Roadha Mihaaru
މެސީ އާއި އެމްބާޕޭ ނެތި ނޭމާ އަށް ނުވި

މެސީ އާއި އެމްބާޕޭ ނެތި ނޭމާ އަށް ނުވި

12 ފެބުރުއަރީ 2023

މޮނާކޯ (ފެބްރުއަރީ 12) - ފްރެންޗް ލީގުގެ އެއް ވަނައިގައި އޮތް ޕީއެސްޖީން މޮނާކޯ އާ ވާދަކޮށް 3-1 އިން ބަލިވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މޮނާކޯ (ފެބްރުއަރީ 12) - ފްރެންޗް ލީގުގެ އެއް ވަނައިގައި އޮތް ޕީއެސްޖީން މޮނާކޯ އާ ވާދަކޮށް 3-1 އިން ބަލިވެއްޖެ އެވެ.

މެޗުގައި ފެނުނު ހުރިހާ ގޯލެއް ވެސް ފެނުނީ ފުރަތަމަ ހާފުގަ އެވެ. މެޗު ފަށައިގެން ހަތަރު ވަނަ މިނިޓުގައި އަލެކްސެންޑާ ގޮލޮވިން ކާމިޔާބު ކޮށްދީފައި ވަނިކޮށް 18 ވަނަ މިނިޓުގައި މޮނާކޯ އަށް ލީޑު ފުޅާ ކޮށްދިނީ ވިސާމް ބެން ޔެޑާ އެވެ.

ޕީއެސްޖީ އަށް 39 ވަނަ މިނިޓުގައި ފަރަގު ކުޑަ ކޮށްދިނީ މެސީގެ ބަދަލުގައި ފުރަތަމަ 11 ގައި ހިމެނުނު އުމުރުން 16 އަހަރުގެ ވަރޭން ޒައީރޭ އެމެރީ އެވެ. ނަމަވެސް އިތުރު ވަގުތުގައި ބެން ޔެޑާ ވަނީ އިތުރު ލަނޑެއް ޖަހައި މޮނާކޯ އަށް ދެ ގޯލުގެ ލީޑު އަލުން ހޯދައިފަ އެވެ.

ޔޫރަޕްގެ އެންމެ ވަރުގަދަ ފޯވާޑް ލައިނެއް އޮންނަ ޕީއެސްޖީގެ ލިއޮނެލް މެސީ އާއި ކިލިއަން އެމްބާޕޭ އަށް އަނިޔާވުމާ ގުޅިގެން މެޗުގައި ކުޅުނީ ނޭމާ އެކަންޏެވެ. އޭނާ އަކީ ވެސް މިދިޔަ ހަފްތާ އަނިޔާއަކުން ރަނގަޅުވެ އަލުން ޓީމާ ގުޅުނު ކުޅުންތެރިއެކެވެ.

"އަހަރެމެންނަށް ވަރަށް ރަނގަޅަށް އެނގޭ މެސީ އަކީ އަހަރެމެންގެ ޓީމަށް ކިހާ މުހިއްމު ކުޅުންތެރިއެއް ކަން، އޭނާ ނުލައި ކުޅެން ޖެހިއްޖެ ނަމަ ތަފާތު ގޭމެއް މާ ވަރުގަދައަށް ޖައްސަން ޖެހެނީ،" މެޗަށް ފަހު ޕީއެސްޖީގެ ކޯޗު ކްރިސްޓޯފް ގަލްޓިއޭ ބުންޏެވެ.

"ލިއޯ [މެސީ] ނުލައި މޮނާކޯއަށް ދާން ޖެހުމުން އުނދަގޫވި. އެކަމަކު ގިނަ މެޗުތަކެއް ކުޅެން ޖެހި، ސީޒަން މެދުތެރެއިން ވޯލްޑް ކަޕެއް އައީމައި އަނިޔާތަށް ވެސް ވާނެ."

މެސީ އަށް އަނިޔާ ވީ އެންމެ ފަހުން ޕީއެސްޖީން ފްރެންޗް ކަޕް ގައި މާސޭ އާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އެވެ. އެ މެޗިުން ވެސް ޕީއެސްޖީ ވަނީ ބަލިވެފަ އެވެ. ހަފްތާއެއްހާ ދުވަހަށް މެސީ އަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭކަމަށް ބެލެވޭއިރު ވަނީ އަންގާރަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގައި ބެޔާން މިއުނިކާ ދެކޮޅަށް ކުޅޭ މެޗުގައި މެސީ ނުފެނިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހު މޮންޓްޕެލިއޭ އާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވި އެމްބާޕޭ އަށް ބެޔާން މެޗު ގެއްލޭނެކަން ކުރިން ވެސް އޮތީ ޔަގީން ކޮށްދީފަ އެވެ. މިޑްފީލްޑަރު މާކޯ ވަރޭޓީ އަނިޔާގައި ހުރި އިރު ޕްރެސްނެލް ކިމްޕެމްބޭ އާއި ސާޖިއޯ ރާމޯސް އަދި އަޝްރަފް ހަކީމީ ވެސް ރޭ ފެށީ ބެންޗުންނެވެ.

ވަރުގަދަކޮށް ފެނުނު މޮނާކޯ ފޮނުވާލި ނުރައްކާތެރި ހަމަލާތައް ދިފާއު ކުރުމަށް ޕީއެސްޖީގެ ގޯލްކީޕަރު ޖިއާންލުއިޖީ ޑޮނަރޫމާ ވަނީ ހަތް ސޭވްކޮށްފަ އެވެ.

މޮނާކޯގެ މޮޅާ އެކު އެ ޓީމަށް ވަނީ 23 މެޗުން 47 ޕޮއިންޓް ލިބިފަ އެވެ. އެ ޓީމު މިވަގުތު އޮތީ ތާވަލްގެ ތިން ވަނައިގަ އެވެ. ދެ ވަނައިގައި އޮތީ 23 މެޗުން 49 ޕޮއިންޓް ހޯދާފައިވާ މާސޭ އެވެ. މާސޭ ވަނީ ރޭ 2-0 އިން ކްލާމޮންޓް ބަލިކޮށްފަ އެވެ. ހަތަރު ވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެން 46 ޕޮއިންޓް ހޯދާފައިވާ ލެންސް އެވެ. ޕީއެސްޖީ އެއް ވަނައިގައި އޮތީ 54 ޕޮއިންޓް ހޯދައިގެންނެވެ.