މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލް ބަންދުން ދޫކޮށްލަން އެދުނީ އޭނާގެ މައްޗަށް އަންނާނެ ހުކުމްގެ މުއްދަތަށް ވުރެ ބަންދުގައި ހުރި މުއްދަތު އިތުރުވެދާނެތީ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ބުނެފި އެވެ.
27 މެއި 2025
މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލް ބަންދުން ދޫކޮށްލަން އެދުނީ އޭނާގެ މައްޗަށް އަންނާނެ ހުކުމްގެ މުއްދަތަށް ވުރެ ބަންދުގައި ހުރި މުއްދަތު އިތުރުވެދާނެތީ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ބުނެފި އެވެ.
ރައުދު، 21، ރޭ ދަންވަރު ބަންދުން ދޫކޮށްލާފައިވަނީ ފުލުހުން ބުނި ގޮތުގައި އެ މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރުމަށް ފަހު، ރައުދު ބަންދުން ދޫކޮށްލުމަށް "ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އިރުޝާދު ދީފައިވާތީ" އެވެ.
އެ އިރުޝާދު ފުލުހުންނަށް ދިން ސަބަބު ސާފުކޮށްދީ، ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ މީޑިއާ އޮފިސަރު އަހުމަދު ޝަފީއު ވިދާޅުވީ ރައުދު ބަންދުން ދޫކުރަން އެދުނީ ބަންދުގައި ހުރި މުއްދަތު، ރައުދުގެ މައްޗަށް އަންނާނެ ކަމަށް ބެލެވޭ ހުކުމްގެ މުއްދަތަށްވުރެ ދިގުވެދާނެތީ ކަމަށެވެ. އެއީ، އާންމުކޮށް އަމަލުކުރާ އުސޫލު ކަމަށް ވެސް ވިދާޅުވި އެވެ.
ރައުދުގެ މައްޗަށް ބޮޑު އަދަބެއް އަންނާނެ ދައުވާއެއް ކުރެވެން ނެތް ކަމަށް މި ނިންމުމުން ބެލެވޭއިރު މަސްތުވާތަކެތި ބޭނުންކުރި ކަމަށް އިއުތިރާފް ވިޔަސް ފަރުވާގެ ފުރުސަތު ހޯދަން ފުރުސަތު ދީ އެ މައްސަލަ ފޮނުވާނީ ޑްރަގް ކޯޓަށެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ކުރިން ވިދާޅުވެފައި ވަނީ ރައުދަށް ދައުވާ ކޮށްދިނުމަށް އެދި އެ މައްސަލަ މިދިޔަ ހޮނިހިރު ދުވަހު ފުލުހުން އެ އޮފީހަށް ފޮނުވުމާ އެކު، މައްސަލަ ބަލައިގަނެފައިވާ ކަމަށާއި ދައުވާ ކުރުމާ މެދު، ގާނޫނުގައި އޮންނަ 15 ދުވަސް ތެރޭ ގޮތެއް ނިންމާނެ ކަމަށެވެ.
ޔުމްނު ވެއްޓުނު ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން ރައުދު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ހަ ފަހަރަށް އިތުރު ކޮށްފައިވެ އެވެ. އެންމެ ފުރަތަމަ ފަހަރު ފަސް ދުވަހަށް އަދި ދެވަނަ ފަހަރު 10 ދުވަހަށް ބަންދުކުރި އިރު އޭގެ ފަހުން ފަސް ދުވަސް ބަންދަށް ދިނެވެ. އަދި އެންމެ ފަހުން ރައުދުގެ ބަންދަށް ދީފައި އޮތީ 20 ދުވަހެވެ.
