Roadha Mihaaru
"އެމްބާޕޭ ފެންނާނެ، ޕީއެސްޖީ އަކީ ފޭވަރިޓެއް ނޫން"

އެމްބާޕޭ ފެންނާނެ، ޕީއެސްޖީ އަކީ ފޭވަރިޓެއް ނޫން: ޓުޗެލް

12 އޯގަސްޓް 2020

ލިޒްބަން (އޮގަސްޓް 12) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އެޓަލަންޓާއާ ދެކޮޅަށް ކުޅޭ މެޗުގައި ޕީއެސްޖީގެ ތަރި ކިލިއަން އެމްބާޕޭ ފެންނާނެ ކަމަށާއި އަދި މި މެޗުގެ ފޭވަރިޓަކީ އެ ޓީމު ކަމަށް ދެކެވޭ ވާހަކަ އޭނާ ގަބޫލުނުކުރާނެ ކަމަށް ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ލިޒްބަން (އޮގަސްޓް 12) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އެޓަލަންޓާއާ ދެކޮޅަށް ކުޅޭ މެޗުގައި ޕީއެސްޖީގެ ތަރި ކިލިއަން އެމްބާޕޭ ފެންނާނެ ކަމަށާއި އަދި މި މެޗުގެ ފޭވަރިޓަކީ އެ ޓީމު ކަމަށް ދެކެވޭ ވާހަކަ އޭނާ ގަބޫލުނުކުރާނެ ކަމަށް ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހު ފްރެންޗް ކަޕްގެ ފައިނަލުގައި ސެއިން އެޓިއެންއާ ދެކޮޅަށް ކުޅުނު މެޗުގައި އެމްބާޕޭގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ އަށް މިރޭ އެޓަލަންޓާއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެ ކަމަށް މީޑިއާގައި އަޑުފެތުރުނެވެ. އޭރު ވެސް ޕީއެސްޖީ ބުނަމުން އައީ އެންމެ ފަހު ވަގުތާ ހަމައަށް އެމްބާޕޭ ކުޅުވަން މަސައްކަތްކުރާނެ ކަމަށެވެ.

"އަހަރެމެން ހީކުރި ގޮތަށް ކަންތައްތައް ދިޔައީ. މެޗުގެ ކުރިން އާދަޔާހިލާފު ކަމެއް ނުވާހާ ހިނދަކު އެމްބާޕޭ އެޓަލަންޓާއާ ދެކޮޅަށް ކުޅޭނެ،" މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޓުޗެލް ބުންޏެވެ.

އެޓަލަންޓާއާ ދެކޮޅަށް ޕީއެސްޖީން ނެރޭ ފުރަތަމަ އެގާރަ ކުޅުންތެރިން ތެރޭގައި އެމްބާޕޭ ހިމެނޭނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޓުޗެލް ބުނީ ޓީމު ނެގުމަކީ ވަރަށް ވިސްނުންތެރިކަމާ އެކު ކުރަން ޖެހޭ ކަމެއް ކަމަށާއި މީގައި އެންމެ މުހިއްމީ ޓީމު މޮޅުވުން ކަމަށެވެ.

"އަހަރެން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ގަބޫލުކުރަނީ މޮޅުވުން. އެކަން ކުރަން ބަލާއިރު އަހަރެން ވިސްނަނީ މެޗު ނިންމާލެވޭނީ ނޭމާ އާއި އެމްބާޕޭ ދަނޑުމަތީގައި ބަހައްޓައިގެން ހެން،" ކުރިން ބޮރޫޝިއާ ޑޯޓްމަންޑަށް ކޯޗުކޮށްދިން ޓުޗެލް ބުންޏެވެ.

ދެ ޓީމުގެ ފެންވަރަށް ބަލާއިރު ޕީއެސްޖީ އަށް މި މެޗުން މޮޅުވެވޭނެ ކަމަށް މީޑިއާ އިން ދެކުނު ނަމަވެސް ޓުޗެލްގެ ނަޒަރުގައި އޭނާގެ ޓީމަކީ ފޭވަރިޓުން ކަމަށް ގަބޫލުކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ.

"މިއީ ނިއުޓްރަލް ދަނޑެއްގައި ކުޅޭ މެޗެއް ދެ ޓީމަށް ވެސް ހަމަހަމަ ފުރުސަތެއް އޮންނާނެ. މި އޮތީ އެންމެ ލެގެއް. މިއީ ހަމަ ފައިނަލެއް ކަހަލަ މެޗެއް. ފައިނަލެއްގައި ފޭވަރިޓެއް ނޯންނާނެ،" ޓުޗެލް ބުންޏެވެ.

މިއީ އެޓަލަންޓާގެ ތާރީހުގައި އެ ޓީމުން ޗެމްޕިއަންސް ލީގުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އަލަށް ވާދަކުރާ ފަހަރު ކުއާޓާ ފައިނަލަށް ދެވުމަކީ ވެސް ކާމިޔާބެއް ކަމަށް އެ ޓީމުގެ ކޯޗު ޕިއޭރޯ ގެސްޕަރީނީ ގަބޫލުކުރެ އެވެ. އެކަމަކު އޭނާ ހުރީ އަދިވެސް އިތުރަށް ކުރިއަށް ދިއުމަށް ކެތްމަދުވެފަ އެވެ.

"އަހަރެމެންގެ ތަޖުރިބާ މި މުބާރާތުގައި އެންމެ ރަނގަޅެއް ނުވެދާނެ. އެކަމަކު މި ލެވަލްގައި އަހަރެމެންނަށް ކުޅެވިދާނެކަން މި ދަނީ ސާބިތުކޮށްދެމުން. އެ ގޮތަށް ކުރިއަށް ގޮސްފިނަމަ ސެމީ ފައިނަލަށް ވެސް ދެވޭނެކަމަސް މި ގަބޫލުކުރަނީ،" ގެސްޕަރީނީ ބުންޏެވެ.

ޕޯޗުގަލްގެ އެސްޓަޑިއޯ ލުއިޒް ސްޓޭޑިއަމްގައި ކުޅޭ މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.