Roadha Mihaaru
ތިން ތަރިންނާ އެކު ވެސް ޕީއެސްޖީ އަށް މޮޅެއް ނުވެވުނު

މެސީ، ނޭމާ އަދި އެމްބާޕޭއާ އެކު ވެސް ޕީއެސްޖީ އަށް މޮޅެއް ނުވެވުނު

16 ޖެނުއަރީ 2023

ރެން (ޖެނުއަރީ 16) - ހުނަރުވެރި ތިން ފޯވާޑުން ކަމަށްވާ ލިއޮނެލް މެސީ އާއި ނޭމާ ޖޫނިއާ އަދި ކީލިއަން އެމްބާޕޭ ހިމެނިގެން ޕީއެސްޖީން ރޭ ފްރާންސް ލީގުގައި ކުޅުނު މެޗުގައި ރޭނިސް އަތުން 1-0 އިން ބަލިވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރެން (ޖެނުއަރީ 16) - ހުނަރުވެރި ތިން ފޯވާޑުން ކަމަށްވާ ލިއޮނެލް މެސީ އާއި ނޭމާ ޖޫނިއާ އަދި ކީލިއަން އެމްބާޕޭ ހިމެނިގެން ޕީއެސްޖީން ރޭ ފްރާންސް ލީގުގައި ކުޅުނު މެޗުގައި ރޭނިސް އަތުން 1-0 އިން ބަލިވެއްޖެ އެވެ.

ރޭ ގެ މެޗަކީ ފްރާންސް ލީގުގައި ޕީއެސްޖީން ރަށުން ބޭރުގައި ވިދިވިދިގެން ބަލިވި ދެ ވަނަ މެޗެވެ. މި މަހުގެ ދެ ވަނަ ދުވަހު ލެންސް އަތުން ޕީއެސްޖީ ބަލިވީ 3-1 އިންނެވެ. އެ މެޗުގައި އެ ތިން ކުޅުންތެރިން އެކުގައި ނުކުޅެ އެވެ.

އަމިއްލަ ދަނޑު ކަމަށްވާ ރޯއަޒޯން ޕާކް ސްޓޭޑިއަމްގައި ރޭނިސް އިން ޕީއެސްޖީ ބަލިކުރި މެޗުގައި އެ ޓީމުގެ ލަނޑު ހަމަރީ ޓްރައޯރޭ ޖެހީ އެޑްރިއަން ޓްރަފާޓް ތަނަވަސްކޮށް ދިން ބޯޅައިންނެވެ.

މެޗު ޕީއެސްޖީން ފެށީ އެމްބާޕޭ ބެންޗުގައި ބައިންދައިގެންނެވެ. މިދިޔަ ވޯލްޑް ކަޕުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތީ ދެ ވަނަ ހާފުގަ އެވެ. އެކަމަކު ރޭނިސްގެ ގޯލް ފޫއަޅުވައިލުމުގައި އޭނާ އަށް ކާމިޔާބެއް ނުހޯދުނެވެ.

ވާރޭ ތެރޭގައި ކުޅެމުން ދިޔަ މެޗުގައި މެސީ ވަނީ އެމްބާޕޭ އަށް ރަނގަޅު ބޯޅައެއް ނަގައި ދީފަ އެވެ. އެކަމަކު އެ ފުރުސަތެއް އެމްބާޕޭ އަށް ބޭނުމެއް ނުކުރެވުނެވެ.

އެއް ވަނައިގައި އޮތް ޕީއެސްޖީ އާއި ދެ ވަނައިގައި އޮތް ލެންސް އާ މިހާރު އޮތީ ތިން ޕޮއިންޓްގެ ފަރަގެވެ. ލެންސް އިން އެންމެ ފަހުން ކުޅުނު މެޗުގައި އޭޖޭ އޮކްސެރޭގެ މައްޗަށް ކުރި ހޯދީ 1-0 އިންނެވެ.