08 މާޗް 2022
"އަންހެނުންގެ ހައްގު ވަރަށް ސަޅިކޮށްތާ މި ލިބެނީ. މަޔަކު މިހުރީ ދަރިފުޅު ދެކިލަން ސްކޫލް ދޮށަށް ވެސް ނުދެވިފައި. އެއީ، ކުއްޖާ މަންމައާ ހަވާލުކުރަން އެންމެ މަތީ ކޯޓުގެ އަމުރެއް އޮވެ."
"އަންހެނުންގެ ހައްގު ވަރަށް ސަޅިކޮށްތާ މި ލިބެނީ. މަޔަކު މިހުރީ ދަރިފުޅު ދެކިލަން ސްކޫލް ދޮށަށް ވެސް ނުދެވިފައި. އެއީ، ކުއްޖާ މަންމައާ ހަވާލުކުރަން އެންމެ މަތީ ކޯޓުގެ އަމުރެއް އޮވެ."
އަންހެނުންގެ ދުވަސް މިއަދު ފާހަގަކުރާއިރު، [ކުއްޖާގެ ރައްކާތެރިކަަމަށް ނަން ސިއްރުކޮށްފައި] އައިމިނަތު ފަރީދާގެ ސުވާލަކީ މުއައްސަސާތަކުން މި ދައްކަނީ ކޮން ހައްގެއް ހޯދައިދޭ ވާހަކަ ހެއްޔެވެ؟ އެ ހައްގު ނިޒާމުގެ ތެރެއިން ކަށަވަރު ކޮށްދެނީ ކޮން އަންހެނަކަށް ހެއްޔެވެ؟
އޭނާ އާދޭސްކުރާތާ 13 އަހަރު ވެއްޖެ އެވެ. ފުލުފުލުގައި ނެރުނު އަމުރުތަކުން، އިންސާފު ހޯދައިދެވުނު އިދާރާއެއް މި ގައުމަކު ނެތެވެ! އިންސާފު ގާއިމުކޮށްދޭން ހުރީ ކޯޓުތަކެވެ. އެ ހުރިހާ މަރުހަލާއެއްގެ ކޯޓުތަކުން ނެރުނު އަމުރުތައް ތަންފީޒުކޮށްދެވުނު އެއްވެސް އިދާރާއެއް ވެސް މި ގައުމަކު ނެތެވެ.
އަންހެނުންގެ ދުވަސް އޭނާއަށް ފާހަގަކުރަން ޖެހިފައި އޮތީ މިއަދު ވެސް ކޯޓުގެ ތެރޭގަ އެވެ. އުމުރުން ތިން މަހުގައި އަތުލި އޭނާގެ ދަރިފުޅު ހަވާލުކުރަން ފެމިލީ ކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓުން ބައްޕަގެ އާއިލާގެ މައްޗަށް އަމުރެއް އޮވެމެ އެކަން ތަންފީޒުކޮށްދޭން ދައުލަތުގެ އިދާރާތައް ނުކުޅެދުމުންނެވެ.
ހައްގު ހޯދަން އަޑުއުފުލަން ބޭއްވި މުޒާހަރާއެއް: އާއިލީ މައްސަލަތަކުގައި އިންސާފަށް ހުރި ހުރަސްތައް އަދިވެސް ގިނަ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު
ތިން މަހުގައި، 2009 ވަނަ އަހަރު އޭނާގެ ފިރިހެން ދަރިފުޅު އަތުލައި ގެންގުޅެނީ ބައްޕަގެ އާއިލާގެ ތެރޭގަ އެވެ. މަންމަގެ ލޯބިން މަހްރޫމްކުރުމުގައި އިސްކޮށް ހުރީ ކުއްޖާގެ މާމަ އެވެ. ދަށު ކޯޓުން ފަރީދާއާ ކުއްޖާ ހަވާލުކުރަން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށް ހުކުމް ކުރުމުން، އޭރުގެ ސުޕްރީމް ކޯޓުން ފެމިލީ ކޯޓުގައި އޮތް މައްސަލައިގެ ފައިލް ގެންގޮސް އެ ހުޅުވައި ވެސް ނުލައި ހަ އަހަރު ބޭއްވި އެވެ.
