Roadha Mihaaru
އައިސީޓީގައި އަންހެނުންގެ ވޯކިން ގްރޫޕް އިފްތިތާހުކޮށްފި

އައިސީޓީގައި އަންހެނުން ކުރިއަރުވާ ވޯކިން ގްރޫޕް އިފްތިތާހުކޮށްފި

06 އޮކްޓޯބަރ 2020

އިންފޮމޭޝަން، ކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖީ (އައިސީޓީ) ގެ ދާއިރާގައި އަންހެނުން ކުރިއެރުވުމަށް މަސައްކަތްކުރާ ވޯކިން ގްރޫޕެއް މިއަދު އިފްތިތާހުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އިންފޮމޭޝަން، ކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖީ (އައިސީޓީ) ގެ ދާއިރާގައި އަންހެނުން ކުރިއެރުވުމަށް މަސައްކަތްކުރާ ވޯކިން ގްރޫޕެއް މިއަދު އިފްތިތާހުކޮށްފި އެވެ.

އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ ޓެކްނޮލޮޖީ ދާއިރާގައި ދިވެހި އަންހެނުންގެ ބައިވެރިވުން އިތުރުކުރަން ގިނަ ކަންތައްތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި މިނިސްޓްރީގެ ފަރާތުން ދެވެން އޮތް އެއްބާރުލުން އެ ގްރޫޕަށް ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ގައުމެއް ތަރައްގީވެ ދިއުމުގައި އާބާދީގެ 50 އިންސައްތައެއްހާ ބޭފުޅުންނަކީ އަންހެނުން ކަމަށް ވާ އިރު، އެ ބޭފުޅުން އެކަހެރިކޮށް ނުވަތަ އެ ބޭފުޅުންނަށް ފުރުސަތު ނޯންނާނެ ގޮތަށް ގައުމެއް ތަރައްގީވެ ކުރިއަރައިގެން ނުދާނެ ކަން އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ،" މިނިސްޓަރު މަލީހު ވިދާޅުވި އެވެ.

ކޮމިއުނިކޭޝަން މިނިސްޓްރިން ކުރި ފޭސްބުކް ޕޯސްޓެެއް

އައިސީޓީ ދާއިރާގައި އަންހެނުން އިތުރު ކުރާށާއި އެ ދާއިރާއާ ގުޅޭ ސިޔާސަތުތަކާ ގުޅޭ ގޮތުން ލަފާ ދޭން އެކުލަވާލި މި ގްރޫޕަށް މެމްބަރުން އައްޔަނުކުރީ، އެކަމަށް ހުށަހެޅި މީހުންގެ ފަރާތުން އެންމެ ގިނަ ޕޮއިންޓު ލިބުނު މީހުން ކަމަށް ކޮމިއުނިކޭޝަން މިނިސްޓްރީން ބުންޏެވެ. އިންޖިނިއަރިން، ޓެކްނޮލޮޖީ އަދި ސައިންސް ދާއިރާ އަށް މެމްބަރުން ހޮވީ އާންމުކޮށް ހުޅުވާލައިގެނެވެ. އަދި ހަތަރު މުއާސަސާއެއް ތަމްސީލްކުރާ އިތުރު މެމްބަރުންތަކެއް ވެސް އެ ގްރޫޕަށް އައްޔަނުކުރި އެވެ.

ވޯކިން ގްރޫޕަށް އައްޔަނު ކުރި މެމްބަރުން

- އިންޖިނިއަރިން ދާއިރާ: އަޒްރާރު، ސޯމާ، ސ. ހިތަދޫ

- ޓެކްނޮލޮޖީ ދާއިރާ: ހަފްސަތު އަލީ، ގ. ދާސްތާން، މާލެ

- ސައިންސް ދާއިރާ: ފާތިމަތު ނިޒްތަރަން، މއ. ދަނަސް، މާލެ

- ކޮމިއުނިކޭޝަން މިނިސްޓްރީ: ފާތިމަތު ޝަހީދާ، ޑެޕިއުޓީ މިނިސްޓަރު

- ޖެންޑާ މިނިސްޓްރީ: މަހްފޫޒާ ވަލީދު، އެސިސްޓަންޓް ޑައިރެކްޓަރު

- ޗީފް ޓެކްނޮލޮޖީ އޮފިސަރުގެ އޮފީސް: ޝަޒްނާ އަލީ، ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް

- ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމިއްޔާ: އައިމިނަތު ފިރުޝާނާ، ވިމަން އިން ޓެކް

ޓެކްނޮލޮޖީގެ ދާއިރާ ތަމްސީލްކުރަން އައްޔަނުކުރި ހަފްސަތު އަލީ މި ރަސްމިއްޔާތުގައި ވިދާޅުވީ މި ދާއިރާ އަކީ އަންހެނުން މަދު ދާއިރާއެއް ކަމަށެވެ. އަދި މި ދާއިރާގައި މަސައްކަތްކުރާ އަންހެނުންނަށް ދިމާވާ ގޮންޖެހުންތައް އެބަހުރި ކަމަށާއި މި ދާއިރާ ކުރިއަރުވަން ސަރުކާރުން އިސްނަގައިގެން މަސައްކަތްކުރާތީ އުފާކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ނެޝަނަލް ވޯކިން ގްރޫޕެއްގެ އަމާޒަކީ މިފަދަ ގޮންޖެހުންތަކާއި ކުރިއަށް ދިއުމުގައި ހުރި ދަތިތަކަށް ހައްލު ހޯދައިދިނުމުގައި ކުރެވޭނެ ކަންތައްތައް ފާހަގަކޮށް ލަފާކުރެވުން. މި ކަންތައް ކުރަން ކުރެވެން ހުރިހާ ކަންތައްތައް އަޅުގަނޑު ކުރާނަން. ބައިނަލްއަގްވާމީ ރޯލެއްގައި ކުރެވެން ހުރި ކަންތައްތައް ވެސް އަޅުގަނޑު ކުރާނަން،" އޭނާ ވިދާޅުވި އެވެެ.

ކޮވިޑް-19 އާ ގުޅިގެން ދުނިޔެއަށް ދިމާވި ހާލަތުގައި، މީހުންގެ އާމްދަނީ އާއި ވަޒީފާ އަދާ ކުރުމުގައި ޓެކްނޮލޮޖީ ވަރަށް ބޮޑު ދައުރެއް އަދާ ކުރި ކަމަށް ހަފްސަތު ވިދާޅުވި އެވެ. މީގެ ތެރޭގައި އަމިއްލަ މަސައްކަތްކޮށްގެން ގެއިން ވިޔަފާރި ކުރާ އަންހެނުން އިތުރުވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިފަދަ ކަންކަމާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރާށާއި ތަމްރީން ޕްރޮގްރާމް ހިންގަން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.