13 ޑިސެމްބަރ 2022
ގެވެށި އަނިޔާގެ އަމަލުތައް ރާއްޖޭގައި މިހާރު ފެތުރިފައި އޮތީ ކޮން މިންވަރަކަށް ހެއްޔެވެ؟ ކަމާބެހޭ އިދާރާތަކަށް ޔަގީން ޖަވާބެއް ދޭކަށް ނޭނގެ އެވެ.! ފުލުހުންނާއި ޖެންޑާ މިނިސްޓްރީ އާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ވެސް ހާލަތު ބުނެދޭން ހުޅުވާލަން އޮތީ މާކުރީގެ ދިރާސާއަކާއި ރިޕޯޓްކުރި ކޭސްތަކެވެ. މީގެ 15 އަހަރު ކުރީގެ އެ ދިރާސާގައި އޮތީ ރާއްޖޭގެ ކޮންމެ ތިން އަންހެނަކުން އެކަކު އަނިޔާ ލިބެ އެވެ.
ގެވެށި އަނިޔާގެ އަމަލުތައް ރާއްޖޭގައި މިހާރު ފެތުރިފައި އޮތީ ކޮން މިންވަރަކަށް ހެއްޔެވެ؟ ކަމާބެހޭ އިދާރާތަކަށް ޔަގީން ޖަވާބެއް ދޭކަށް ނޭނގެ އެވެ.! ފުލުހުންނާއި ޖެންޑާ މިނިސްޓްރީ އާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ވެސް ހާލަތު ބުނެދޭން ހުޅުވާލަން އޮތީ މާކުރީގެ ދިރާސާއަކާއި ރިޕޯޓްކުރި ކޭސްތަކެވެ. މީގެ 15 އަހަރު ކުރީގެ އެ ދިރާސާގައި އޮތީ ރާއްޖޭގެ ކޮންމެ ތިން އަންހެނަކުން އެކަކު އަނިޔާ ލިބެ އެވެ.
މިއަށް ވުރެން ހާލަތު ގޯސްވެފައި އޮތުން އެކަށީގެންވެ އެވެ. މި ތަފާސްހިސާބުތަކަށް ބަލަހައްޓައިގެން ތިއްބައި އަނިޔާ ހައްދުފަހަނާޅައި ހިތްދަތި އެތައް ހާދިސާއެއް ހިނގައިފި އެވެ. ފެންނަ މީހުންނާއި އަޑުއިވޭ އަދި އަނިޔާގެ އަމަލުތައް ހިނގާކަން އެނގި ތިބެ ވަރިހަމަކޮށްލަނީ އެވެ. ކަމާބެހޭ އިދާރާތަކުން އިންސާފެއް ނުލިބެ އެވެ. އަނިޔާ ލިބޭ މީހާއަށް ރައްކާތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ކުޑަ އެވެ.
ފެންމަތިވާ ގެވެށި އަނިޔާގެ ބޮޑެތި މައްސަލަތަކުގެ ޓްރެންޑް ހުރީ އެގޮތަށެވެ. ކަންބޮޑުވާ ދަރަޖައިގެ އިހުމާލުތަކެވެ.
އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ ދިވެހި ދެ ފިރިހެނުން ހައްޔަރު ކުރުމަށް ފަހު ދޫކޮށްލި މައްސަލަ ހޫނުވެ، ގިނަ ބަޔަކު ނުކުމެ ޖިންސީ އަނިޔާ އާ ދެކޮޅަށް މުޒާހަރާ ކުރަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު
ތިން އަހަރުގެ ދަރިފުޅު މުހައްމަދު އިބްތިހާލަށް އަނިޔާކޮށް މަރާލި މައްސަލައިގެ ތަހުގީގާއި ޝަރީއަތުގައި ފާޅުވީ މަންމަ އާފިޔާގެ ވެސް އޮތީ އަނިޔާ ތަހައްމަލްކުރުމުގެ މާޒީއެއް ކަމެވެ. ބޮޑު ކުށަކަށް އޭނާ އަރައިގަންނަ ހާލަތަށް ދިޔަ ކަން އެންމެންނަށް އެނގޭ އިރު އެހީވި އެކަކު ވެސް ނެތީ އެވެ. އަނިޔާގެ ޝިކާރައަކަށް ވެ މަރުވި ގދ. ތިނަދޫ ޒިޔާދާ ނައީމްގެ ކޭސްގައި ވެސް ފެންނަން އޮތީ އެ ހަގީގަތެވެ. އޭގެ ފަހުން ގެވެށި އަނިޔާގެ ތެރެއިން ނަރުހަކު މަރާލައިފި އެވެ.
