Roadha Mihaaru
ބޮޑުފިނޮޅުގެ މައްސަލަ ރިޒުން ކަނޑާލީ ސީލްގެ ބޮލަށް!

ރިޒާގެ ކުންފުނިން ބޮޑުފިނޮޅުގެ މައްސަލަ ކަނޑާލީ ސީލްގެ ބޮލަށް!

03 ޖުލައި 2020

ބ. އަތޮޅުގައި ރިސޯޓަކަށް ހަދަމުން އަންނަ ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންނާ މެދު އިހާނެތިކޮށް ކުރަމުން ދިޔަ ހުރިހާ ކަމެއް، އެ ރިސޯޓް ތަރައްގީކުރާ ސީލް މޯލްޑިވްސްގެ ބޮލަށް، ރިޒް ކުންފުނިން ކަނޑާލައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ބ. އަތޮޅުގައި ރިސޯޓަކަށް ހަދަމުން އަންނަ ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންނާ މެދު އިހާނެތިކޮށް ކުރަމުން ދިޔަ ހުރިހާ ކަމެއް، އެ ރިސޯޓް ތަރައްގީކުރާ ސީލް މޯލްޑިވްސްގެ ބޮލަށް، ރިޒް ކުންފުނިން ކަނޑާލައިފި އެވެ.

މިހާތަނަށް ސީލްގެ ފަރާތުން މީޑިއާ އަށް އެއްވެސް މައުލޫމާތެއް ރަސްމީކޮށް ފޯރުކޮށްދީފައި ނުވާތީ މިކަމުގައި އަދި މިހާތަނަށް އިވެނީ ރިޒް ކުންފުނީގެ ވާހަކަތައް އެކަންޏެވެ.

ރައްޔިތުންގެ މަޖިލިހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ރިޒާގެ ކުންފުނި، ރިޒްގެ ވަކީލުން ރޭ ނެރުނު ބަޔާނުން، ބިދޭސީންގެ މުސާރަ އާއި ކެއުންބުއިމުގެ ހުރިހާ ހަރަދެއް ކުރަން ޖެހޭނީ، ސީލް ކުންފުނިން ކަމަށް އޮތީ ބުނެފަ އެވެ. އޭގެ އިތުރުން ގަދަކަމުން މަސައްކަތް ކުރުވުމާއި ހިއުމަން ޓްރެފިކިންގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް، ސީލްގެ މައްޗަށް ކުރި އެވެ.

ރިޒްގެ ފަރާތުން ނެރުނު ބަޔާނުގައި ބުނީ އެ ވަގުތަކު މަސައްކަތުގައި ތިބި ބައެއްގެ އަދަދަށް ބަލައި އެ މީހުންގެ ނިސްބަތުން ސީލް އަށް ބިލްކުރަން، އެއްބަސްވުމުގައި އޮންނަ ކަމަށެވެ. ދިވެހިންނާއި ބިދޭސީންނާ އެކު 200 އެއްހާ މީހުން ލައްވައި ރިޒް އިން ބޮޑުފިނޮޅުގައި މަސައްކަތް ކުރުވާ އިރު، މަސައްކަތު މީހުންނަށް މަހަކު 7،000ރ ގެ މުސާރައަކާއި ކެއުންބުއިމަށް ދުވާލަކަށް 40ރ ދޭން، ސީލް އިން އެއްބަސްވެފައިވެ އެވެ.

އެކަމަކު، ރިޒްގެ ވަކީލުން ބުނަނީ މި އަހަރުގެ ޖެނުއަރީން ފެށިގެން ހަތަރު މަހަށް ވުރެ ގިނަ ދުވަހަށް، މުވައްޒަފުންނަށް ޖެހޭ ހަރަދު ސީލް އިން ދީފައިނުވާ ކަމަށެވެ. ހަމަނުޖެހުން ހިނގަން ފެށީ، ވަކީލުންގެ ބަޔާނުގައި ބުނި ގޮތުގައި، ރިސޯޓުގެ މަސައްކަތުގައި ސީލް އިން ގެންގުޅޭ މުވައްޒަފުންނަށް ބަރާބަރަށް މުސާރަ ދީފައި، ރިޒްގެ މީހުންނަށް މުސާރަ ނުލިބޭތީ އެވެ.

"އުޖޫރަ ނުދޭ މައްސަލާގައި 16 މެއި 2020 ވަނަ ދުވަހު ރިޒް ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފުންގެ ފަރާތުން ހިމޭން އިހުތިޖާޖެއް ކޮށްފައިވެ އެވެ،" ރިޒްގެ ވަކީލުން ނެރުނު ބަޔާނުގައިވެ އެވެ.

