Roadha Mihaaru
އެމްބާޕޭގެ ގޯލުތަކާ އެކު ވެސް ޕީއެސްޖީ ބަލިވެއްޖެ

އެމްބާޕޭގެ ގޯލުތަކާ އެކު ވެސް ޕީއެސްޖީ ބަލިވެއްޖެ

16 ސެޕްޓެމްބަރ 2023

ޕެރިސް (ސެޕްޓެމްބަރު 16) - ކިލިއަން އެމްބާޕޭގެ ދެ ގޯލާ އެކު ވެސް، ޕީއެސްޖީ އަމިއްލަ ދަނޑުގައި 3-2 އިން ނީސް އަތްދަށުވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޕެރިސް (ސެޕްޓެމްބަރު 16) - ކިލިއަން އެމްބާޕޭގެ ދެ ގޯލާ އެކު ވެސް، ޕީއެސްޖީ އަމިއްލަ ދަނޑުގައި 3-2 އިން ނީސް އަތްދަށުވެއްޖެ އެވެ.

ރޭ ކުޅުނު ފްރާންސް ލީގު މެޗުގެ 21 ވަނަ މިނިޓުގައި ޓެރެމް މޮފީ ނީސް އަށް ލީޑު ނަގައިދީފައި ވަނިކޮށް ފުރަތަމަ ހާފުގައި އެމްބާޕޭ ވަނީ އެޓީމަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.

ދެވަނަ ހާފުގައޮ ގޭޓެން ލަބޯޑޭ ނީސް އަށް އަލުން ލީޑު ނަގައިދިންއިރު، ލީޑު ފުޅާކުރި ލަނޑު ޖަހައިދިނީ މޮފީ އެވެ. އެމްބާޕޭ ޕީއެސްޖީ އަށް ފަރަގު ކުޑަ ކޮށްދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައި ވަނިކޮށެވެ.

ލިއޮނެލް މެސީ އާއި ނޭމާ ނުލައި އެމްބާޕޭ ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ހަތް ގޯލު ޖަހައިފަ އެވެ. ސީޒަން ފެށިއިރު ކޮންޓްރެކްޓް އާކުރަން ބޭނުން ނުވާތީ އެމްބާޕޭ ހުރީ ޓީމުން އެކަހެރި ކޮށްފަ އެވެ. ނަމަވެސް ލީގުގެ ފުރަތަމަ މެޗުން ޕީއެސްޖީ އެއްވަރު ވުމާ ގުޅިގެން އޭނާގެ ފަރާތުން ކްލަބަށްޓަކައި އިތުރު މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އޮތުމުން އަލުން ސީނިއާ ޓީމުގައި ބައިވެރިކުރަން ނިންމީ އެވެ.

ޕީއެސްޖީގެ މި ބައްޔަކީ މި ސީޒަންގައި އެޓީމާ ހަވާލުވި އާ ކޯޗު ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ބަލިވި ފުރަތަމަ މެޗެވެ.

މި ނަތީޖާއާ އެކު ޕީއެސްޖީ ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ވަނީ އަށް ޕޮއިންޓް ލިބިފަ އެވެ. ނީސް ވަނީ ނުވަ ޕޮއިންތް ހޯދައި، ޕީއެސްޖީއަށް ވުރެ ކުރިއަށް ޓޭބަލްގެ ދެވަނައަށް ޖެހިލައިފަ އެވެ. އެއްވަނައިގައި އޮތީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދާފައިވާ މޮނާކޯ އެވެ.