Roadha Mihaaru
ނޭމާ އަށް ރަތެއް، ޕީއެސްޖީ މޮޅުކޮށްދިނީ އެމްބާޕޭ

ނޭމާ އަށް ރަތެއް، ޕީއެސްޖީ މޮޅުކޮށްދިނީ އެމްބާޕޭ

29 ޑިސެމްބަރ 2022

ޕެރިސް (ޑިސެމްބަރު 29) - ވޯލްޑް ކަޕަށް ފަހު ޕީއެސްޖީ ކުޅުނު ފުރަތަމަ މެޗުގެ ފަހު ވަގުތު ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްގެން ކިލިއަން އެމްބާޕޭ އެ ޓީމު މޮޅު ކޮށްދީފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޕެރިސް (ޑިސެމްބަރު 29) - ވޯލްޑް ކަޕަށް ފަހު ޕީއެސްޖީ ކުޅުނު ފުރަތަމަ މެޗުގެ ފަހު ވަގުތު ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްގެން ކިލިއަން އެމްބާޕޭ އެ ޓީމު މޮޅު ކޮށްދީފި އެވެ.

ފްރާންސް ލީގުގެ ފަހަތުން ދެ ވަނައިގައި އޮތް ސްޓްރާސްބޯގާ ދެކޮޅަށް ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ 2-1 އިންނެވެ.

މެޗުގެ 14 ވަނަ މިނިޓުގައި ޕީއެސްޖީ އިން ލީޑު ނެގީ ނޭމާ ނަގައިދިން ހިލޭޖެހުމަކުން ކެޕްޓަން މާކީނިއޯސް ބޮލުން ޖެހި ފްރީ ހެޑާއަކުން ކާމިޔާބު ކުރި ގޯލުންނެވެ. ނަމަވެސް ދެ ވަނަ ހާފު ފެށިގެން ހަ ވަނަ މިނިޓުގައި މާކީނިއޯސް ފައިގައި ޖެހިފައި މިސްރާބު ބަދަލު ވެގެން ވަން ބައި ގޯލަކުން މެޗުގެ ނަތީޖާ އެއްވަރު ވީ އެވެ.

ރަތް ކާޑު ދެއްކުމުން ނޭމާ (ވ)، ރެފްރީ ކައިރީ ޝަކުވާ ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ރަތް ކާޑު ދެއްކުމުން ނޭމާ (ވ)، ރެފްރީ ކައިރީ ޝަކުވާ ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ޕީއެސްޖީ އަށް މެޗުގެ އޮއިވަރު އިތުރަށް ގޯސްވީ 62 ވަނަ މިނިޓުގައި ނޭމާ އަށް ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑު ދެއްކުމުންނެވެ. އޭގެ މިނިޓެއް ކުރިން ސްޓްރާސްބޯގް ކުޅުންތެރިއެއްގެ މޫނުގައި އަތްލުމުން ނޭމާ އަށް ވަނީ ރީނދޫ ކާޑެއް ދައްކައިފަ އެވެ. ރަތް ކާޑު ދެއްކީ އޭނާ ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ، ޕެނަލްޓީއެއް ހޯދަން ޑައިވް ކުރުމުންނެވެ.

އެކަކު މަދުކޮށް ކުޅެމުން ދިޔަ ޕީއެސްޖީ މެޗުން މޮޅުވީ އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓުގައި އެމްބާޕޭ ޖަހައިދިން ޕެނަލްޓީ އިންނެވެ. މި ޕެނަލްޓީއަކީ ސްޓްރާސްބޯގުގެ ކުޅުންތެރިއެއް އޭރިއާ ތެރެއިން އެމްބާޕޭ އަށް ފައުލް ކޮށްގެން ދިން ޕެނަލްޓީއެކެވެ.

މި ނަތީޖާއާ އެކު ލީގުގެ އެއް ވަނައިގައި އޮތް ޕީއެސްޖީން ވަނީ 16 މެޗުން 44 ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނައިގައި އޮތީ 15 މެޗުން 36 ޕޮއިންޓް ހޯދާފައިވާ ލެންސް އެވެ.

ނޭމާ އާއި އެމްބާޕޭ މި މެޗުގެ ފުރަތަމަ 11 ގައި ކުޅުނު ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރި މެސީ އަދި ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާކަށް ނުފަށަ އެވެ. އަދި މޮރޮކޯ އާއެކު ވޯލްޑް ކަޕް ސެމީ ފައިނަލް ކުޅުނު އަޝްރަފް ހަކީމީ މި މެޗުގައި ކުޅެން ނުކުތީ ފަހު 10 މިނިޓަށެވެ.