މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރެފައިވާ ދެ އަމުރެއް މިހާރު ވެސް ހިނގަހިނގާ އެބައޮތް ކަމަށާއި މިއީ ކުރިން އެއްވެސް މީހަކާ މެދު އަމަލުކޮށްފައިވާ ގޮތެއް ނޫން ކަމަށް ބުނެ، އޭނާގެ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
26 މެއި 2025
މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރެފައިވާ ދެ އަމުރެއް މިހާރު ވެސް ހިނގަހިނގާ އެބައޮތް ކަމަށާއި މިއީ ކުރިން އެއްވެސް މީހަކާ މެދު އަމަލުކޮށްފައިވާ ގޮތެއް ނޫން ކަމަށް ބުނެ، އޭނާގެ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޔުމްނު ވެއްޓުނު ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން ރައުދު، 21، ހައްޔަރުކޮށް، ބަންދުގެ މުއްދަތު ހަ ފަހަރަށް އިތުރު ކޮށްފައިވެ އެވެ. އެންމެ ފުރަތަމަ ފަހަރު ފަސް ދުވަހަށް އަދި ދެވަނަ ފަހަރު 10 ދުވަހަށް ބަންދުކުރި އިރު އޭގެ ފަހުން ފަސް ދުވަސް ބަންދަށް ދިނެވެ. އަދި އެންމެ ފަހުން ރައުދުގެ ބަންދަށް ދީފައި އޮތީ 20 ދުވަހެވެ.
ކްރިމިނަލް ކޯޓުން ރައުދު 20 ދުވަހަށް ބަންދުކުރަން މި މަހުގެ 15 ވަނަ ދުވަހު ނެރުނު އަމުރުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ ތިންވަނަ ދުވަހަށެވެ. ނަމަވެސް، އެ އަމުރު ދެމިއޮއްވައި މި މަހުގެ 22 ވަނަ ދުވަހު ރައުދު ބަންދުން ދޫކޮށްލި އެވެ. އޭނާ ބަންދުން ދޫކޮށްލީ އެންމެ ފުރަތަމަ ހައްޔަރުކުރިއިރު، ފުލުހުން އިޖުރާއަތާ ހިލާފަށް އަމަލުކޮށްފައިވާތީ، އެކަން އިސްލާހު ކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ލަފާދީފައިވާތީ އެވެ.
ރައުދު ބަންދުން ދޫކޮށްލިތާ ގަޑިއިރުތަކެއް ފަހުން ކްރިމިނަލް ކޯޓުގެ އާ އަމުރެއްގެ ދަށުން އަނެއްކާވެސް ރައުދު ހައްޔަރުކުރި އެވެ. އަދި، ބަންދުގެ މަޖިލީހަށް ރައުދު ގެންދިއުމުން ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ބަންދަށް އިތުރުކޮށްފަ އެވެ. އެ މުއްދަތު ހަމަވާނީ މާދަމާއަށެވެ.
ރައުދުގެ ވަކީލުން ވިދާޅުވާ ގޮތުގައި، 20 ދުވަހަށް ބަންދުކުރަން ނެރުނު އަމުރު މިހާތަނަށް އެއްވެސް ކޯޓަކުން ބާތިލްކޮށްފައިނުވާތީ އެއީ ދެމިއޮތް އަމުރެކެވެ. އެހެންވެ ރައުދުގެ މައްޗަށް ހިނގަހިނގާ އޮތް ބަންދު ދެ އަމުރު އެބަ އޮތެވެ. އެއީ އެއް ތުހުމަތެއްގައި، އެއް ކަމަކާ ގުޅޭ ގޮތުން އޮތް ދެ އަމުރެވެ.
"މިއީ މީގެކުރިން އެއްވެސް މީހަކާ މެދު އަމަލުކޮށްފައި އޮތް ގޮތެއް ނޫން. ގާނޫނީ ހުސްކަމެއް މި ހާލަތުގައި މި އޮތީ،" ވަކީލް ވިދާޅުވި އެވެ.
މި ކަންބޮޑުވުން ވަކީލުން ވަނީ ކްރިމިނަލް ކޯޓުގެ ބަންދު މަޖިލީހުގައި ވެސް ފާހަގަކޮށްފަ އެވެ. އެކަމާ ގުޅިގެން އެ މަޖިލީހުގައި ފުލުހުން ބުނެފައިވާ ކަމަށް ކޯޓުން ނެރެފައިވާ އަމުރުގައި ވަނީ ރައުދު ބަންދުން ދޫކޮށްލަން ނިންމީ އަމުރުގައި އިޖުރާއީ ގޯހެއް އޮތް ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.
އާންމުކޮށް ބަންދު އަމުރުތައް ކްރިމިނަލް ކޯޓުން އާންމުކުރި ނަމަވެސް، މި އަމުރު އާންމުކޮށްފައެއް ނުވެ އެވެ. ނަމަވެސް، އަމުރުގެ ކޮޕީއެއް "މިހާރު" އަށް ވަނީ ލިބިފަ އެވެ.