އެންމެ ފަހުން މި ފެންމަތިވީ ހދ. ނޮޅިވަރަން, ނިޝާމާ މުހައްމަދު މަރާލި މައްސަލަ އެވެ.
އޭނާގެ މަރުގެ ތުހުމަތުކުރަނީ މަސްތުވާތަކެއްޗާއި ގުޅުން ހުރި ކުށްކުރުމުގެ ރެކޯޑު އޮތް ފިރިމީހާ އަބޫބަކުރު ފައިސަލްއަށެވެ. ނިޝާމާ މަރުވެފައި އޮއްވާ ފެނުނުއިރު ކަރުގައި ޒަހަމެއް ހުއްޓެވެ. މި މަރަށް ފަހު ދައްކާ ވާހަކަތަކުގައި ނިޝާމާގެ މަރާ ހިސާބަށް އަނިޔާ ހައްދުފަހަނާޅައި ދިޔައީ ކަމަށް ތުހުމަތުކުރެ އެވެ.
ފެނުނު މީހުން އަޑު އިވުނު އަދި އަނިޔާ ތަހައްމަލްކުރަމުން ދިޔަކަން އެނގޭ މީހުން ވެސް ތިބި ކަމަށް ވެ އެވެ. އެކަމަކު އަނިޔާގެ އެއްވެސް ޝަކުވާއެއް އޭނާ ކަމާބެހޭ އިދާރާއަކަށް ހުށަހަޅާފައި އޮތް ކަމަށް އެތަންތަނުގެ ރެކޯޑަކުން ނުދައްކަ އެވެ. ނިޝާމާއަށް އަނިޔާ ލިބުނު ކަމެއް އެހެން މީހެއްގެ ފަރާތުން ވެސް ރިޕޯޓެއް ނުކުރެ އެވެ.
މި ކޭސްގައި އަދި ހަގީގަތެއް ނޭނގެ އެވެ. ބުރަވެވެނީ ފައިސަލްގެ އޮތް އަނިޔާކުރުމުގެ މާޒީއަށެވެ. ކުރީގެ އަނބިމީހާ އަށް ވަރަށް އަނިޔާކުރި އެވެ. މުއައްސަސާތަކަށް ހުށަހަޅައިގެން އޭނާއަށް އިންސާފެއް ނުލިބެ އެވެ. އަނިޔާގެ އަމަލު ތަކުރާރު ނުވާނެ ގޮތަކަށް ފައިސަލްއާ މެދު އެޅުނު ފިޔަވަޅެއް ވެސް ނެތެވެ.
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ)ގެ ސީއީއޯ އިބްރާހިމް ތޮއްޔިބް ވިދާޅުވީ ކޭސްތަކަށް ބަލާއިރު ގެވެށި އަނިޔާގެ މައްސަލަތަކުގައި މަރުވާ އަދަދު މަދުން ނަމަވެސް އިތުރުވަމުންދާތަން ފެނުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.
"މިއީ ކަންބޮޑުވާން ޖެހޭ ޓްރެންޑެއްގެ ގޮތުގައި މި ފާހަގަކުރެވެނީ. ފަހުގެ އަހަރުތަކުގެ ތެރޭގައި މިކަހަލަ ތިން ކޭސްއެއް, އިބްތިހާލް ކޭސް ހިމަނައިފި ނަމަ ހަތަރެއް ހިނގާފައި އެބަވޭ," އޭނާ ވިދާޅުވި އެވެ.