އެކަމަކު އެނގިފައިވާ ގޮތުގައި ރިޒްގެ މުވައްޒަފުންނަށް މުސާރަ ދޭންޖެހޭނީ ސީލް އިން ކަމަށް އެއްބަސްވުމަކު ނެތެވެ. ނަމަވެސް ރިޒް ކުންފުނިން ކުރާ މަސައްކަތަށް ސީލް އަށް ބިލްކުރުމުގައި ބަލާނެ ހަމަތައް ބަޔާން ކުރުމުގައި އެ ވަގުތަކު ތިބި މަސައްކަތު މީހުންގެ އަދަދަށް ބަލާނެ މިންގަނޑުތަކެއް ބަޔާންކޮށްފައި އޮވެ އެވެ.

ރިޒް ކުންފުނީގެ މުވައްޒަފުން އެދުނީ ނުދީ ހުރި މުސާރަ ދިނުމާއި އަނބުރާ ގައުމަށް ފޮނުވައިލަން ކަމަށް، ވަކީލުން ބުނެ އެވެ. އެ ހުރިހާ ކަމަކަށް ހަރަދުކުރަން ޖެހޭނީ، އެއްބަސްވުމުގައި އޮތް ގޮތުން ނަމަ، ސީލް މޯލްޑިވްސް އިން ކަމަށް ވެސް ވަކީލުން ބުންޏެވެ.

ރިޒްގެ ފަރާތުން މޭ 28، 2020 ގައި ފުލުސް އޮފީހަށް ސިޓީއެއް ފޮނުވި ކަމަށް ބަޔާނުގައިވެ އެވެ. ވަކީލުން ބުނާ ގޮތުން އެ ސިޓީގައި ސީލްގެ މައްޗަށް ވަރަށް ބޮޑެތި ތުހުމަތުތަކެއް ކުރި އެވެ. އޭގެ ތެރޭގައި މުސާރަ ނުދީ ގަދަކަމުން މަސައްކަތް ކުރުވުމާއި ހިއުމަން ޓްރެފިކިންގެ ކުށަކަށް ބެލެވިދާނެ ގޮތަކަށް އެ މީހުން ލައްވައި ކަންކަން ކުރުވުން ވެސް ހިމެނެ އެވެ. އަދި މާލޭގެ މަގުތަކަށް ބިދޭސީ މަސައްކަތު މީހުން ދޫކޮށް، އެ މީހުން ގައުމަށް ފޮނުވައިލުމުގެ ޒިންމާ ސަރުކާރުގެ ބޮލުގައި އެޅިދާނެ ފަދަ ގޮތަކަށް، ކަން ކުރަން ވެސް، ސީލް އިން އުޅުނު ކަމަށް، ސިޓީގައި ބުނެފައިވާނެ ކަމަށް، ވަކީލުންގެ ބަޔާނުގައި ބުންޏެވެ.

އެ ސިޓީގައި ފުލުހުންގެ ސަމާލުކަމަށް ގެނައި އެހެން ކަންކަމުގެ ތެރޭގައި ބަޔާނުގައި ފާހަގަކޮށްފައި ވަނީ "ހަށިގަނޑަށް ނުވަތަ ޖިސްމަށް ގެއްލުން ދޭނެ" ކަމަށް ބުނެ ބިރުދެއްކުމާއި މަކަރާއި ހީލަތުން މަސައްކަތްކުރުމެވެ.

މިއީ "ޖިނާއީ [އެތައް] އަމަލްތަކެއް ހިމެނޭ މައްސަލައެއް" ކަމަށް، ފުލުހުންނަށް ފޮނުވި ރިޒްގެ ސިޓީގައި ފާހަގަކުރި ކަމަށް، ވަކީލުން ބުންޏެވެ.

ރިޒް އިން ރޭ ބުނީ ހަމަނުޖެހުންތަކެއް ހިނގައި، ބިދޭސީން ނުކުމެ ދިވެހިންތަކެއް ރަހީނު ކުރުމުގެ ކުރިން ބިދޭސީ މުވައްޒަފުންނަށް ވަރަށް އިހާނެތިކޮށް ކަންތައް ކުރި ކަމަށެވެ.

މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ. އޭނާ ވިދާޅުވީ ބޮޑުފިނޮޅުގައި ތިބި މުވައްޒަފުންނަށް މުސާރަ ދޭންް ޖެހޭނީ ސީލް މޯލްޑިވްސް އިން ކަމަށް

މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ. އޭނާ ވިދާޅުވީ ބޮޑުފިނޮޅުގައި ތިބި މުވައްޒަފުންނަށް މުސާރަ ދޭންް ޖެހޭނީ ސީލް މޯލްޑިވްސް އިން ކަމަށް

ހާލަތު ގޯސްވަމުން ހިނގައިދާނެތީ އެކަން ޖޫން 27 ގައި ކޮމިޝަނަ އޮފް ޕޮލިސްގެ ސަމާލުކަމަށް ވެސް ގެނައި ކަމަށް، ރިޒް އިން ބުންޏެވެ. އޭގެ އިތުރުން އިއްޔެ ބިދޭސީ މަސައްކަތު މީހުން ދިވެހިންގެ ބަޔަކު ރަހީނުކޮށް، ފުލުހުންނަށާއި ތަނަށް ގެއްލުން ލިބޭނެ ފަދަ ހާލަތަކަށް މަައްސަލަ ހޫނުވުމުން، ރޭ ދަންވަރު، ފުލުހުންނާ އެކު ވެސް ރިޒްގެ ބައްދަލުވުމެއް ބޭއްވި ކަމަށް، ވަކީލުން ބުނެ އެވެ. އެކަމަކު އެ ބައްދަލުވުމުގައި ސީލްގެ ފަރާތުން ބައިވެރިވި ކަމެއް ނުވަތަ ނޫން ކަމެއް، ބަޔާނަކު ނެތެވެ.

"މި މަޝްވަރާތަކުގައި މިވަގުތު ހައްލު ހޯދުމަށް ދަތިތަކެއް ކުރިމަތިވަނީ ދަނީ މި ހަމަނުޖެހުން ހިނގަން ފެށީއްުސުރެ ސީލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ފޯނުން ގުޅައިގެންނާއި އެނޫން ގޮތްގތުން ކުރެވުނު މަސައްކަތްތަކަށް އެ ފަރާތުން ޖަވާބުދާރީ ނުވުމުގެ ސަބަބުން" ކަމަށް، ރިޒްގެ ވަކީލުން ބުނުމުން ދޭހަވަނީ، ސީލްއާ މިވަގުތު އެއްވެސް ގުޅުމެއް ނެތް ކަމެވެ.

ރަނގަޅަށް އެތެރެކޮށްގެން އުޅޭ ބައެއްތަ؟

ރިސޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރަން ރިޒް އާއި ސީލްއާ ދެމެދު އެއްބަސްވުންތައް ހެދީ ނޮވެމްބަރު/ޑިސެމްބަަރު 2019 ގަ އެވެ.

އެކަމަކު އެއްބަސްވުމުގެ ބައެއް ކަންކަމަށް ހަވާލާދީ ބަޔާނެއް ނެރުނަސް، ނޭނގޭ ގިނަ ކަންކަން އެބަ ހުއްޓެވެ. އެގޮތުން ބިދޭސީންނަކީ ރިޒް ކުންފުނިން ސީދާ އެކަމަށް ކޯޓާ ހޯދައިގެން ގެނައި ބައެއްތޯ ނުވަތަ ނޫންތޯ އާއި އެއީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން ދަނިކޮށް، ބޮޑުފިނޮޅުގެ މަސައްކަތަށް ފޮނުވި ބައެއްތޯ ނުވަތަ ނޫންތޯ އެނގޭކަށް ނެތެވެ.

ރިޒްގެ މުވައްޒަފުންނަށް ބޮޑު ފިނޮޅުން ފައިބައިގެން ދެވެން ވެސް ނެތް ކަމަށް ބުނެ އެ ކުންފުނީގެ ވަކީލުން ބަޔާން ނެރުނު ކަމުގައި ވިޔަސް އެނގިފައިވާ ގޮތުގައި، ކޮވިޑް-19 ފެތުރޭތީ އަޅަން ފެށި ފިޔަވަޅުތަކާ އެކު ރިޒްގެ މުވައްޒަފުން ގެންދަން ބުނުމުން، އެ މީހުން ބައިތިއްބާނެ ތަނެއް ނެތް ކަމަށް ބުނެ އެކަން ކޮށްފައެއް ނުވެ އެވެ.

ބޮޑުފިނޮޅުގެ ހަމަނުޖެހުން ނިމުމަކަށް ގެނައީ ފުލުހުން ރޭ ހިންގި އޮޕަރޭޝަނެއްގަ އެވެ. އެކަމަކު ފުލުހުންނާ ދެކޮޅަށް ބިދޭސީން އެއްވެސް ކަމެއް ކޮށްފައެއް ނުވެ އެވެ. އަދި ރޭ ފަތިހު އެ މީހުން ކޮންޓްރޯލްކުރީ އެއްވެސް ހަމަނުޖެހުމަކާ ނުލައި ކަމަށް ފުލުހުން ބުނެ އެވެ.