ސުޕްރީމް ކޯޓުން މައްސަލަ ހިނގައިގަތީ އެތަނުގެ ހުރިހާ ފަނޑިޔާރުން ބަދަލުކޮށް އަލަށް އެކުލަވައިލި ބެންޗާ އެކުގަ އެވެ. ޖޫން، 8، 2020، ގައި ސުޕްރީމް ކޯޓުން ވެސް މައްސަލަ ނިމުނީ ފަރީދާގެ ކޮޅަށެވެ. ދަށު ކޯޓުގެ ހުކުމް ދެމެހެއްޓީ އެވެ. އެކަމަކު އޭގެ ފަހުން ދެ އަހަރުވާ އިރު ވެސް އޭނާ ދައްކަން މި ޖެހެނީ އެއް ވާހަކަތަކެކެވެ. މި ހުކުމްތައް ތަންފީޒުކޮށްދެވޭނެ އިދާރާއެއް އަދި އެ ހުކުމްތައް ތަންފީޒުކުރުމަށް ހުރަސް އެޅި މީހުންނަށް ފިޔަވަޅެއް އަޅާލަން ކެރުނު މުއައްސަސާއެއް ނެތީ އެވެ.
ދަރިއަކަށްޓަކައި ނިޒާމުގެ ތެރެއިން އޭނާއަށް އިންސާފު ހޯދައި ނުދެވި އޮތީ، ބާރާއި ނުފޫޒުގަދަ މީހަކާ ޖެހުމުން ކަމަށް ނޫނީ ބުނެވޭކަށް ނެތެވެ. ފަރީދާ ދެކޭ ގޮތުގައި، ސަރުކާރު ކުންފުންޏެއްގެ ބާރުގަދަ މަގާމެއްގައި އުޅޭ ދަރިފުޅުގެ މާމަގެ ކުރިމަތީގައި، އިދާރާތަކުން ކުޑަކަކޫ ޖަހައިގެން ތިބީ އެވެ.
● ދެމަފިރިން މައްސަލަ ޖެހުމުން ދަރިފުޅަށް ތިން މަހުގައި ގޮވައިގެން ފަރީދާ ރަށަށް ދިޔަ.
● ޖެންޑާ އާއި ފުލުހުން މެދުވެރިކޮށް ދެމައިން މާލެ ގެނައީ ނުފޫޒުން ކަމަށް ތުހުމަތުކުރޭ.
● މައްސަލަ ބެލި ފުލުހުންގެ ކޮމާންޑަރު ބުރަވީ މަތީ މަގާމުގައި އުޅުނު މާމަގެ ގޯސްތަކަށް ވުރެން ބޮޑީ މަންމަގެ އިހުމާލު ކަމަށް ހީވާ ކަމަށް.
● ދަރިފުޅާ އެކު ފަރީދާ މާލެ ގެނެސް ވަރީގެ ގަޒިއްޔާ ފެށި.
● ކުއްޖާ އަތުލަން މައިދައިތަ އާއި ފިރިމީހާ ފެމިލީ ކޯޓަށް 2009 ގައި ހުށަހެޅި. ދޫދީ އެ މީހުން ގާތުގައި އުޅެން ފުރުސަތު ދިން.
● ދަރިފުޅު މަންމަ ގާތުގައި އުޅެން ބޭނުންވުމުން 2013 ގައި އަލުން ކޯޓަށް ދިޔަ.
● ކޯޓުން އަމުރުކުރީ ދަރިފުޅު، މަންމައާ ހަވާލުކުރަން.
● އަޅާލުމާއި އެހީތެރިކަން ނުލިބޭ ކަމާއި ކާފައާ އެކު ގިނަ ވަގުތު ހޭދަކުރާއިރު އެއްވެސް ކަމެއްގައި މަންމަގެ މަޝްވަރާ ނުހޯދާ ކަމަށް އަމުރުގައިވޭ.
● އެ އަމުރަށް ބައްޕަ އާއި މާމަ ތަބައެއް ނުވި.
● ހައި ކޯޓަށް މަންމަ މައްސަލަ ވެއްދުމުން ދަށު ކޯޓުގެ ހުކުމް ދަމަަހައްޓައި މަސްލަހަތު އެންމެ ރަނގަޅު ގޮތަކީ މަންމަ ގާތުގައި ކުއްޖާ ހުރުން ކަމަށް ނިންމި.
● އެ ހުކުމާ އެކު ވެސް ދަރިފުޅު ހަވާލެއް ނުކުރި. ފުލުުހުންނާއި ޖެންޑާއަށް އަމުރު ތަންފީޒެއް ނުކޮށްދެވުނު.
● ސުޕްރީމް ކޯޓަށް ޖޫން، 11، 2014 ގައި މައްސަލަ ގެންގޮސް ގޮތެއް ނުނިންމައި ހަ އަހަރު ބޭއްވި.
● ޖޫން، 8، 2020 ގައި ހުކުމް އައީ ދަރިފުޅު މަންމައާ ހަވާލުކުރަން ޖެހޭ ކަމަށް.
● ހުކުމަށް ދެ އަހަރުވާ އިރު ވެސް އިދާރާތަކަށް ތަންފީޒެއް ނުކުރެވުނު.
ސުޕްރީމް ކޯޓުން ހުއްޓުވާފައި އޮތް މައްސަލަ އާ ފަނޑިޔާރުންނާ އެކު އަލުން ފަށައި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު ހުސްނުއްސުއޫދު ހިމެނިވަޑައިގެންނެވި ބެންޗުން ނެރުނު ހުކުމާ އެކު ފަރީދާގެ އުއްމީދު އާވި އެވެ. އެ އަމުރު ތަންފީޒުކުރަން، ފުލުހުންނާއި ކަމާގުޅޭ އެހެން އިދާރާތަކުގެ މައްޗަށް ފެމިލީ ކޯޓުން ވެސް އެ ފަހަރު ނެރުނީ ވަރަށް ވަރުގަދަ އަމުރެކެވެ.
އިންސާފު ނުލިބިގެން މާލޭގައި ބަޔަކު އަޑުއުފުލަނީ: ކުޑަ ކުއްޖަކު އޭނާގެ މަންމައާ ހަވާލުކުރަން ކޯޓުތަކުން ކުރި އަމުރު ތަންފީޒު ނުވެ 13 އަހަރު ވެއްޖެ. -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު
އޮކްޓޯބަރު، 5، 2020ގައި ނެރުނު އަމުރުގައި އޮތީ، 48 ގަޑިއިރުގެ ތެރޭގައި މަންމައާ ދަރިފުޅު ހަވާލުކުރުމަށެވެ. އެކަމަކު އޭރު ފަރީދާ ހުރީ ރަށުގައި ކަރަންޓީންގަ އެވެ. އެހެންވެ އަމުރު ތަންފީޒުކުރަން 48 ގަޑިއިރު ތެރޭގައި މާލެ އާދެވޭ ގޮތެއް ނުވި އެވެ. އެޗްޕީއޭ އަކުން ވެސް އެ ހުއްދަ އޭނާއަށް ނުލިބުނީ އެވެ.
ކަރަންޓީން ނިމުމާ އެކު ދަރިފުޅު ބަލައި މާލެ އަ އެވެ. ފުލުހުންނާ އެކު ދަރިފުޅާ ހަވާލުވާން ދިޔައީ އޮކްޓޯބަރު، 18، 2020، ގަ އެވެ.
"ދަރިފުޅު ބަަލައި ދިޔައިރު، މުޅި ތަން އޮތީ ފުރާލާފައި. ކުއްޖާ ކައިރީގައި ބަހައްޓާފައި މާމަ ގޮވަނީ އެ ސަރަހައްދުގައި ހުރެގެން އަޑުހަރުކޮށް، ހުރިހާ ބޭފުޅުންނޭ ވަޑައިގަންނަވާ، ކުއްޖާ މަންމައާ ހަވާލުކުރިކަން އެންމެން ހެކިވާތި. ދެން އަހަނީ ދަރިފުޅުގެ ގާތުން. [ދަރިފުޅު] ކީކޭ ބުނަނީ. އޭރު ކުއްޖާ ރޮނީ، ބިރުދައްކާފައި ހުރީ. އެންމެން އެއްކޮށްގެން އެގޮތަށް ހަޅޭއްލަވާ ހެދީމަ ދަރިފުޅު ބުނީ މަންމައާ އެކީ ދާކަށް ބޭނުމެއް ނުވެއޭ،" ފަރީދާ ކިޔައިދިނެވެ.
