Roadha Mihaaru
ތިން ފޯވާޑުންނަށް ޕީއެސްޖީ މޮޅުކޮށް ނުދެވުނު

މަޝްހޫރު ތިން ފޯވާޑުންނަށް ޕީއެސްޖީ މޮޅުކޮށް ނުދެވުނު

16 ސެޕްޓެމްބަރ 2021

ބްރޫގާ (ސެޕްޓެމްބަރު 16) - ކިލިޔަން އެމްބާޕޭ، ނޭމާ، ލިއޮނެލް މެސީ އެކުގައި ފުރަތަމަ 11 ގައި އަލަށް ކުޅުނު މެޗުން ޕީއެސްޖީ އެއްވަރު ވެއްޖެ އެވެ.

ބްރޫގާ (ސެޕްޓެމްބަރު 16) - ކިލިޔަން އެމްބާޕޭ، ނޭމާ، ލިއޮނެލް މެސީ އެކުގައި ފުރަތަމަ 11 ގައި އަލަށް ކުޅުނު މެޗުން ޕީއެސްޖީ އެއްވަރު ވެއްޖެ އެވެ.

މެސީ، ނޭމާ، އެމްބާޕޭގެ ކޮމްބިނޭޝަން "އެމްއެންއެމް" ގެ ނަމުން މިހާރު މަޝްހޫރު ކޮށްފައިވާ ތިން ފޯވަޑުން ލައިގެން ބެލްޖިއަމްގެ ކްލަބު ބްރޫގާއާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ފުޓްބޯޅަ އެނަލިސްޓެއްގެ ގޮތުގައ މިހާރު މަސައްކަތް ކުރާ ކުރީގެ ފޯވާޑް މައިކަލް އޮވެން ބީޓީ ސްޕޯޓްސްގައި ބުނީ، މެސީ ޓީމާ ގުޅުނު ނަމަވެސް ޕީއެސްޖީގެ އޭޓޭކިން ލައިނުން އެވަރުގެ ތޫނު ކަމެއް އަދި ނުފެންނަ ކަމަށެވެ.

ދުނިޔޭގެ އެންމެ މޮޅު ތިން ފޯވަޑުންގެ ގޮތުގައި މި ތިން ކުޅުންތެރިންގެ ކޮމްބިނޭޝަން ފްރާންސްގެ މީޑީއާތަކުން މަޝްހޫރު ކުރި ނަމަވެސް، ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވޭނެ ވަރުގެ ފެންވަރެއް އެ ތިން ކުޅުންތެރިންނަށް ރޭ ނުދެއްކުނެވެ.

މެޗުގައި އެމްބާޕޭ އަށް ކުރެވުނު ކަމަކީ ޕީއެސްޖީ އަށް ލީޑު ނަގައިދިން ލަނޑު ޖަހަން އަންޑާ ހެރޭރާ އަށް އެސިސްޓް ކޮށްދެވުމެވެ. ޕީއެސްޖީން ލީޑު ނެގިތާ 15 ވަރަކަށް މިނެޓް ތެރޭ ބްރޫގާ އިން ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ހަންސް ވާނާކެން އެވެ.

މަޝްހޫރު ތިން ފޯވާޑުން ލައިގެން ނަތީޖާ ނުނެރެވުމުން ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަނީ ދެ ވަނަ ހާފުގެ ކުރީކޮޅު އެމްބާޕޭގެ ބަދަލުގައި މައުރޯ އިކާޑީ ކުޅެން ނެރެފަ އެވެ. މެޗަށް ފަހު ޕޮޗެޓިނޯ ބުނީ ޕީއެސްޖީގެ އެޓޭކިން ލައިނަށް ވަގުތު ބޭނުންވާ ކަމަށެވެ.

"އެ ތިން ކުޅުންތެރިން އެކުގައި ވިދަން ވަގުތު ބޭނުންވޭ. އެކުގައި ގިނަ ވަގުތު މަސައްކަތްކޮށްގެން އެކަން ކުރެވޭނެ،" ޕޮޗެޓީނޯ ބުންޏެވެ. "އަހަރެން ކުރިން ވެސް ބުނިހެން އަހަރެމެންނަށް ޓީމެއްގެ ސިފަ އަދި ނުދެއްކޭ. އެކުގައި އަހަރެމެން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ."