Roadha Mihaaru
އަނބިމިހާއަށް އަނިޔާކުރި ކަމަށްބުނާ މީހާ ހައްޔަރުކޮށްފި

އަނބިމިހާއަށް އަނިޔާކޮށް އިންޒާރުދިން ކަމަށް ބުނާ މީހާ ހައްޔަރުކޮށްފި

08 މެއި 2020

އަނބިމިހާ އަށް އަނިޔާކޮށް، އިންޒާރު ދިން ކަމަށް ބުނާ މީހާ ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަނބިމިހާ އަށް އަނިޔާކޮށް، އިންޒާރު ދިން ކަމަށް ބުނާ މީހާ ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ، އެ ފިރިހެން މީހާގެ މައްސަލަ ސޯޝަލް މީޑިއާގައި އާންމުކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި، ރަށުތެރެ ޕެޓްރޯލްކުރަން އުޅުނު ފުލުހުންނަށް، އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ފެނިގެން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައުލޫމާތު އާއިލާއާ ވެސް ހިއްސާ ކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން،" އޭނާ ވިދާޅުވި އެވެ.

އަނބިމީހާ އަށް އަނިޔާކުރާ މައްސަލަ ފެންމަތިވީ އެ މީހުންގެ ފިރިހެން ދަރިފުޅު، އޭނާގެ ބައްޕަގެ އައިޑީ ކާޑުގެ ފޮޓޯއާ އެކު އެ ވާހަކަ ފޭސްބުކްގައި އާންމު ކުރުމުންނެވެ.

ރޭ 9:44 ގައި އެ ފިރިހެން ކުއްޖާ ކުރި ޕޯސްޓުގައި އެދިފައިވަނީ ބައްޕަ ހޯދައިދިނުމަށެވެ. ބައްޕަގެ މައްސަލަ އާއިލާ އިން މީގެ ކުރިން ވެސް ފުލުހުންނަށް ހުށަހެޅި ކަމަށާއި ނަމަވެސް ރަނގަޅުވާނެ ކަމަށް ބުނުމުން އެ ދެ ފަހަރަ ވެސް މައްސަލަ ދޫކޮށްލީ ކަމަށް ދަރިފުޅު ބުނެފައި ވެ އެވެ.

އޭނާ ލިއުނު ގޮތުގައި މަންމަ އާއި ބައްޕަގެ ވަރީގެ މައްސަލަ މިހާރު އޮތީ ކޯޓުގަ އެވެ. އެހެންކަމުން މަންމަ އާއި ބައްޕަ ދިރިއުޅެނީ ދެ ގޭގައި ކަމަށާއި ނަމަވެސް ރޭ މަންމަ އުޅޭ ގެއަށް ގަދަކަމުން ވަދެ، މަންމަގެ ފޯނު އަތުލައި، ސިޑި މައްޗަށް ކޮއްޕައިލި ކަމަށް ވެސް އޭނާ ލިއުނެވެ. މަންމަގެ އިތުރުން އަންހެން ދައްތަ އަށް ވެސް ބައްޕަ އަނިޔާކުރާ ކަމަށް އެ ކުއްޖާގެ ޕޯސްޓުގައި ބުންޏެވެ.