ޖެހިގެން އައި ދުވަހު އެފްސީޕީޑީ އާއި ޖެންޑާގެ ޓީމަކުން ގޮސް އެ ކުއްޖާއަށް ކައުންސެލިން ދީ، މަންމައާ ބައްދަލުވާނެ ގޮތް ހެދި އެވެ. ފަރީދާ ބުނި ގޮތުގައި ހިތްހަމަޖެހިގެން ދަރިފުޅު ވާހަކަ ދެއްކި އެވެ. އެކަމަކު 30 މިނެޓު ވެސް މާމައަށް ގިނަވެ ވަކީލު ފޮނުވައި ދެމައިން މާ ގިނައިރު ބައްދަލުކޮށްފި ކަމުގެ ޝަކުވާ ކުރި ކަަމަށް ފަރީދާ ބުންޏެވެ.
އަމުރާ އެއްގޮތަށް ދަރިފުޅު ފަރީދާއާ ހަވާލުކުރަން، އޮކްޓޯބަރު، 27 ގައި އަނެއްކާވެސް ކަމާ ގުޅޭ އިދާރާތަކުން އުޅުނެވެ. ފުލުހުންނާއި ޖެންޑާގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ބައިވެރިވި އެވެ.
"ހިއުމަން ރައިޓްސްގެ ރިޕޯޓުގައި ވެސް ފާހަގަކޮށްފައި ވާނެ އެ ދުވަހު ކަން ވީ ގޮތް. މަންމަ އަތުގައި ހިފައިގެން ގޮސް ކުއްޖާ ކާރަށް އަރައަރައި ހުއްޓައި މާމަ ބުނަނީ ބިންމަތީ އޮށޯންނާށޭ. ދެން އުމުރާ ނުގުޅޭ ބައިވަރު އެއްޗެހިތައް ކިޔައި ލަވަ ޖަހައި ހަޅޭއްލަވައި ހެދީ. ދިޔަ ނުދޭން އެ ދުވަހު ވެސް ބިރު ދެއްކީ. ބިރުން އެ ކުއްޖާ ބިންމަތީ އޮށޯވެ ރޯތަން ބަލަން އަހަރެންނަށް އެ ދުވަހު ޖެއްސި،" ފަރީދާ ބުންޏެވެ.
ދައުލަތުގެ އިދާރާތައް ކުރިމަތީގައި ކުޑަކުއްޖަކު ނުކިޔަމަންތެރިކޮށް އެ ދުވަހު ހިންގީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުން މަނާކޮށް، އެކަން ކުރުވި މީހަކަށް އަދަބު ކަނޑައަޅާފައިވާ ކަންތައްތަކެއް ކަން، ގާނޫނުގެ މާއްދާތައް ފަރިތަކަމާ އެކު ކިޔައިދެމުން ފަރީދާ ބުންޏެވެ.
ދަރިފުޅުގެ ހައްގުގައި ކޯޓުގައި އޭނާ މި ހޭދަކުރި 13 އަހަރުގައި ވެސް ވަކީލެއްގެ އެހީތެރިކަމެއް ނުހޯދަ އެވެ. ދަރިފުޅުގެ ހައްގުގައި، މަންމަ އަށް ވުރެން ބޮޑަށް ވަކާލާތު ކުރެވޭނެ އެެހެން މީހަކު ހުންނާނެ ކަމަށް އޭނާއަށް ގަބޫލު ނުކުރެވޭތީ އެވެ.
"ސެކްޝުއަލް އެބިއުސް ނޫން ހުރިހާ ވައްތަރެއްގެ އެބިއުސަށް ކުއްޖާ ހުށަހެޅި ދައުލަތުގެ ތިން މުއައްސަސާތައް ކުރިމަތީގައި. މިއަދާ ހަމައަށް ވެސް [ނަން އުނިކޮށްފައި] ފިޔަވަޅު އަޅާފައެއް ނުވޭ ނުކިޔަމަންތެރި ކުރުވި މައްސަލައިގައި. ފުލުހުންގެ ދައުރަށް ހުރަސް އެޅި މައްސަލައިގައި ވެސް އެޅި ފިޔަވަޅެއް ނެތް،" އޭނާ ބުންޏެވެ.
