Roadha Mihaaru
ރާއްޖޭން މައިކްރޮސޮފްޓާއި އެކު މަސައްކަތްކުރަން ފަށައިފި

ޓެކްނޮލޮޖީގެ ފަހި މާހައުލަކަށް މައިކްރޯސޮފްޓާއެކު މަސައްކަތް ފަށައިފި

02 ސެޕްޓެމްބަރ 2020

ރާއްޖޭގައި ސްޓާޓަޕްތަކާ ގުޅޭ ވެއްޓެއް ނުވަތަ އީކޯސިސްޓަމެއް ގާއިމްކުރަން މައިކްރްސޮފްޓާއި ގުޅިގެން ކޮމިއުނިކޭޝަން މިނިސްޓްރީން މަސައްކަތްކުރަން މިއަދު ފަށައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރާއްޖޭގައި ސްޓާޓަޕްތަކާ ގުޅޭ ވެއްޓެއް ނުވަތަ އީކޯސިސްޓަމެއް ގާއިމްކުރަން މައިކްރްސޮފްޓާއި ގުޅިގެން ކޮމިއުނިކޭޝަން މިނިސްޓްރީން މަސައްކަތްކުރަން މިއަދު ފަށައިފި އެވެ.

މައިކްރޮސޮފްޓާއި އެކު ކުރިއަށް ދިޔަ ބައްދަލުވުމުގައި ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުރުން މެނާ އަދި ސާކް ސަރަހައްދުގެ މައިކްރޮސޮފްޓް ސްޓާޓަޕްގެ ކަންޓްރީ ހެޑް ލަތިކާ ޕައި ބައިވެރިވި އެވެ. އެ ކުންފުނީގެ އިތުރު މެމްބަރުންނާއި ޖެން އިންޑިއާ ޓީމުން ވެސް މި ބައްދަލުވުމުގައި ބައިވެރިވަޑައިގަތެވެ.

ކޮމިއުނިކޭޝަން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއް

އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މިނިސްޓަރު މަލީހު ވިދާޅުވީ ޓެކްނޮލޮޖީ ސްޓާޓަޕްތަކަށް އެކުވެރި ވެެއްޓެއް މީގެ ކުރިން ރާއްޖޭގައި ގާއިމްވެފައި ނުވާ ކަމަށެވެ.

"ވިޔަފާރިތަކަށް އެ މީހުންގެ މަސައްކަތް ކުރިއެރުވޭނެ ފަދަ ވެއްޓެއް ގާއިމްކޮށްދިނުމަކީ ސަރުކާރުން ކުރަން ޖެހޭ މަސައްކަތެއް ކަމަށް އަޅުގަނޑުު ގަބޫލުކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

ޓެކްނޮލޮޖީގެ ދާއިރާގައި ވިޔަފާރިތަކަށް އަލަށް ވަންނަ މީހުންނަށް ފުރުސަތު ހުޅުވަން މައިކްރޮސޮޕްޓުން ކުރިއަށް ގެންދާ "ހައިވޭ ޓު ހަންޑްރެޑް ޔުނިކޯންސް" ޕްރޮގްރާމާ ގުޅޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރި އެވެ. އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ދޭނީ އެ ކުންފުނިން ކުރިއަށް ގެންދާ "އެމާޖް އެކްސް" މުބާރާތުގައި ބައިވެރިވާ މީހުންނަށެވެ.

އެމާޖް އެކްސް މުބާރާތުގައި ބައިވެރިވާ ވިޔަފާރިތަކުގެ ތެރެއިން އެންމެ ރަނގަޅު ވިޔަފާރިތަކުގެ ޓެކްނޮލޮޖީގެ މައުލޫމާތު އިންވެސްޓަރުންނާއި ވެންޗާ ކެޕިޓަލިސްޓުންނަށް ހިއްސާކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އެ މީހުން އޭގެ ތެރެއިން އެންމެ ރަނގަޅު ތިން ވިޔަފާރިއެއް ހޮވާނެ އެވެ.

ހަމައެކަނި ރާއްޖޭގައި ބޭނުންކުރެވޭ ފަދަ ޓެކްނޮލޮޖީ އުފެއްދުމުގެ ބަދަލުގައި އެހެން ގައުމުތަކަށް ވެސް ބޭނުންތެރި ޓެކްނޮލޮޖީ އުފައްދަން އިސްކަން ދިނުން މުހިއްމު ކަމަށް މިނިސްޓަރު މި ބައްދަލުވުމުގައި ވިދާޅުވި އެވެ.

އެ މުބާރާތުގައި ބައިވެރިވާ ވިޔަފާރިތަކަށް ލިބޭ ފައިދާތަކުގެ ތެރޭގައި އެއް އަހަރު ދުވަހުގެ މެންޓާޝިޕް ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތުގެ އިތުރުން، ޓެކްނޮލޮޖީއާ ގުޅޭ ތަފާތު ސަރަހައްދީ އިވެންޓުތަކުގައި ވެސް ބައިވެރިވުން ހިމެނެ އެވެ.

މި މަސައްކަތާ ގުޅިގެން ޓެކްނޮލޮޖީގެ ރީޖަނަލް ހަބަކަށް ރާއްޖެ ހަދަން ފަސޭހަ ވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.