Roadha Mihaaru
ހޮސްޕިޓަލުން ދޫކޮށްލުމުން އަތުހަރު ފުލުހުންގެ ހައްޔަރަށް

ހޮސްޕިޓަލުން ދޫކޮށްލުމުން އަތުހަރު ފުލުހުންގެ ހައްޔަރަށް

31 އޯގަސްޓް 2024

މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަންހެނަކު ރަހީނުކޮށް، ވަޅިން ބިރުދައްކައި ފުލުހުންނަށް އިންޒާރު ދިން އާދަމް އަތުހަރު ހޮސްޕިޓަލުން ދޫކޮށްލުމާ އެކު މިއަދު ފުލުހުންގެ ހައްޔަރަށް ގެންގޮސްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަންހެނަކު ރަހީނުކޮށް، ވަޅިން ބިރުދައްކައި ފުލުހުންނަށް އިންޒާރު ދިން އާދަމް އަތުހަރު ހޮސްޕިޓަލުން ދޫކޮށްލުމާ އެކު މިއަދު ފުލުހުންގެ ހައްޔަރަށް ގެންގޮސްފި އެވެ.

އަތުހަރުގެ ލޯބިވެރިޔާގެ ކަރުގައި ވަޅި ޖައްސައި، އެ އަންހެންމީހާ ރަހީނު ކުރުމުން އަންހެންމީހާ ސަލާމަތް ކުރަން ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރޭގައި ލިބުނު އަނިޔާ އަށް ފަރުވާ ދިނުމަށް ފަހު އޭޑީކޭ ހޮސްޕިޓަލުން އަތުހަރު ދޫކޮށްލީ އިއްޔެގެ ވަގުތެއްގަ އެވެ. އެކަމަކު، އޭގެ ފަހުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އިތުރަށް ހާލު ގޯސްވެގެން އޭނާ ރޭ އައިޖީއެމްއެޗުގައި އެޑްމިޓްކުރި އެވެ.

ފުލުހުން ބުނީ، އޭޑީކޭ ހޮސްޕިޓަލުން ދޫކޮށްލި ފަހުން، އަތުހަރު ހޮޑުލާން ފެށުމުން ސިއްހީ ހާލަތު އިތުރަށް ބެލުމަށްޓަކައި އައިޖީއެމްއެޗުގެ އޮބްޒަވޭޝަން ރޫމުގައި ފަރުވާދީ، ދޫކޮށްލީ މިއަދު ހެނދުނު ކަމަށެވެ.

"މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި،" މީޑިއާތަކާ ފުލުހުން ހިއްސާކުރި މެސެޖެއްގައި ވެ އެވެ.

ށ. މިލަންދޫ، ހެޕީލޭންޑް އަހުތަރު ވަނީ އޭނާގެ ލޯބިވެރިޔާ ރަހީނުކޮށް އަނިޔާކޮށްފަ އެވެ. އޭނާ ސަލާމަތް ކުރަން ފުލުހުން އުޅުމުން އެ އަންހެން މީހާ މަރާލާނެ ކަމަށް ބުނެ، ކަރުގައި ވަޅި ޖައްސައި އަތުހަރު ފުލުހުންނަށް އިންޒާރު ދިނެވެ. އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ހުރެ ގެއިން މަގުމައްޗަށް ނެރެ، އޭނާ ސައިކަލަށް އަރުވައިގެން ފިލަން ވެސް އަތުހަރު މަސައްކަތް ކުރި އެވެ.

އަތުހަރު ހުއްޓުވަން ޖެހުނީ ފުލުހުން ބާރުގެ ބޭނުންކޮށްގެންނެވެ.

އޭނާ ސައިކަލް މަޑުކޮށްލި ދަނޑިވަޅު ބަލައި ފުލުހަކު ވަނީ އަތުހަރުގެ ގައިގައި މުގުރަކުން ޖަހައި، އަންހެން މީހާ ސަލާމަތްކޮށްފަ އެވެ. އެ އަންހެން މީހާގެ ކަރުގައި ވަޅި އަޅަން އެ ވަގުތު އަތުހަރު މަސައްކަތް ކުރި ނަމަވެސް، އަންހެން މީހާއަށް ވަޅިން މާ ބޮޑު އަނިޔާއެއް ނުވެ އެވެ. ފުލުހުން މުގުރުން ތެޅުމުން އަހުތަރަށް ވަރަށް ބޮޑަށް އަނިޔާވި އެވެ.

އަތުހަރާއި އޭނާގެ ލޯބިވެރިޔާއާ ދެމެދު މައްސަލަ ހޫނުވީ، އެ ދެ މީހުން ދިރިއުޅޭ ގޭގެ ކުއްޔާ ގުޅޭ ގޮތުން އުފެދުނު ޒުވާބެއްގެ ތެރޭގަ އެވެ. އަތުހަރު ވަޒީފާއެއް އަދާނުކުރާތީ، އެ ތަނުގެ ކުލި ދައްކަމުން ދިޔައީ ދާދި ފަހުން ފުލުހުންގެ ހިދުމަތާ ގުޅުނު އަންހެން މީހާއަށް ލިބޭ މުސާރައިންނެވެ. ހަމަނުޖެހުން ހިނގީ އަބަދު އެގޮތަށް ކުރިއަށް ދާން ބޭނުން ނުވާ ކަމަށް ބުނެ އަތުހަރަށް ފައިސާ ދޭން އަންހެން މީހާ ދެކޮޅު ހެދުމުންނެވެ.

އަތުހަރަކީ އަކީ މީގެ ކުރިން ކުށެއް ސާބިތުވެ ޖަލު ހުކުމެއްގައި ހުރި މީހެކެވެ. ނަމަވެސް، މާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އަތުހަރުގެ ހުކުމް ލުއިކޮށް އޭނާ ދޫކޮށްލާފައި ވަނީ ސެޕްޓެމްބަރު 2، 2022 ގަ އެވެ. އޭނާ ދޫކޮށްލީ ޝަރުތުތަކާ އެކު އެވެ.