އޭގެ ފަހުން ދަރިފުޅާ ބައްދަލުކުރުމުގެ ފުރުސަތެއް ވެސް ނުދޭ ކަމަށް ފަރީދާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި މި މައްސަލަތަކުގެ ތެރޭގައި ނަފްސާނީ ގޮތުން ކުރިމަތިވި ކަންކަމާ އެކު ދަރިފުޅަށް މަޖުބޫރުވެފައި ވަނީ މާމަ އާއި ބައްޕަ ބުނާ ގޮތް ހަދާށެވެ. ދަރިފުޅު ނުދައްކައި 100 ދުވަހަށް ވުރެން ގިނަ ދުވަސް ހޭދަވި ކަން ބައްޕަ ފަރާތުގެ ވަކީލުން ކޯޓުގައި ބުނެފައި ހުރި ކަން ވެސް ފަރީދާ ފާހަގަކުރި އެވެ.
ތިން ކޯޓުގެ އަމުރުތަކުން ވެސް ހައްލެއް ނުފެނުމުން، ފަރީދާ ވަނީ ދަރިފުޅު ހުންނަން ބޭނުން ވަނީ މަންމަ ގާތުގައިތޯ ނުވަތަ ބައްޕައާ އެކުގައިތޯ ނިންމަން ކޯޓަށް ހުށަހަޅައިފަ އެވެ. އެ މައްސަލައިގައި ކުއްޖާ ހާޒިރުކުރުމުން ބުނީ ބައްޕަ ގާތުގައި ހުންނާނީ ކަމަށެވެ.
އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތުން ކުއްޖާގެ އުމުރުން ހަތް އަހަރު ވުމަށް ފަހު، ކުއްޖާ ހުންނަން ބޭނުންވަނީ މަންމަ ނުވަތަ ބައްޕަ ގާތުގައިތޯ އަހައި ކުއްޖާ އެދޭ މީހަކާ ހަވާލުކުރެ އެވެ. އެކަމަކު ފަރީދާގެ އަތުން ކުއްޖާ އަތުލީ އެއްވެސް ކަމެއް އެ ކުއްޖާ އަށް އެނގޭ އުމުރަކު ނޫނެވެ. ކުއްޖާގެ އުމުރުން 13 އަހަރު މި ވީ މަންމައެއްގެ ލޯބި އެ ކުއްޖާ އަށް ދޭން ފުރުސަތު ނުދީ އެވެ.
"ދަރިފުޅު ނެރެފައި ގާޒީ ބައްޕައާ ދިމާލަށް ބުނީ އެ ކުއްޖާއަކީ ޕްރޮޕަޓީއެއް ނޫނޭ. ކުއްޖާ އަށް މަންމަ ބޭނުންވެއޭ. އެ އުމުރަކީ ކޮންކްލޫސިވް ޑިޒިޝަންއެއް ނެގޭނެ އުމުރެއް ނޫނޭ،" ފަރީދާ ބުންޏެވެ.
މި މައްސަލައިގައި ފެމިލީ ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ. އަޑުއެހުމަށް ފަރީދާ މިއަދު ހާޒިރުވާން އަންގާފައި އޮތީ އޮތީ ވެސް މިކަމުގަ އެވެ.
"އަންހެނުންގެ ދުވަހު އަޅުގަނޑު މި ޖެހެނީ މި މައްސަލައިގައި ކޯޓަށް ދާން. ކޯޓުން ނިމޭ ގޮތަކުން ބިރުގަނެއޭ މިހާރު ހުކުމް ތަންފީޒުކުރަން ފުލުހުންނަށް ދޭން ވެސް. އެކަމަކު ކޯޓުން އަނެއްކާ ވެސް ލިބިޖިއްޔާ އަހަރެން ދަރިފުޅާ އެކު އުޅެން ބޭނުން،" ފަރީދާ ބުންޏެވެ.
"އަހަރެން ސުވާލުކުރަން ބޭނުން ކީއްވެތޯ އަހަރެންނާއި އަހަރެންގެ ދަރިފުޅަށް މި ހާލު ޖެއްސީ. އަހަރެންގެ ދަރިފުޅު [މުއައްސަސާތައް ހިމެނޭ ގޮތަށް] ނިގުޅައިގަތީ ކޯއްޗެއްހޭ."
