Roadha Mihaaru
އެމްބާޕޭގެ ދެގޯލުން މޮޅުވެ ޕީއެސްޖީ ލީގު ހޯދުމާ ގާތަށް

އެމްބާޕޭގެ ދެ ގޯލުން މޮޅުވެ ޕީއެސްޖީ ލީގު ހޯދުމާ ގާތަށް

22 އެޕްރީލް 2023

އޯޖާސް (އޭޕްރީލް 22) - ކިލިއަން އެމްބާޕޭގެ ގޯލުތަކުން 2-1 އިން ލީގުގެ ފުލުގައި އޮތް އޯޖާސް ބަލިކޮށް ޕީއެސްޖީ އިން ލީގު ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އޯޖާސް (އޭޕްރީލް 22) - ކިލިއަން އެމްބާޕޭގެ ގޯލުތަކުން 2-1 އިން ލީގުގެ ފުލުގައި އޮތް އޯޖާސް ބަލިކޮށް ޕީއެސްޖީ އިން ލީގު ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

މި ނަތީޖާއާ އެކު 11 ވަނަ ފަހަރަށް ލީގު ހޯދަން މަސައްކަތް ކުރަމުން އަންނަ ޕީއެސްޖީ އެއްވަނައިގައި އޮތީ 32 މެޗުން 75 ޕޮއިންޓް ހޯދައިގެންނެވެ. ޕީއެސްޖީ އަށް ލީގުގައި ބާކީ އޮތީ ހަ މެޗެވެ.

ދެވަނައިގައި އޮތީ 31 މެޗުން 64 ޕޮއިންޓް ހޯދާފައިވާ މާސޭ އެވެ. ތިންވަނައިގައި އޮތް ލެންސް އިން ވަނީ 31 މެޗުން 63 ޕޮއިންޓް ހޯދައިފަ އެވެ. އަދި ހަތަރުވަނައިގައި އޮތީ 31 މެޗުން 61 ޕޮއިންޓް ހޯދާފައިވާ ލިލް އެވެ.

އޯޖާސް ލީގުގެ ފުލުގައި އޮތީ 32 މެޗުން ލިބުނު 14 ޕޮއިންޓާ އެކު އެވެ. ފްރާންސް ލީގު ނިމޭއިރު ފުލުގައި އޮންނަ ހަތަރު ޓީމު ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވާނެ އެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން އެމްބާޕޭ ޕީއެސްޖީ އަށް ލީޑު ނަގައިދިނީ މެޗުގެ ނުވަވަނަ މިނިޓުގައެވެ. އޭގެ ކުރިން ވެސް އޭނާ އަށް ވަނީ ގޯލެއް ޖަހަން ފުރުސަތު ލިބިފަ އެވެ. އަދި 26 ވަނަ މިނިޓުގައި ލީޑު ފުޅާކުރި ލަނޑު ޖެހީ ލިއޮނެލް މެސީގެ އެހީތެރިކަމާ އެކު އެވެ.

އޯޖާސް އިން މެޗުގައި ޖެހި ހަމައެކަނި ލަނޑު، ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ޖަހައިދިނީ ސަދާ ތިއޫބް އެވެ.

އެމްބާޕޭގެ ދެ ގޯލާ އެކު އޭނާ ވަނީ 22 ގޯލު ހަމަކޮށް ލީގުގެ ލަނޑު ލިސްޓުގެ އެންމެ ކުރިއަށް ޖެހިލައިފަ އެވެ. އެސިސްޓް ރޭންކިންގެ އެއްވަނައިގައި އޮތް މެސީ ވަނީ ރޭ އެމްބާޕޭގެ ދެވަނަ ގޯލު ޖަހަން އެހީވެ، ލީގުގައި 15 އެސިސްޓް ހަމަކޮށްފަ އެވެ. އަދި މެސީ ވަނީ މި ސީޒަނުގައި ލީގުގައި 15 ގޯލު ވެސް ޖަހައިފަ އެވެ.