Roadha Mihaaru
ގެވެށިއަނިޔާގެ 57 މައްސަލަ، އަދި ދައުވާއެއް ނުކުރޭ

ގެވެށިއަނިޔާގެ 57 މައްސަލަ، އަދި ދައުވާއެއް ނުކުރޭ

21 މެއި 2023

ގެވެށި އަނިޔާގެ 50 އަށްވުރެ ގިނަ މައްސަލަ މި އަހަރުގެ ފުރަތަމަ ކުއާޓާގައި ތަހުގީގުކުރިޔަސް މިހާތަނަށް މީގެތެރެއިން އެއްވެސް މައްސަލައެއްގައި ދައުވާކުރަން އަދި ނުފޮނުވާ ކަމަށް ފުލުހުންގެ މައުލޫމާތުތަކުން އެނގިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގެވެށި އަނިޔާގެ 50 އަށްވުރެ ގިނަ މައްސަލަ މި އަހަރުގެ ފުރަތަމަ ކުއާޓާގައި ތަހުގީގުކުރިޔަސް މިހާތަނަށް މީގެތެރެއިން އެއްވެސް މައްސަލައެއްގައި ދައުވާކުރަން އަދި ނުފޮނުވާ ކަމަށް ފުލުހުންގެ މައުލޫމާތުތަކުން އެނގިއްޖެ އެވެ.

އެ އިދާރާއިން އިއްޔެ އާއްމުކުރި މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ކުށުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ގެވެށި އަނިޔާގެ 146 މައްސަލައެއް ޕޮލިހަށް ރިޕޯޓުކުރި އެވެ. އޭގެ ތެރެއިން، 13 މައްސަލައެއް ފައިލްކޮށް، 57 މައްސަލައެއް ތަހުގީގުކުރި އެވެ.

ހުށަހެޅި ގެވެށި އަނިޔާގެ މައްސަލަތަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ.

ފުލުހުން ބުނީ ތަހުގީގުކުރި މައްސަލަތަކުގައި އާއިލާގެ މީހުން ހިމެނޭ 29 މައްސަލައެއް ހިމެނޭ ކަމަށާއި ކައިވެނިކޮށްގެން އުޅޭ މީހާ ހިމެނޭ 28 މައްސަލައެއް ހިމެނޭ ކަމަށެވެ.

އަނިޔާކުރި ކަމަށް ތުހުމަތުކުރާ މީހުންގެ އެވްރެޖް އުމުރަކީ 35-39 އަހަރާ ދެމެދެވެ. އެ އުމުރުގެ ނުވަ މީހެއްގެ ފަރާތުން އަނިޔާ ލިބުނު ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. ދެން ހިމެނެނީ 25-64 އަހަރާ ދެމެދުގެ މީހުންނެވެ.

އެ މައްސަލަތަކުގައި ޝިކާރައަކަށްވި ކުޑަކުދިން ގިނަ ކަން ވެސް ފުލުހުންގެ މައުލޫމާތުތަކުން އެނގެ އެވެ. އެ މައްސަލަތަކުގައި 12 އަންހެން އަދި 12 ފިރިހެން ކުދިންނަށް އަސަރުކުރި އެވެ. އޭގެ އިތުރުން 14 އަންހެނުންނާއި ފިރިހެނެއް ވެސް ގެވެށި އަނިިޔާގެ ޝިކާރައަކަށްވި އެވެ.

ގެވެށި އަނިޔާގެ މައްސަލަތައް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލެއިންނެވެ. އެއީ 32 މައްސަލަ އެވެ. އައްޑުން ދެ މައްސަލަ އަދި ފުވައްމުލަކުން ވެސް މައްސަލައެއް ރިޕޯޓުކޮށްފައިވެ އެވެ.

އެ އަނިޔާތަކުގެ އިތުރުން، ޖިންސީ ކުށުގެ 119 މައްސަލައެއް މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ޕޮލިހަށް ރިޕޯޓުކުރި އެވެ. އޭގެ ތެރެއިން ބަލައިގެންފައިވަނީ 69 މައްސަލައެކެވެ. އެއީ؛ ކުޑަކުދިންނަށް ޖިންސީ ގޯނާކުރި 36 މައްސަލައަކާއި ހަށިވިއްކުމުގެ ފަސް މައްސަލައެއް އަދި ޖިންސީ ފުރައްސާރައިގެ ހަ މައްސަލައަކާ އެހެނިހެން 22 މައްސަލައެކެވެ.

އެ މައްސަލަތަކުގައި 22 މީހެއް ހައްޔަރުކުރި އެވެ. ދައުވާކޮށްފައިވަނީ އެންމެ މީހަކަށެވެ.