ނިޝަމާއަށް ވެސް އަނިޔާކުރާކަން އެނގި ތިބެ ހަނު ތިބީ ހެއްޔެވެ؟
ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން އަނިޔާ ރިޕޯޓްކުރުމަށް ވުރެން ތިން ކުދިންގެ ޒިންމާ, އޭނާއަށް ވެސް ކުރިއަށް ނެރެވޭނެކަން އެނގޭ އިރު ރައްކާތެރިކަން ހޯދައިދޭން އިސް ނެގި ހަމަ އެކަކު ނެތީ ހެއްޔެވެ؟
މި ސުވާލު އުފައްދަނީ އަނިޔާއަށް "ހަނު ތިބުން" ނުވަތަ މީހަކަށް އަނިޔާކުރާތަން ފެންނަ އިރު ވެސް ވަރިހަމަކޮށްލައިގެން ތިބުމުގެ ސަގާފަތް ބަދަލުނުވާ ކަން މިފަދަ ކޮންމެ މައްސަލައަކުން ފެންނާން އޮތުމުންނެވެ.
މާލެ: ޖޫން 29، 2020: ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ ދިވެހި ދެ ފިރިހެނުން ހައްޔަރު ކުރުމަށް ފަހު ދޫކޮށްލި މައްސަލަ ހޫނުވެ، ގިނަ ބަޔަކު ނުކުމެ ޖިންސީ އަނިޔާ އާ ދެކޮޅަށް މުޒާހަރާ ކުރަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު
ދެމަފިރިއަކު ޒުވާބުކޮށް ހަމަނުޖެހުން ހިންގާ ހިސާބަށްދާ ތަން ފެނުނަސް އެއީ އެ ދެމީހުންގެ ޒާތީ ކަމެއްގެ ގޮތުގައި ވަރަށް ގިނަ ފަހަރަށް އަޅައެއް ނުލަ އެވެ. ގެވެށި އަނިޔާގެ ގޮތުގައި ދެކެނީ ވެސް ޖިސްމާނީ އަނިޔާ އެވެ.
"ދެމަފިރިން ނޫނީ އާއިލާއެއްގެ ތެރޭގައި ޖެހޭ މިފަދަ މައްސަލަތައް ސިފަކުރަމުން މި އަންނަނީ ޒާތީ ކަމެއްގެ ގޮތުގައި. އެހެން ބަޔަކު އޭގެތެރެއަށް ވަންނަން ނުވަތަ އަޅާލަން ނުޖެހޭ ކަންތައްތަކެއްގެ ގޮތުގައި ސިފަވެގެން އާދޭ," ތޮއްޔިބް ވިދާޅުވި އެވެ.
"ދެ ވަނަ ކަމަކަށް އަޅުގަނޑުމެންގެ ތެރޭގައި އެބައޮވޭ ގަބޫލުކުރުމެއް ޒާތީ ދިރިއުޅުމުގެ ތެރޭގައި ޖެހޭ މައްސަލަތަކުގައި އަންހެނުންނަށް އަނިޔާކުރެވިދާނެއޭ. ބައެއް ފަހަރު ޒުވާބުކުރުމަކީ އޯކޭ ކަމެކޭ. ބައެއް ފަހަރަށް އަތް އިސްކުރުން ވެސް ހަމަ މައްސަލައެއް ނެތޭ."
އަނިޔާގެ އަމަލެއް ގިނަ ފަހަރަށް ސީރިއަސްކޮށް ނަގަނީ އަނިޔާ ލިބޭ މީހާ މުށުތެރޭގައި ގެންގުޅެމުން ގޮސް އެކަން ވަރަށް ބޮޑު ހާދިސާއެއްގެ ގޮތުގައި ހިނގުމުންނެވެ. އެފަދަ ކަންކަން ހިނގާ ތަން ފެނި އެންމެ ގޯސް ހާލަތަށް ދިއުމުން "މަރާލާނެ ކަމަކަށް ނުވަތަ މިވަރުކޮށްލާނެ ކަމަކަށް ހިއެއް ނުކުރަމޭ" ބުނަނީ އަނިޔާ ކުރިއަސް މައްސަލައެއް ނެތް ކަމަށް ގަބޫލުކުރެވޭތީ ކަމަށް ތޮއްޔިބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަނިޔާ ރިޕޯޓްކުރުން އިތުރުވެއްޖެ ކަމަށެވެ. ޖިސްމާނީ އަނިޔާގެ އިތުރުން އެހެން ބާވަތްތަކުގެ އަނިޔާ ވެސް ހުށަހަޅާ މިންވަރު ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އިތުރު ކަމަށް ވިދާޅުވި އެވެ.
