Roadha Mihaaru

ޖިންސީ ގޯނާގެ މައްސަލަތައް ގިނައިރު، ރޭޕް އެވިޑެންސް ކިޓް ހުރީ އެންމެ 2 ހޮސްޕިޓަލުގައި!

ޖިންސީ ގޯނާގެ މައްސަލަ ގިނައިރު، ރާއްޖޭގެ ހޮސްޕިޓަލްތަކާއި މަރުކަޒުތަކުގެ ތެރެއިން ރޭޕް އެވިޑެންސް ކިޓު ލިބެން ހުރީ އެންމެ ދެ ހޮސްޕިޓަލުގައި ކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން (އެފްޕީއޭ) އިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި މިއަދު ބުނެފި އެވެ.

ރޭޕް އެވިޑެންސް ކިޓް ހުރީ ދެ ހޮސްޕިޓަލްގައި: އެފްޕީއޭ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

23 ޖުލައި 2025

ޖިންސީ ގޯނާގެ މައްސަލަ ގިނައިރު، ރާއްޖޭގެ ހޮސްޕިޓަލްތަކާއި މަރުކަޒުތަކުގެ ތެރެއިން ރޭޕް އެވިޑެންސް ކިޓު ލިބެން ހުރީ އެންމެ ދެ ހޮސްޕިޓަލުގައި ކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން (އެފްޕީއޭ) އިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި މިއަދު ބުނެފި އެވެ.

މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި މޮނިޓަރިން ރިޕޯޓުގައި ފާހަގަވި ކަންކަމާ ގުޅޭ ގޮތުން ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވަނީ އެފްޕީއޭއާ ބައްދަލުކޮށްފަ އެވެ.

އެ ބައްދަލުވުމުގައި އެފްޕީއޭ އިން ވަނީ ޖިންސީ ކުށުގެ ގާނޫނުން އެ އޮތޯރިޓީގެ މައްޗަށް ލާޒިމް ކޮށްފައިވާ، ރޭޕް އެވިޑެންސް ކިޓްގެ މޮނިޓަރިން ރިޕޯޓުން ފާހަގަވި ކަންކަން ކޮމިޓީއާ ހިއްސާކޮށްފަ އެވެ.

މޮނިޓަރިންގެ މަސައްކަތްތައް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް ކަމަށާއި މިހާތަނަށް މޮނިޓަރިންގެ ތިން ރިޕޯޓު މަޖިލީހަށް ހުށަހަޅައި މިނިސްޓްރީއާ ވެސް ހިއްސާ ކޮށްފައިވާނެ ކަމަށް އެފްޕީއޭ އިން ބުންޏެވެ.

މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓު އަދި ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ތައްޔާރުކޮށްފައިވާ ހުލާސާ މޮނިޓަރިންގް ރިޕޯޓާ ގުޅޭގޮތުން ބައްދަލުކުރުން.-- ފޮޓޯ: މަޖިލިސް

ޖިންސީ ގޯނާގެ މައްސަލަތައް އިތުރު ކަން ތަފާސްހިސާބުން ދައްކައި، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ބުނީ އެ އޮތޯރިޓީއަށް ހުށަހަޅާ ކޮންމެ އަށް މައްސަލައަކުން އެއް މައްސަލައަކީ ޖިންސީ ގޯނާގެ މައްސަލައެއް ކަމަށެވެ.

އެކަމަކު، ޖިންސީ ގޯނާގެ އަނިޔާ ލިބޭ މީހުންގެ ހަށިގަނޑުން ތަހުގީގަށް ބޭނުންވާ ހެއްކާއި ގަރީނާ ނެގުމަށާއި ޑޮކްޓަރުން ބަލަން ޖެހޭ ކަންކަން ބެލުމަށް އަނިޔާ ލިބޭ ފަރާތް ސިއްހީ ހިދުމަތްދޭ ތަނަކަށް ގެންގޮސް ހަދަން ޖެހޭ ޓެސްޓުތައް ހެދޭނެ ވަސީލަތްތައް (ރޭޕް އެވިޑެންސް ކިޓް) ގިނަ ރަށްރަށުގައި ގާއިމްކޮށްފައި ނުވާ ކަމަށް އެފްޕީއޭ އިން ބުންޏެވެ.

އެ ބައްދަލުވުމުގައި އެފްޕީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާމިނަތު ޝިރާނީ ނައީމް ވިދާޅުވީ ރޭޕް އެވިޑެންސް ކިޓް ހުރީ ރާއްޖޭގެ އެންމެ ދެ ހޮސްޕިޓަލުގައި ކަމަށެވެ.

"ރޭޕް އެވިޑެންސް ކިޓް ހުރި ހަމަ އެކަނި ހޮސްޕިޓަލްތަކަކީ ހުޅުމާލެ ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް. މޮނިޓާ ކުރެވުނު 193 ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒުގެ ތެރެއިން ވިކްޓިމް އެންޑް ޓްރޯމާ އިން ޓްރޭނިން ހަދާފައި ވަނީ އެންމެ ސިއްހީ ހިދުމަތްތެރިއެއް،" އޭނާ ވިދާޅުވި އެވެ.

ޝިރާނީ ވިދާޅުވި ގޮތުގައި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރާ އެ މުވައްޒަފު ތަމްރީން ފުރިހަމަކޮށްފައި ވަނީ އަމިއްލައަށެވެ.

މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓު އަދި ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ތައްޔާރުކޮށްފައިވާ ހުލާސާ މޮނިޓަރިން ރިޕޯޓާ ގުޅޭގޮތުން ބޭއްވި ބައްދަލުވުން. -- ފޮޓޯ | މަޖިލިސް

އޭނާ ވިދާޅުވި ގޮތުގައި ރޭޕް އެވިޑެންސް ކިޓު ނެތް މައްސަލާގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމްއާ އެ އޮތޯރިޓީން ވަނީ ބައްދަލުކޮށްފަ އެވެ. މި މަސް ނިމުނުގެ ކުރިން ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ރޭޕް ކިޓްތައް ފޯރުކޮށް ދެވި، މި އަހަރު ނިމުގެ ކުރިން ވިކްޓިމް އެންޑް ޓްރޯމާއިން ޓްރެއިން ދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާ ކަން ޝިރާނީ ފާހަގަކުރެއްވި އެވެ.

"މިނިސްޓްރީން ބުނަނީ ހުރިހާ ހޮސްޕިޓަލެއްގައި ވެސް އެ ބޭނުންވާ ހުރިހާ އެއްޗެއް ހުންނާނެ ކަމަށް. ނަމަވެސް ރޭޕް ކިޓް ކިޔާފައި ވަކި އެއްޗެއް ނެތީމަ ނެތް ކަމަށް ބުނަނީ ކަމަށް،" ޝިރާނީ ވިދާޅުވި އެވެ.

ރޭޕް ކިޓްގެ ނަމުގައި ހޮސްޕިޓަލްތަކަށް އެ ވަސީލަތްތައް ފޮނުވަން ވެސް ހެލްތު މިނިސްްޓްރީން ވަނީ ނިންމައިފަ އެވެ.