އަނިޔާ ލިބިފައި ތިބި މީހުންނަށް ހިތްވަރު ދީ އިންސާފު ހޯދުމަށް އަޑުއުފުލާ ބޭއްވި މުޒާހަރާގައި ބަޔަކު އަޑު އުފުލަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު
ފެމިލީ ކޯޓުން މި މައްސަލައިގައި ދަރިފުޅު އެދުނު ގޮތަށް ބައްޕަ ގާތުގައި ބަހައްޓަން މިފަހަރު ނިންމިއަސް ޝަކުވާއެއް ނެތް ކަމަށް ފަރީދާ ބުންޏެވެ. އެ ކޯޓު، އޭނާ ސިފަކުރީ، ވަކީލަކާ ނުލައި ދަރިފުޅުގެ ހައްގުގައި އޭނާ ހުރިހާ ކޯޓުތަކެއްގައި އަޑު އުފުލިއިރު ވެސް ނުފޫޒު ވަދެފައި ނުވާ ނިންމުންތަކެއް ފެނުނު ކޯޓެއްގެ ގޮތުގަ އެވެ.
"މީހަކަށް، ކަނދުރާއަކަށް ނުބަލައި [ދަރިފުޅަށް] އާއިލާއާ ބެހޭ ކޯޓުގެ ހުކުމްތައް އައީ."
ދަރިފުޅުގެ ހައްގުގައި ފަރީދާ ކުރި މަސައްކަތުގެ ތެރޭގައި އޭނާ ޖަލަށް ލާން ތިން ފަހަރަށް މަސައްކަތް ކުރި އެވެ. ކުށުގެ އެއްވެސް ރެކޯޑެއް، އެއްވެސް މައްސަލައެއް ނެތް އެ މަންމަގެ ބޮލުގައި އަޅުވަން އުޅުނު އިލްޒާމްތަކަށް ބަލާއިރު 25 އަަހަރަށް ޖަލުގެ ގޮޅިއަކަށް ފެތޭ ވަރުގެ ކުށްތައް އޭނާއާ ކުރިމައްޗަށް ހުށަހެޅި އެވެ. އެކަމަކު، ދަރިފުޅަށްޓަކައި ކޯޓުތަކުގައި އޭނާ ކުރާ މަސައްކަތް ފުލުހުންނަށް ވެސް އެނގޭތީ، ފުރަތަމަ ފަހަރުން ވެސް އޭނާ ފްރޭމްކުރަން އުޅުނީ ކަމުގެ ހެކި ފުލުހުން ހޯދީ އެވެ.
ފުރަތަމަ ފްރޭމްކުރަން އުޅުނީ 2013 ގަ އެވެ. އެ ފަހަރު މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާ ހައްޔަރުކުރުވި އެވެ. ދަރިފުޅު ނުދައްކައި ގިނަ ދުވަސްތަކެއް ވީ ފަހުން، އެ ދުވަހު އޭނާ ސްކޫލް ދޮށަށް ގުޅައިގެން ގެންދިޔައީ ދަރިފުޅާ ބައްދަލުވާނެ ކަމަށް ބުނެ އެވެ.
ސްކޫލް ނިމުނު ގަޑީގައި ދަރިފުޅާ ހަވާލުވެ ސައިކަލަށް އަރަން އުޅުމުން ހުއްޓުވީ ދެ ފުލުހެކެވެ. އޭނާގެ ހާޒިރުގައި ސައިކަލުގެ މަޑިދަށަށް ހުޅުވި އިރު، ޑްރަގްސް އަޅާފައި އޮތް ސެލޯފިންކޮޅެއް ބާއްވާފައި އޮތެވެ.
"އެ ދުވަހު އަހަރެން ފެންނަ އިރަށް ދުވެފައި އައިސް އުރަށް އަރައި ދަރިފުޅު އުފާވެފައި ހުރީ، ސައިކަލްގައި ގެންދަން ބެލްޓު ނަގަން މަޑިހުޅުވަން އުޅުނުއިރު ދެ ފުލުހަކު އައިސް ބުނީ ހުޅުވައިގެން ނުވާނެއޭ. އޭރު ދަރިފުޅުގެ އުމުރަކީ 4 އަހަރާއި 4 މަސް އަދި 11 ދުވަސް،" ފަރީދާ ކިޔައިދިނެވެ.
"އެ މީހުން ފެނުނީމަ ދަރިފުޅު ރޮނީ ފުލުހުން ފެނިގެން މަންމަ ޕޮލިހަށް ނުދޭށޭ ކިޔާފައި."