"މާލީ ގޮތުން ކުރެވޭ އަނިޔާ ނުވަތަ ނަފްސާނީ ގޮތުން އަނިޔާ އާއި ބަހުގެ ހަމަލާދިނުމުގެ އަދަދުތައް ވެސް އިތުރުވަމުން އެބައާދޭ. ޓްރެންޑްތަކަށް ބަލާއިރު ހޭލުންތެރިކަން އިތުރުވަމުން އައުމުގެ ސިގްނަލްތަކެއް އެބަފެނޭ," އޭނާ ވިދާޅުވި އެވެ.
ތޮއްޔިބް ދެކެވަޑައިގަންނަވާ ގޮތުގައި މިއީ މި މައްސަލައިގައި އަންނަ ރަނގަޅު ބަދަލަކަށް ވެދާނެ އެވެ.
ގެވެށި އަނިޔާގެ މައްސަލަތަކުގައި މުއައްސަސާތަކުގެ ފުރިހަމަ ޒިންމާ އަދާކުރެވޭ ހެއްޔެވެ؟ ކޮންމެ މައްސަލައަކަށް ވަކިން ބަލާލިޔަސް ނިޒާމުގެ ތެރެއިން ހަރުދަނާ ކުރަން ޖެހޭ ގިނަ ކަންކަން ފެނެ އެވެ.
ގެވެށި އަނިޔާގެ މައްސަލަ ރިޕޯޓްނުކުރާ ކަމަށް ގިނަ ބަޔަކު ބުނާ އެއް ސަބަބަކީ ރައްކާތެރިކަން ނުލިބުމެވެ. ނިޒާމާ މެދު އޮތް އިތުބާރު ގެއްލިފައި އޮތުމެވެ.
އަނިޔާ ތަހައްމަލްކުރަން ޖެހޭ މީހުންގެ މައްސަލަ ރިޕޯޓްކުރާ ހިސާބުން އެކަން ސީރިއަސްކޮށް ނަގައި އަވަސް ހައްލު ހޯދައިދޭން ޖެހުނަސް ކަމާބެހޭ އިދާރާތަކާ މެދު އަދިވެސް އޮތީ ޝަކުވާ އެވެ.
މައްސަލަ ރިޕޯޓްކޮށްފި ނަމަ އަނިޔާ ލިބޭ މީހާ ބަދުނާމުގެ ތެރޭގައި ތާށިވެ އިތުރަށް އަނިޔާ ލިބޭ އިރު ވެސް ނުހުއްޓުވުމެވެ. އަނިޔާކުރާ މީހާއާ މެދު ނިޒާމުގެ ތެރެއިން އަޅާ ފިޔަވަޅެއް ވެސް ނޯވެ އެވެ.
އަނިޔާގެ މައްސަލަތަކަށް އިންސާފު ނުލިބޭ ކަމަށް ބުނެ މުޒާހަރާކުރަނީ: ގެވެށި އަނިޔާގެ މައްސަލަތަކުގެ ޓްރެންޑްކުރީ ކަންބޮޑުވާންޖެހޭ ގޮތަކަށް ކަމަށް އެފްޕީއޭ އިން ބުނޭ. -- ފޮޓޯ | މިހާރު
"ލިމިޓޭޝަންސްތަކެއް ހުރި ކަމަށް ގަބޫލުކުރަން. ގޭތެރޭގައި ނުވަތަ ވަންހަނާ ތަނެއްގައި ގިނަ ފަހަރަށް މިކަންކަން މި ހިނގަނީ. އެކަމަކު އަނިޔާގެ މައްސަލަ ސާބިތުކުރަން ބޭނުންވާ ހެކީގެ ބުރަދަން ތަންކޮޅެއް މަތިކޮށް އޮންނަނީ ގެވެށި އަނިޔާގެ މައްސަލަތަކުގައި," އޭނާ ވިދާޅުވި އެވެ.
