Roadha Mihaaru
އަނިޔާތަކާ ދެކޮޅަށް 16 ގަޑިއިރުގެ ޓެލެތޯންއެއް!

އަނިޔާތަކާ ދެކޮޅަށް 16 ގަޑިއިރުގެ ޓެލެތޯންއެއް ބާއްވަނީ

01 ޑިސެމްބަރ 2023

ގެވެށި އަނިޔާ އާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާ ދެކޮޅަށް ހާއްސަ ޓެލެތޯންއެއް ބާއްވަން ނިންމައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ގެވެށި އަނިޔާ އާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާ ދެކޮޅަށް ހާއްސަ ޓެލެތޯންއެއް ބާއްވަން ނިންމައިފި އެވެ.

ތަފާތު އެކި ބާވަތުގެ އަނިޔާތަކާ ދެކޮޅަށް ބައިނަލްއަގްވާމީ ގޮތުން ހިންގާ ކެމްޕެއިން މިދިޔަ މަހު 25 އިން ފެށިގެން މި މަހު 10 އާ ހަމައަށް ރާއްޖޭގައި ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމައިފަ އެވެ. މިއީ ރާއްޖޭގައި މި ކެމްޕެއިން ފާހަގަ ކުރާ 13 ވަނަ އަހަރެވެ.

"16 ޑޭސް އޮފް އެކްޓިވިޒަމް" ގެ ނަމުގައި މި ދުވަސް ފާހަގަ ކުރަން ބާއްވާ އެންމެ ބޮޑު ހަރަކާތަކީ މާދަމާ 16 ގަޑިއިރަށް ބާއްވާ ހާއްސަ ޓެލެތޯން އެކެވެ. ޓެލެތޯން ކުރިޔަށް ދާނީ ހެނދުނު 8:00 އިން މާދަމާ ރޭ 12:00 އަށެވެ. އެ ހަރަކާތް ބްރޯޑްކާސްޓް ކުރާނީ "ޔެސް ޓީވީ" އިންނެވެ.

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) އިން ބުނީ އެއީ ގެވެށި އަނިޔާ އާއި ތަފާތު އެކި ބާވަތުގެ އަނިޔާތަކަށް އާންމުން ހޭލުންތެރި ކުރުވުމަށް ބާއްވާ ހަރަކާތެއް ކަމަށެވެ.

އެ ހަރަކާތުގައި އެ އޮތޯރިޓީ އާއި ކަމާބެހޭ ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކާއި އަމިއްލަ ޖަމިއްޔާތަކާއި އދ. ގެ އެޖެންސީތަކުން ވެސް ބައިވެރިވާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

ކެމްޕެއިންގެ މުހިންމު އެއް ބަޔަކީ "އޮރެންޖް ދަ ވޯލްޑް" ގެ ޝިއާރުގެ ދަށުން އޮރެންޖު ކުލަލުމާއި ބޭނުން ކުރުމެވެ.

ބޮޑެތި ކުންފުނިތަކާއި ސަރުކާރުގެ އިމާރާތްތައް ވެސް އޮރެންޖު ކުލައިން ދިއްލާފައި ހުންނަނީ އެހެންވެ ކަމަށް އެފްޕީއޭ އިން ބުންޏެވެ.