އޭނާއަށް ގުޅައިގެން ގެންދިޔައީ "ގޮޅިއަކަށް ވައްދަންކަން ރޭކާލީ" އެ ހިސާބުން ކަމަށް ބުންޏެވެ. ބިޑިއަޅުވައިގެން ގެންގޮސް ގަޑިއިރުތަކެއް ވަންދެން ބޭންދުމަށް ފަހު، އެ ދުވަހު ބަޔަކު އޭނާ ފްރޭމްކުރީ ކަމަށް ފުލުހުން ބުނި ކަމަށް ވެސް ފަރީދާ ބުންޏެވެ.
"އެ މީހުން ބެލި ގޮތަށް ބަލާފައި ބުނީ މިހާރު ތި ބޭފުޅާ ޑްރަގަށް ފްރޭމްކުރަނީއޭ. ދެން ބުނިން ފުލުހުންގެ ބައިވެރިވުމާ އެކުގައެއް ނޫންހޭ. އެ ވާހަކައޭ ބުނެދޭން މިއުޅެނީ. ފަހުން ގުޅި ދެ ފުލުހުންނަށް ޑިސިޕްލިނަރީ ބޯޑުން ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް އަންގަން،" އޭނާ ބުންޏެވެ.
އެ ފަހަރު، ޕޮލިސްގެ ޑެޕިއުޓީ ކޮމިޝަނަރު ހިމެނޭ ޓީމެއް ފަރީދާއާ ބައްދަލުކޮށް، އެ ކަމުގައި ސަމާލުވެގެން އުޅެން އިރުޝާދު ވެސް ދިނެވެ.
އޭގެ ފަހުން ވެސް ދެ ފަހަރަކަށް އޭނާގެ ސައިކަލަށް ޑްރަގު ލައި ހައްޔަރުކުރުވަން އުޅުނު ކަމަށް ފަރީދާ ބުންޏެވެ. މަސްތުވާތަކެތީގެ 25 އަހަރުގެ ޖަލު ހުކުމެއް އަންނަ ވަރުގެ ލަނޑެއް ދޭން އުޅުނަސް އެކަން ކާމިޔާބު ނުވީ ފްރޭމްކުރަން އުޅުނު ކަން ފުލުހުންނަށް އެނގޭތީ ކަމަށް ފަރީދާ ބުންޏެވެ.
ފަރީދާ ބުނި ގޮތުގައި ދަރިފުޅު ހޯދަން މި ހޭދަކުރި 13 އަހަރުގައި މައެއްގެ ހައިސިއްޔަތުން، އަންހެނެއް އަދި ރައްޔިތެއްގެ ގޮތުގައި ވެސް އޭނާ ކުރިމަތިނުލާ ހިތްދަތި ތަޖުރިބާއެއް ނެތެވެ.
ފަރީދާ ބުނި ގޮތުގައި ދިރި ހުއްޓައި އޭނާ އަތުން އަތުލައި ދަރިފުޅު "ވަޅުލައިފި" އެވެ. ހައްގުތައް ނިގުޅައިގެންފި އެވެ. މުޅި ކޭސް ހިނގައިދިޔަ ގޮތުގެ މައްޗަށް އޭނާ އަންނަނީ ފޮތެއް ލިޔަމުންނެވެ. އެކަމަކު ވެސް ހިތުގައި ހުރި އެ ހިތްދަތިކަން ގަލަމަކުން ބަޔާންކޮށްދެވޭހާ ބާރެއް ނެތް ކަމަށް ބުންޏެވެ.
ދަރިފުޅުގެ ހައްގުގައި ފަރީދާ ނުކުރާނެ ކަމެއް އޭނާ ބުނާ ގޮތުގައި މި ދުނިޔެ މައްޗަކު ނެތެވެ. ކައިވެންޏެއް ކޮށްގެން އުޅުނަސް އިތުރު ދަރިއެއް ނުހޯދަނީ ވެސް ދަރިފުޅުގެ ހައްގުގަ އެވެ.
"އަހަރެން ބޭނުންވަނީ ދަރިފުޅަށް އެނގެން އެއީ އަހަރެންގެ މުޅި ދުނިޔެކަން،" ފަރީދާ ބުންޏެވެ.