"މިކަހަލަ ލިމިޓޭޝަންސްތަކާ އެކުގައި އަނިޔާކުރާ ފަރާތްތައް އެކައުންޓަބަލް ކުރުވުން ހަމަ ތަންކޮޅެއް ޗެލެންޖިން ގޮތަކަށް މި އޮންނަނީ ގެވެށި އަނިޔާގެ ކޭސްތަކުގައި."
މި މައްސަލަތަކުގައި މުއައްސަސާތައް އެކުގައި ހައްލު ހޯދަން ގެންގުޅޭ ވިސްނުންތަކުން ނަތީޖާ ނުނެރެވޭ މައްސަލަ ވެސް ބޮޑެވެ.
މިކަމުގައި އުޅުއްވާ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ޖެންޑާ މިނިސްޓްރީ އާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ގުޅުމެއް ނެތް މައްސަލަ ވެސް ބޮޑެވެ. އަނިޔާއާ ގުޅޭ ގޮތުން ދެތަނުން ނެރޭ ތަފާސްހިސާބުތައް ދިމާނުވުމަކީ މީގެ ހެއްކެއްގެ ގޮތަށް އޭނާ ދައްކަވަ އެވެ.
ގާނޫނުގައި އެ ހިސާބުތައް ބެލެހެއްޓުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާ ހަވާލުވެފައި އޮތަސް ރިޕޯޓްކުރާ ގެވެށި އަނިޔާގެ ހުރިހާ މައްސަލަތަކެއް ފެމިލިޓީ ޕްރޮޓެކްޝަން އޮތޯރިޓީގެ ސިސްޓަމް ތެރެއަކަށް ނުވަދެ އެވެ. މައްސަލައެއް ރިޕޯޓްކޮށްފި ނަމަ ހުރިހާ މުއައްސަސާތަކުން އަމަލުކުރާނެ އެސްއޯޕީއެއް އެބައޮތް ހެއްޔެވެ؟ ކޮންމެ މައްސަލައެއްގައި ތަފާތު ގޮތަކަށް ކަންކަން ހިނގާފައި ވަނިކޮށް ވެސް ފެނެ އެވެ.
ރައްކާތެރި ކަމުގެ އަމުރަކަށް އެދިގެން އަހަރެއްހާ ދުވަސް ވެސް ބައެއް މީހުން މަޑުކުރަން ޖެހިފައި އެބަހުއްޓެވެ. ބައެއް ހުކުމްތަކުން ފެންނަން އެބައޮތެވެ.
"އިތުބާރު ހަމަ ނޯންނަނީ. ޑީވީ ކޭސްތައް ރިޕޯޓްކޮށްގެން މުއައްސަސާތަކުން އަޅައިދެނީ ކޮން ފިޔަވަޅެއްތޯ ސުވާލު އުފައްދާ. ރިޕޯޓްކޮށްގެން އެ ހާލަތުން ސަލާމަތް ނުވަންޏާ އެކަމުން ވެސް ލިބެން އޮތީ އަނިޔާ. އެހެންވެ ހުށަނާޅާ ކޭސްތައް ވެސް ގިނަ," މި މައްސަލަތަކުގައި އިންސާފު ހޯދައިދޭން މަސައްކަތް ކުރައްވާ ލޯޔަރަކު ވިދާޅުވި އެވެ.
"ދެމަފިރިންގެ ދޭތެރޭގައި ޖެހޭ މައްސަލަތަކުގައި ނަފްސާނީ ގޮތުން ނުވަތަ ޖިސްމާނީ ގޮތުން ކުރާ އަނިޔާ ހުށަހެޅުމުން މަޝްވަރާކޮށްގެން ހައްލުކުރަން" ފޮނުވާލި ކަމުގެ ޝަކުވާ އޮވެ އެވެ.
