Roadha Mihaaru

އަނިޔާއެއް ދިނުމުގެ ދައުވާ އީސަގެ މައްޗަށް ސާބިތެއްނުވި

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް ގެވެށި އަނިޔާ ކުރި ކަމަށް ބުނެ އުފުލި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އަނިޔާއެއް ދިނުމުގެ ދައުވާ އީސަގެ މައްޗަށް ސާބިތެއްނުވި
ނާޒިމް ހަސަން
ނާޒިމް ހަސަން

17 އެޕްރީލް 2025

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް ގެވެށި އަނިޔާ ކުރި ކަމަށް ބުނެ އުފުލި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އަނިޔާއެއް ދިނުމުގެ ދައުވާ އީސަގެ މައްޗަށް ދައުލަތުން އުފުލީ އޭނާ އާއި ދަރިފުޅަށް، އީސަ ގެވެށި އަނިޔާކުރި ކަމަށް ވިދާޅުވެ، އަސްރާ ބަޔާން ދެއްވުމާ ގުޅިގެންނެވެ. ނަމަވެސް، އޭގެ ފަހުން އަސްރާ ވަނީ ތަހުގީގަށް ދިން ބަޔާނުގައި ސޮއި ކުރެއްވުމަށް އިންކާރުކޮށް، އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ފުލުހުންގެ ކިބައިން ވެސް ކުރިން އެދިފަ އެވެ.

އޭނާ އެގޮތަށް އެދިވަޑައިގެންނެވި ނަމަވެސް ފުލުހުން އެ މައްސަލަ ތަހުގީގު ކުރުން ހުއްޓައެއް ނުލަ އެވެ. އެ މައްސަލައިގައި ސީސީޓީވީ ފުޓޭޖްތަކާ އެކު، ދައުލަތުން ކޯޓަށް ހުށަހެޅި އެވެ. މައްސަލައިގެ ހެއްކެއްގެ ގޮތުގައި އަސްރާގެ ނަން ވެސް ހުށަހެޅި އެވެ. އެކަމަކު، ތަކުރާރުކޮށް ކޯޓަށް އަސްރާ ހާޒިރުކުރަން މަސައްކަތް ކޮށްގެން ވެސް އޭނާ ހެކިބަސް ދޭން ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ.

މި މައްސަލާގައި ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނީ ތަހުގީގުގައި އަސްރާ ނަސީމްގެ ބަޔާން ނެގުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް މުޅިއަކުން ސާފުނުވާ ކަމަށެވެ. ތަހުގީގުގައި އަސްރާ ދެ ބަޔާނެއް ދެއްވާފައިވާއިރު، ދެވަނަ ބަޔާނުގައި ސޮއިކުރައްވަން ބޭނުން ނުވާ ކަމަށް ވިދާޅުވެފައި ވެ އެވެ. އެކަމަކު، ދެ ބަޔާނުގައި ވެސް އަސްރާގެ ސޮއި އޮތް ކަމަށް ހުކުމްގައިވެ އެވެ.

ދައުލަތުގެ ފަރާތުން ރިއާޔަތް ކޮށްދިނުމަށް އެދޭ އަސްރާގެ ތަހުގީގު ބަޔާނުގައި އޮތީ އޭނާގެ ސޮޔާއި އިނގިލީގެ ނިޝާން ކަމާ މެދު ވެސް ސުވާލު އުފެދޭ ކަމަށް ހުކުމްގައި ވެ އެވެ. އެކަން ކަށަވަރު ކުރުމަށް ދެވަނަ ބަޔާނުގައި ހަވާލާދޭ އިންޓަވިއުގެ އޯޑިއޯ ރިކޯޑިން ޝަރީއަތަށް ހުށަހަޅާފައި ނުވާތީ އެކަން ކަށަވަރު ކުރެވިފައި ނުވާ ހުކުމްގައި ވެ އެވެ.

ހުކުމްގައި ބުނީ:

- ދައުވާގައި ބުނާ ގޮތަށް އަސްރާ ނަސީމަށް އީސަ އަނިޔާކުރި ކަމަށް އޭނާ ވިދާޅުވެފައިވާ ކަމާ މެދު ސުވާލު އުފެދޭ.

- އަސްރާ ނަސީމް އެކި މީހުންގެ ގާތުގައި އެކި ވާހަކަ ދައްކަވާފައި ވަނީ އެއީ ކަން ހިނގައިދިޔަ ގޮތަށް ހަގީގަތަށް ދެއްކި ވާހަކަތަކެއްތޯ ނޫންތޯ ކަށަވަރު ނުވާ ކަމަށް.

- އަސްރާ ނަސީމް ހިމެނޭ ގޮތަށް ބައެއް ހެކިން މި މައްސަލާގައި ހެކި ބަސް ދޭން ބޭނުން ނުވި ކަމަށް.

އެހެންވެ، މީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ޝަރީއަތަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ޝަރީއަތަށް ހެކި ލިބިފައި ނުވާތީ، އީސަގެ މައްވަށް ދައުލަތުން ކޮށްފައިވާ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅި އެވެ.

ގެވެށި އަނިޔާގެ މައްސަލައާ ގުޅިގެން އީސަގެ އިސްތިއުފާ އަށް ވެސް ގިނަ ބަޔަކު ގޮވާލި އެވެ. މައްސަލަ ފެންމަތިވުމާ އެކު، އީސަ މުގަައްރިރުކަން ކުރެއްވި އޭރުގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ވެސް އިސްތިއުފާ ދެއްވި އެވެ.