ފަރީދާ އަށް ނުވިސްނެނީ 13 އަހަރުވި އިރު އޭނާ އަށް އިންސާފު ހޯދައި ނުދެވުނު ސަބަބެވެ. ކުޑަކުއްޖެއްގެ ހައްގުތައް ނިގުޅައިގަނެ އަންހެނެއްގެ ހައްގަށް އަރައިގަތް އިރު ހައްލު ނުލިބި މުއައްސަސާތައް ބަލިކަށިވެފައި އޮތް ހިސާބު އޭނާއަކަށް ބަލައެއް ނުގަނެވެ އެވެ.
"ދައުލަތުގެ ތިން މުއައްސަސާ ކުރިމަތީގައި 11 އަހަރުގެ ފިރިހެން ކުއްޖަކު ބިންމައްޗަށް ވައްޓައި ނަފްސާނީ، ޖިސްމާނީ ހުރިހާ އަނިޔާއެއް ދިނުން ފަދަ ކަންކަން ހިންގިއިރު ގާނޫނުން ފިޔަވަޅެއް ނޭޅި. އެ މާހައުލު ވެސް ފެނި އެ ހާލަތުން ކުއްޖާ ނެގެން ވެސް އެ ދުވަހު އޮތް،" ފަރީދާ ޝަކުވާކުރި އެވެ.
އަންހެނުންނަށް ކުރާ ޖިންސީ އަނިޔާ އާ ދެކޮޅަށް އަޑުއުފުލަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު
"ކޯޓުތަކުން އިންސާފު ހޯދައިދީފައި އޮއްވައި ކީއްވެހޭ، ދިވެހި ރާއްޖޭގެ ފުލުހުން [ނަން އުނިކޮށްފައި] ކުރިމައްޗަށް ސަޖިދައަށް ތިރިވީ، ކޮން ނުފޫޒެއްހޭ އައީ ކުއްޖާ ރައްކާތެރިނުކުރެވި. އަހަރެންގެ ހައްގު ހޯދައި ނުދެވި. ޕްރޮޓެކްޓް އެންޑް ސާވް ނޫންހޭ ފުލުހުން ޖަހައިގެން ތި އުޅެނީ."
ފެށި ގޮތަށް ނުނިމުނު ބޭއިންސާފުގެ ވާހަކަތައް، ފަރީދާ ސިފަކުރި ގޮތުގައި އެއީ ކޯޓު ހުކުމްތަކުން ވެސް "އިންސާފުގެ ރަހަ ނުލިބި، ހައްގު ނިގުޅައިގަނެވިފައި ތިބި ދެމައިންނެ"ވެ.
އޭނާ ދެކޭ ގޮތުގައި، އެއް ރާގެއްގައި އަޑުހަރުކޮށް އަންހެނުންގެ ހައްގުތައް ކަށަވަރުކުރާ ވާހަކަ ނިޔަތެއް ނެތި އިދާރާތަކުން ވެސް މިއަދު ދެއްކުމުގެ މާނައެއް ނެތެވެ. އެ ހައްގު ކަށަވަރު ނުކޮށްދޭ ކަމާއި ހާލަތު އޮތް ގޮތް އެންމެން ރަނގަޅަށް އެނގޭނެ އެކަކީ އޭނާ ކަމަށްވާތީ އެވެ.
ޝާދިޔާ ބަންދުކުރި މައްސަލާގައި ޕީޖީން ސުޕްރީމް ކޯޓަށް
ޒިޔާދާގެ މައްސަލާގައި ކުރި ހުކުމަކީ މުހިންމު ފިޔަވަޅެއް
ފޮށުނު މީހާ ޝަރީއަތް ނިމެންދެން ބަަންދަށް
ރާއްޖޭގައި އަންހެނަކަށް ނުވާނެ ކަމެއް ނޯންނާނެ: ޒެނީޝާ
އަންހެނުން ބާރުވެރިކުރުމުގައި ނަމޫނާ ދެއްކިދާނެ: ރައީސް
ޝާދިޔާ ގޯސްކޮށް ބަންދުކުރިޔަސް ބަދަލު ނަގައިނުދިން
ޝާދިޔާ ބަންދުކުރީ ގާނޫނާ ހިލާފަށް: ހައި ކޯޓް
ޖިންސީގޯނާގެ 17 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވެއްޖެ
ޝާދިޔާ ބަންދުކުރި މައްސަލަ ހައި ކޯޓަށް
ޔާމީންގެ މަރު:ސިއްރު ހެއްކަކީ ތުހުމަތުވި މީހެއް!