މިކަން މިހެން އަދިވެސް އެބަ ހިނގަ އެވެ.
އަނިޔާއަށް ހޭލުންތެރިކުރުވަން ޖެންޑާ މިނިސްޓްރީން "ގެވެށި ގުޅުން" ކެމްޕޭނެއް މުޅި ރާއްޖޭގައި ލޯންޗްކުރި އެވެ. ނަތީޖާއަކީ ކޮބައި ހެއްޔެވެ؟ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން 12 އަހަރު ކުރި މަސައްކަތުން ހާސިލްވީ ކޮން ކަމެއް ހެއްޔެވެ؟ އަނިޔާ ހައްދުފަހަނާއަޅާފައިވާ ކަން މައްސަލައަކުން ތިލަވުމުން އެ މައްސަލައަކާ ހިސާބަށް މަސައްކަތް ނިންމާލާފައި އަނެއްކާ ވެސް ވަރިހަމަކޮށްލަނީ ހެއްޔެވެ؟
ބަހުގެ ހަމަލާތަކުން ވިޔަސް ޖިސްމާނީ ގޮތުން ވިޔަސް މީހަކަށް އަނިޔާ ލިބޭ ކަން އެނގޭ ނަމަ ނުވަތަ އެ މަންޒަރު ފެންނަ ނަމަ ވަރިހަމަކޮށްލުން ދޫކޮށްލަން ޖެހެ އެވެ. ކުދި ރަށްރަށާއި މުޖުތަމައުތަކުގައި އަނިޔާ އަކީ ސަގާފަތުގެ ތެރޭގައި އޮތް ކަމެއްގެ ގޮތުގައި ދެކޭ ވިސްނުން ވެސް ބަދަލުކުރަން ޖެހެ އެވެ.
"ދެމަފިރިއެއްގެ ދެމެދުގައި ވިޔަސް ބެލެނިވެރިއަކު ދަރިއަކަށް ވިޔަސް މައުލޫމާތު އެނގޭ ނަމަ ޒާތީ ކަމެއް ނޫން ކަން, އަނިޔާގެ އަމަލެއް ކަމާއި ގާނޫނީ ކުށެއްކަން ގަބޫލުކުރަން ޖެހޭ. ދެން މުހިއްމު ކަމަކީ އަނިޔާ ލިބޭ މީހާއަށް އެއްބާރުލުން ދިނުން, އެއީ އޭނާގެ މައްސަލައެއްގެ ގޮތުގައި ދެކޭ ވިސްނުން ދޫކޮށްލުން،" ތޮއްޔިބް ވިދާޅުވި އެވެ.
މަަގުމަތިވި އާއިލާ ޖެންޑާގެ ބެލުމުގެ ދަށަށް!
ކުރީގެ އަނބިމީހާއަށް އަނިޔާކުރި ފުލުހަކު ޖަލަށް
އާދޭހުގައި 13އަހަރު: މި މަންމަގެ ހައްގެއް ނުލިބުނު!
ގެވެށި އަނިޔާގެ މައްސަލަ ތަހުގީގެއް ނުކުރެވުނު
ފިރިމީހާ، އަނބިމީހާ އަށް ހަމަލާދީ ޒަހަމްކޮށްލައިފި
ބައްޕައަކު އަންހެން ދަރިފުޅަށް ބޮޑެތި އަނިޔާތަކެއް ދީފި
އަނިޔާއަށް ފަހު ދަރިން އަތުލީ، އިންސާފެއް ނުލިބުނު!
އަސްރާ އަށް ވެސް ރޮނގު ހުރަހެއް ނުކުރެވުނު!
މަރަދޫގައި އަންހެނަކު ބަންދުކޮށްގެން އުޅޭ މައްސަލައެއް
އީސަގެ ތަހުގީގު ނިމި، ދައުވާކުރަން ފޮނުވަނީ