ފުލުހުންނަށް ރައްދުދީ، ކްރިމިނަލް ކޯޓުން އަމުރު ނެރުއްވި ގާޒީ ވިދާޅުވެފައިވަނީ ކޯޓު އަމުރެއްގައި އިޖުރާއީ ގޯހެއް އޮތްކަމަށް ކަނޑައެޅުމުގެ ބާރު ފުލުހުންނަށް ލިބިގެންނުވާ ކަމަށެވެ. އެފަދަ ނިންމުމެއް ނިންމުމުގެ ބާރު ލިބެނީ ހައި ކޯޓާއި ސުޕްރީމް ކޯޓަށް ކަމަށް ގާޒީ ވިދާޅުވެފައިވެ އެވެ.
ބަންދު އަމުރެއް ދެމިއޮއްވައި، އާ އަމުރެއްގެ ދަށުން ރައުދު ހައްޔަރުކޮށްފައިވަނީ އިޖުރާއީ ގޯސްތަކާ އެކު ކަމަށް ވެސް ވަކީލުން ވިދާޅުވެފައިވެ އެވެ. ނަމަވެސް، ގާޒީ ނިންމަވާފައިވަނީ އެއީ އެ މަޖިލީހުގައި ބަހުސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ގާޒީ ވަނީ ރައުދު ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށް ކަނޑައަޅައި، ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރި ކަމަށް ގަބޫލުކުރެވޭތީ ފަސް ދުވަހުގެ އަމުރެއް ނެރެދެއްވައިފަ އެވެ.
ރައުދު އެންމެ ފުރަތަމަ ބަންދުކޮށްފައިވަނީ އިޖުރާއަތާ ހިލާފަށް ކަމަށް ބުނެ އޭނާގެ ފަރާތުން ހައި ކޯޓަށް މައްސަލައެއް ވެސް ހުށަހެޅި އެވެ. އެއީ، ރައުދު ބަންދުކޮށްދޭން ދައުލަތުން އެދިފައި އޮތީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ގޯސް މާއްދާއަކާ ހަވާލާދީ ކަމަށް ބުނެ އެވެ. އެ މައްސަލައިގައި ދައުލަތުން ހުށަހެޅި ޖަވާބުގައި ވެސް އެ އިޖުރާއީ ގޯސް ހެދިފައިވާ ކަމަށް އެއްބަސްވެފައިވެ އެވެ.
ނަމަވެސް، ރައުދު ބަންދުން ދޫކޮށްލުމާ އެކު، އޭނާގެ ފަރާތުން ވަނީ ހައި ކޯޓުގައި މައްސަލަ ބާތިލްކޮށްދޭން އެދިފަ އެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މިއަދު ބުނީ ރައުދުގެ މައްސަލަ މިދިޔަ ހޮނިހިރު ދުވަހު ފުލުހުން އެ އޮފީހަށް ފޮނުވުމާ އެކު އެ މައްސަލަ ބަލައިގަނެފައިވާ ކަމަށާއި ދައުވާ ކުރުމާ މެދު 15 ދުވަސް ތެރޭ ގޮތެއް ނިންމާނެ ކަމަށެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ. ފުލުހުން ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތު ކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފަ އެވެ.
ރައުދުއަކީ ޔުމްނު ވެއްޓުމުގެ ކުރިން އެންމެ ފަހުން އޭނާއާ އެކު އުޅުނު ކަމަށް ބުނާ މީހާ އެވެ. ޔުމްނު އާއި ރައުދު ފެންޓެނޯއީގެއަށް ދިއުމުގެ ކުރިން މއ. މާންދޫގެ ދެކުނުގެ އަށް އެ ރޭ ދަންވަރު ގޮސް އުޅުނެވެ. އޭގެ ފަހުން ފެންޓެނޯއީގެ އަށް ދިއުމުގެ ކުރިން ހ. ކަށިވެއްޔަށް ވެސް ވަދެ އެވެ.
ރައުދު ދޫކޮށްލީ ހުކުމަށްވުރެ ބަންދު އިތުރުވެދާނެތީ
ރައުދުގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
ރައުދު ބަންދުން ދޫކޮށްލައިފި
ޝަމްއާންގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ
ރައުދުގެ ބަންދަށް ފަސް ދުވަސް
ރައުދު ބަންދުން ދޫކޮށްލައިފި
ރައުދުގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
ޕީޖީ ޝަމީމަށް ހަމަލާދިން މީހުން ސަލާމަތްވެއްޖެ
ޝަމްއާން ބަންދުކުރި ގޮތާ މެދު ސުވާލު އުފައްދައިފި
ނިޝާން އާއި ފަޒްލޫންގެ ޝަރީއަތް މަޑުޖައްސާލައިފި