Roadha Mihaaru
ކެމިކަލް ހުއްދަ އަށް އެދޭ  ސިސްޓަމް އަޕްގްރޭޑް ކުރަނީ

ކެމިކަލް އެތެރެކުރުމުގެ ހުއްދަ އަށް އޮންލައިންކޮށް ހުށަހަޅާ ސިސްޓަމް އަޕްގްރޭޑް ކުރަނީ

09 ޖުލައި 2020

ކެމިކަލް އެތެރެކުރުމަށް އޮންލައިންކޮށް ހުއްދަ އަށް އެދެވޭ "މަކުޑި ސިސްޓަމް" އަޕްގްރޭޑުކުރަން މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކެމިކަލް އެތެރެކުރުމަށް އޮންލައިންކޮށް ހުއްދަ އަށް އެދެވޭ "މަކުޑި ސިސްޓަމް" އަޕްގްރޭޑުކުރަން މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ (އެންސީއައިޓީ) ގައި ބޭއްވި ރަސްމިއްޔާތުގައި، މި ޕްރޮޖެކްޓުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެންއައިސީޓީގެ އައިޓީ މެނޭޖަރު އަހުމަދު ހަލީމް އަދި މަސައްކަތް ހަވާލުކުރި ޓެރަބައިޓުގެ ޑިރެކްޓަރު އަހުމަދު ނާޒިމެވެ.

މަކުޑި އަކީ ނޭޝަނަލް ސިންގަލް ވިންޑޯގެ ޕްރޮޖެކްޓުގެ ތެރޭގައި ހިމެނޭ ސިސްޓަމެކެވެ. އޭގެ ބޭނުމަކީ، ރާއްޖެއަށް އެތެރެކުރާ ކެމިކަލްތަކުގެ މައުލޫމާތު ބެލެހެއްޓުމެވެ.

މި ރަސްމިއްޔާތުގައި ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ، މަކުޑި އަކީ އެ މިނިސްޓްރީގެ ދަށުން ހިންގާ އެންސީއައިޓީން ތަރައްގީކޮށް ބަލަހައްޓަމުން އައި ސޮފްޓްވެއާއެއް ކަމަށެވެ. މިއީ، އެ ސެންޓަރުން ބަލަހައްޓަމުން އައި ސޮފްޓްވެއާއެއް ތަރައްގީކުރަން އެހެން ބަޔަކާ ހަވާލުކުރި ފުރަތަމަ ފަހަރު ކަމަށް އޭނާ ވިދާޅުވި އެވެ.

މަކުޑި ސިސްޓަމް އަޕްގްރޭޑުކުރުމުގެ މަސައްކަތާ ގުޅޭގޮތުން ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު (ވ) އަދި ޓެރަބައިޓުގެ ޑިރެކްޓަރު އަހުމަދު ނާޒިމް މައުލޫމާތު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މަކުޑި ސިސްޓަމް އަޕްގްރޭޑުކުރުމުގެ މަސައްކަތާ ގުޅޭގޮތުން ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު (ވ) އަދި ޓެރަބައިޓުގެ ޑިރެކްޓަރު އަހުމަދު ނާޒިމް މައުލޫމާތު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މަލީހު ވިދާޅުވީ އައިޓީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ތަރައްގީވާނީ ފުރުސަތުތައް ފަހިކޮށްދީގެން ކަމަށެވެ. އެހެންވެ މިއީ އެގޮތަށް ފަހިކޮށްދިން ފުރުސަތެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވިސްނުން ހުރީ މުސްތަގުބަލުގައި މިފަދަ އެޕްލިކޭޝަންތަކާއި އެންސީއައިޓީން ކުރެވޭ މުހިއްމު މަސައްކަތްތައް އައުޓްސޯސްކުރުމާއި ބައެއް ކޮމްޕޯނެންޓުތައް އިންސޯސްކުރުމާއި، މި ދެ ކަންތައް ވެސް ކުރިއަށްގެންދަން،" މަލީހު ވިދާޅުވި އެވެ.

މަކުޑި ސިސްޓަމް އަޕްގްރޭޑު ކުރުމުން، ކެމިކަލް އެތެރެކުރުމުގެ ހުއްދަ ހޯދަން ޑިފެންސް މިނިސްޓްރީ ނުވަތަ އެގްރިކަލްޗާ މިނިސްޓްރީއަކަށް ދާކަށް ނުޖެހޭނެ އެވެ. އޭގެ ބަދަލުގައި އީ-ފާސް އިން ލޮގިންވެގެން އެކަމަށް ހުށަހެޅޭނެ އެވެ.

"އެއް ޕްރޮސެސްގެ ތެރެއިން މިކަން ނިމިގެން ދާނެ،" މިނިސްޓްރީން ބުންޏެވެ.

ކޮމިއުނިކޭޝަން މިނިސްޓްރީގެ ވިސްނުމަކީ، އެ މީހަކު ހުރި ތަނަކުން މަސައްކަތްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

އެންސީއައިޓީގައި މިވަގުތު 12 ޑިވެލޮޕަރުން އެބަތިއްބެވެ. އެ މީހުން އަންނަނީ ސަރުކާރުގެ އެކި އިދާރާތަކުގެ 30 އަށްވުރެ ގިނަ ސިސްޓަމް ބަލަހައްޓަމުންނެވެ.