގުޅުން ހުރި އެކި މުއައްސަސާތަކާއި އަމިއްލަ ޖަމިއްޔާތަކާ އެކު ކޮންސަލްޓޭޝަން ބައްދަލުވުންތަކެއް މިހާރު ކުރިއަށް ގެންދާ ކަމަށް އެފްޕީއޭ އިން ބުނެ އެވެ.

"މިފަދަ މަސައްކަތެއް އެންމެ ފުރިހަމަ އަށް ކުރެވިގެން ދެވޭނީ ގެވެށި އަނިޔާތައް ތަޖުރިބާ ކޮށްފައިވާ ފަރާތްތަކާއި އާންމުންގެ ހިޔާލު ވެސް ހޯދައިގެން ކަމުގައި މި އޮތޯރިޓީން ދެކެމެވެ،" އެ ބަޔާނުގައިވެ އެވެ.

އެ ސިޔާސަތު އެކުލަވައިލުމަށް އާންމުންގެ ހިޔާލާއި މަޝްވަރާ ހިއްސާކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން އަންނަ ބުރާސްފަތި ދުވަހުގެ ރޭ 9 ޖަހާއިރު ހާއްސަ ވެބިނާއެއް ބާއްވަން ވަނީ ނިންމައިފަ އެވެ.

އެ ވެބިނާގައި ބައިވެރިވާން ބޭނުންވާ އުމުރުން 18 އަހަރުން މަތީގެ މީހުން އަންނަ ބުދަ ދުވަހުގެ ކުރިން އޮންލައިންކޮށް ރަޖިސްޓަރީ ވުމަށް އެފްޕީއޭ އިން އެދެ އެވެ.