Roadha Mihaaru
އަނިޔާވި އަންހެން މީހާ އަށް ހިމާޔަތް ދީފި

މަޑަވެލި މާރާމާރީ: އަނިޔާވި އަންހެން މީހާ އަށް ޖެންޑާ މިނިސްޓްރީން ހިމާޔަތް ދީފި

22 މާޗް 2023

ގދ. މަޑަވެލީގައި އިއްޔެ ހިންގި މާރާމާރީގައި އަނިޔާވި ޒުވާން އަންހެން މީހާ އަށް ޖެންޑާ މިނިސްޓްރީން ހިމާޔަތް ދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގދ. މަޑަވެލީގައި އިއްޔެ ހިންގި މާރާމާރީގައި އަނިޔާވި ޒުވާން އަންހެން މީހާ އަށް ޖެންޑާ މިނިސްޓްރީން ހިމާޔަތް ދީފި އެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ބުނީ، ގާނޫނީ ގޮތުން އަންހެން މީހާ އަށް ދިނުމަށް މިނިސްޓްރީ އަށް ލާޒިމުކުރާ ރައްކާތެރިކަން މިހާރު އޭނާއަށް ދީފައިވާ ކަމަށެވެ. އޭނާ އަށް އަނިޔާކުރި ފިރިހެން މީހާގެ މައްސަލަ ބަލައިދިނުމަށް މިނިސްޓްރީގެ ފަރާތުން ފުލުސް އޮފީހަށް ރިޕޯޓް ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

"މި މައްސަލަ މިހާރު ބަލަމުން އަންނައިރު، ވިކްޓިމް އަށް ދޭން ޖެހޭ ރައްކާތެރިކަން ދީ، އޭނާއަށް ސައިކޯސޯޝިއަލް ސަޕޯޓް ދިނުމުގެ މަސައްކަތް އަންނަނީ ކުރަމުން،" މިނިސްޓްރީން ބުންޏެވެ.

އެނގިފައިވާ ގޮތުގައި މިނިސްޓްރީގެ އެހީގައި އެ އަންހެން މީހާ މިހާރު ވަނީ މަޑަވެލިން ބާލައި، ގދ. ތިނަދު އަށް ގެންގޮސްފަ އެވެ.

އެ އަންހެން މީހާއަކީ އެ ރަށަށް ގޮސް އުޅުނު އެހެން ރަށެއްގެ މީހެކެވެ.

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއިން ފެނުނު ގޮތުގައި ގެއަކުން ނެރެ ގިނަ ބައެއްގެ ތެރޭގައި އަންހެން މީހާގެ ގައިގައި ތަޅައި އަނިޔާކުރެ އެވެ. އޭގެ ފަހުން އެއް އަތުގައި ހިފައިގެން ގަދަކަމުން މަގުމަތީގައި ދަމައި ކޫއްތާފައި ގެންދާ މަންޒަރު ފެނެ އެވެ. އެގޮތަށް ގެންދިޔައިރު ވެސް ދޭތެރެެއަކުން އަންހެން މީހާގެ ގައިގައި ޖަހައި އަނިޔާކުރި އެވެ. އެ ފިރިހެން މީހާ ހުއްޓުވީ އަނިޔާކުރި ތަނުގައި ތިބި ބައެކެވެ.

މި އަނިޔާ ދިން މަޑަވެލީގެ 33 އަހަރުގެ ފިރިހެން މީހާ ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން އިއްޔެ ބުނި ގޮތުގައި، ލިބުނު އަނިޔާތަކަށް އަންހެން މީހާ އަށް ހެލްތު ސެންޓަރުގައި ފަރުވާދޭން ވެސް ޖެހުނެވެ.

މަޑަވެލިން ވާހަކަ ދެއްކި މީހަކު ބުނީ މީގެ ދުވަސްކޮޅެއް ކުރިން އަންހެން މީހާ އެ ރަށަށް ދިޔައީ އަނިޔާކުރި ފިރިހެންމީހާއާ ކައިވެނިކުރުމަށް ކަމަށް ބައެއް މީހުންގެ ގާތުގައި ބުނެފައިވާ ކަމަށެވެ. މަގުމަތީގައި ދަމައި ކޫއްތާފައި ގެންދިއުމުގެ ކުރިން ވެސް އަންހެން މީހާގެ ގައިގައި ތަޅައި އަނިޔާކުރާތީ ފިރިހެން މީހާގެ އާއިލާގެ ގެއަކަށް ގެންދިޔަ ކަމަށްވެ އެވެ.