Roadha Mihaaru
މަރަދޫގައި އަންހެނަކު ބަންދުކޮށްގެން އުޅޭ މައްސަލައެއް

މަރަދޫގައި އަންހެނަކު ގަދަކަމުން ގޭބަންދުކޮށްގެން އުޅޭ މައްސަލައެއް ފުލުހުން ބަލަނީ

16 ޖޫން 2021

އައްޑޫ މަރަދޫގައި އާއިލާއަކުން އަންހެނަކު ގޭގައި ބަންދުކޮށްގެން ވަރަށް އިހާނެތިކޮށްް ކަންތައްތައް ކުރަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކައާ ގުޅިގެން ފުލުހުން އެކަން ބަލަން ފަށައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އައްޑޫ މަރަދޫގައި އާއިލާއަކުން އަންހެނަކު ގޭގައި ބަންދުކޮށްގެން ވަރަށް އިހާނެތިކޮށްް ކަންތައްތައް ކުރަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކައާ ގުޅިގެން ފުލުހުން އެކަން ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ މަރަދޫގައި އަންހެނަަކަށް ގެއިން ބޭރަށް ނުދެވޭ ގޮތަށް ގަދަކަމުން ބަންދުކޮށްގެން ގެންގުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތުތަކާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ޖެންޑާ މިނިސްޓްރީއާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.

އާއިލާއަކުން ގެއެއްގައި ބަންދުކޮށްގެން އުޅޭ ކަަމަށް ފޭސްބުކްގައި ދިގު ލިއުމެއް ޖެހި އަންހެނަކު ބުނެފައިވާ ގޮތުގައި ގޭގައި ސެކިއުރިޓީ ކެމެރާ އާއި އިލެކްޓްރޯނިކް ތަޅު ހަރުކޮށް، އެއްވެސް ތަނަކަށް ނުދެވޭ ގޮތަށް ބަންދުކޮށްްގެން ގެންގުޅެން ފެށީ މީހަކާ ކައިވެނި ކުރަން ވެގެން 2016 ވަނަ އަހަރު ގެއިން ފިލައިގެން މާލެ އަށް އައި ފަހުން ކަމަށެވެ. އެ ފަހަރު އޭނާ ހައްޔަރުކޮށްގެން އަނބުރާ ރަށަށް ގެންދިޔައީ ސީރިއާ އަށް ދާން އުޅޭ ކަަމަށް ބުނެ ދޮގު ހަދައިގެން އާއިލާ އިން ދިން މައުލޫމާތަކުން ކަމަށާއި ނަމަވެސް މާލެ އައީ ޕާސްޕޯޓް ވެސް ނުލާ ކަަމަށް ލިއުމުގައި ބުނެފައި ވެ އެވެ.

މިޝްފާ މުހައްމަދުގެ ނަމުގައި ލިޔެފައިވާ އެ ލިއުމުގައި ތުހުމަތުކޮށްފައިވާ ގޮތުގަައި އާއިލާ އަށް އެގޮތަށް ފުލުހުން އެއްބާރުލުން ދިނީ ބައްޕަ އަކީ ނުފޫޒު ގަދަ މީހަކަށް ވާތީ އެވެ.

ފޭސްބުކް ޕޯސްޓްގައި އޭނާ ބުނީ އެފަހަރު މާލެއިން ރަށަށް ގެންދިއުމަށް ފަހު މުޅިން އެކަހެރިކޮށް، އޭނާއާ މެދު އިހުމާލުވި ކަމަށާއި ގޭގައި އެކަނި ބަހައްޓާފައި އާއިލާގެ އެހެން މީހުން ބޭރަށްދާއިރު ކާގެ ވެސް ބަހައްޓަނީ ބަންދުކޮށްފައި ކަމަށެވެ.

"މިގޮތަށް ބަންދުކޮށްފައި ހުރުމުގެ ސަބަބުން އަހަރެންގެ ނަފްސާނީ ދުޅަހެޔޮކަމަށް ގެއްލުންވޭ. ކާހިތްނުވުން، އަމިއްލައަށް މަރުވުމުގެ ހިޔާލުކުރެވުން، ޑިޕްރެޝަން [ކަހަލަ މައްސަަލަތައް]،" އޭނާ ލިޔެފައި ވެ އެވެ.

އޭނާއަށް މުވާސަލާތީ އެއްވެސް ވަސީލަތެއް ވެސް ލިބުނަ ނުދޭ ކަމަށާއި އެހެންވެ، ޝުއޫރުތައް ލިޔަމުން އައީ ފާރުގައި ކަމަށް ވެސް ބުންޏެވެ.

"އަހަރެންނަށް ހިމާޔަތަކަށް ވާން ޖެހޭ އަހަރެންގެ މަންމަ އެއް ފަހަރަކު އަހަރެންގެ ގައިގައި ތަޅައި ޖިސްމާނީގޮތުން އަނިޔާކުރި. އެމީހުން ވާހަކަ ދައްކާ އަޑު އިވުނަސް އަހަރެންނަށް ޕެނިކް އެޓޭކް އާދޭ،" އޭނާ ލިޔެފައިވެ އެވެ.

މިއީ ތެދު ވާހަކަތަކެއް ކަމަށް ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައި ވިޔަސް ރަސްމީ އެއްވެސް ފަރާތަކުން އަދި މިކަން ކަށަވަރުކޮށެއް ނުދެ އެވެ.