ކްރިމިނަލް ކޯޓުން ރައުދު 20 ދުވަހަށް ބަންދުކުރަން މި މަހުގެ 15 ވަނަ ދުވަހު ނެރުނު އަމުރުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ ތިންވަނަ ދުވަހަށެވެ. ނަމަވެސް، އެ އަމުރު ދެމިއޮއްވައި މި މަހުގެ 22 ވަނަ ދުވަހު ރައުދު ބަންދުން ދޫކޮށްލި އެވެ. އޭނާ ބަންދުން ދޫކޮށްލީ އެންމެ ފުރަތަމަ ހައްޔަރުކުރިއިރު، ފުލުހުން އިޖުރާއަތާ ހިލާފަށް އަމަލުކޮށްފައިވާތީ، އެކަން އިސްލާހު ކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ލަފާދީފައިވާތީ އެވެ.
ރައުދު ބަންދުން ދޫކޮށްލިތާ ގަޑިއިރުތަކެއް ފަހުން ކްރިމިނަލް ކޯޓުގެ އާ އަމުރެއްގެ ދަށުން އަނެއްކާވެސް ރައުދު ހައްޔަރުކުރި އެވެ. އަދި، ބަންދުގެ މަޖިލީހަށް ރައުދު ގެންދިއުމުން ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ބަންދަށް އިތުރުކޮށްފަ އެވެ. އެ މުއްދަތު ހަމަވާނީ މިއަދަށެވެ.
ރައުދު އެންމެ ފުރަތަމަ ބަންދުކޮށްފައިވަނީ އިޖުރާއަތާ ހިލާފަށް ކަމަށް ބުނެ އޭނާގެ ފަރާތުން ހައި ކޯޓަށް މައްސަލައެއް ވެސް ހުށަހެޅި އެވެ. އެއީ، ރައުދު ބަންދުކޮށްދޭން ދައުލަތުން އެދިފައި އޮތީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ގޯސް މާއްދާއަކާ ހަވާލާދީ ކަމަށް ބުނެ އެވެ. އެ މައްސަލައިގައި ދައުލަތުން ހުށަހެޅި ޖަވާބުގައި ވެސް އެ އިޖުރާއީ ގޯސް ހެދިފައިވާ ކަމަށް އެއްބަސްވެފައިވެ އެވެ.
ނަމަވެސް، ރައުދު ބަންދުން ދޫކޮށްލުމާ އެކު، އޭނާގެ ފަރާތުން ވަނީ ހައި ކޯޓުގައި މައްސަލަ ބާތިލްކޮށްދޭން އެދިފަ އެވެ.
ފުލުހުން ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތު ކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފަ އެވެ.
ރައުދުއަކީ ޔުމްނު ވެއްޓުމުގެ ކުރިން އެންމެ ފަހުން އޭނާއާ އެކު އުޅުނު ކަމަށް ބުނާ މީހާ އެވެ. ޔުމްނު އާއި ރައުދު ފެންޓެނޯއީގެއަށް ދިއުމުގެ ކުރިން މއ. މާންދޫގެ ދެކުނުގެ އަށް އެ ރޭ ދަންވަރު ގޮސް އުޅުނެވެ. އޭގެ ފަހުން ފެންޓެނޯއީގެ އަށް ދިއުމުގެ ކުރިން ހ. ކަށިވެއްޔަށް ވެސް ވަދެ އެވެ.
ރައުދުގެ މައްޗަށް ހިނގަހިނގާ އޮތް ބަންދު ދެ އަމުރު
ރައުދުގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
ރައުދު ބަންދުން ދޫކޮށްލައިފި
ޝަމްއާންގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ
ރައުދުގެ ބަންދަށް ފަސް ދުވަސް
ރައުދު ބަންދުން ދޫކޮށްލައިފި
ރައުދުގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
ޕީޖީ ޝަމީމަށް ހަމަލާދިން މީހުން ސަލާމަތްވެއްޖެ
ޝަމްއާން ބަންދުކުރި ގޮތާ މެދު ސުވާލު އުފައްދައިފި
ނިޝާން އާއި ފަޒްލޫންގެ ޝަރީއަތް މަޑުޖައްސާލައިފި