Roadha Mihaaru
ގެވެށިއަނިޔާ ލިބޭ މީހުންގެ މަރުކަޒު ހަދަން ބިން ދީފި

ގެވެށި އަނިޔާ ލިބޭ މީހުންގެ މަރުކަޒު ހަދަން ޖެންޑާ މިނިސްޓްރީ އަށް ހުޅުމާލެ އިން ބިން ދީފި

18 އޯގަސްޓް 2022

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން ބައިތިއްބާނެ މަރުކަޒެއް ހަދަން ޖެންޑާ މިނިސްޓްރީ އަށް ހުޅުމާލެ އިން ބިމެއް ދީ، އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން ބައިތިއްބާނެ މަރުކަޒެއް ހަދަން ޖެންޑާ މިނިސްޓްރީ އަށް ހުޅުމާލެ އިން ބިމެއް ދީ، އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތެއްގައި ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދާއި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އެވެ. ފިނޭންސް މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު އިބްރާހިމް އަމީރެވެ.

އެ މަރުކަޒާ ގުޅޭ ގޮތުން ޖެންޑާ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހުޅުމާލޭގައި ހަދާ ޑޮމެސްޓިކް ވަޔަލެންސް (ޑީވީ) ސެންޓަރަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ފަންނީ އަދި މާލީ އެހީތެރިކަމާ އެކު ރާއްޖޭގެ ތިން ސަރަހައްދެއްގައި ހަދަން ނިންމާފައިވާ މަރުކަޒުތަކުގެ ތެރެއިން ފުރަތަމަ ތަން ކަމަށެވެ.

ހުޅުމާލޭގެ އިތުރުން ދެން އެފަދަ މަރުކަޒުތައް ހަދަން ނިންމާފައި ވަނީ ރ. އުނގޫފާރާއި އައްޑޫ ހިތަދޫގަ އެވެ.

"މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ނުވަތަ ގެވެށި އަނިޔާގެ ޝިކާރައަކަށް ވެގެން ހުށަހެޅޭ މައްސަލަތަކުގައި ހމެނޭ ފަރާތްތަކަށް ބޭނުންވާ ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމެވެ،" މިނިސްޓްރީން ބުންޏެވެ.

އެޗްޑީސީން ބުނީ، އެއީ ގެވެށި އަނިޔާ ލިބޭ މީހުން ރައްކާތެރިކަމާ އެކު ބޭތިއްބުމަށް ވަކި ހާއްސަ ތަނެއް ހެދުމަށް މިނިސްޓްރީއާ ގުޅިގެން ކުރާ މަސައްކަތެއް ކަމަށެވެ.

އެ މަރުކަޒު ހަދަނީ އަނިޔާ ލިބޭ މީހާ އަށް ފަރުވާދެވޭނެ ވަސީލަތްތަކާ ވެސް އެކުގަ އެވެ. އަދި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ގާނޫނީ އެހީތެރިކަމާ އެކު ކައުންސިލިންގެ ހިދުމަތް ވެސް އެ މަރުކަޒުން ލިބޭނެ އެވެ.