Roadha Mihaaru
އެމްބާޕޭ ފަހުވަގުތު ޖެހި ލަނޑުން ރެއާލް ބަލިކޮށްފި

އެމްބާޕޭ އެންމެ ފަހު ވަގުތު ޖެހި ލަނޑުން ރެއާލް ބަލިކޮށްފި، މެންޗެސްޓާ ސިޓީ ކުއާޓާއާ ގާތަށް

16 ފެބުރުއަރީ 2022

ޕެރިސް (ފެބްރުއަރީ 16) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި، އެންމެ ފަހު ވަގުތު ކިލިއަން އެމްބާޕޭ ޖެހި ލަނޑާ އެކު ޕީއެސްޖީން ރެއާލް މެޑްރިޑް ބަލިކުރިއިރު، މެންޗެސްޓާ ސިޓީން ރަށުން ބޭރުގައި ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަންގެ މައްޗަށް 5-0 އިން ކުރި ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޕެރިސް (ފެބްރުއަރީ 16) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި، އެންމެ ފަހު ވަގުތު ކިލިއަން އެމްބާޕޭ ޖެހި ލަނޑާ އެކު ޕީއެސްޖީން ރެއާލް މެޑްރިޑް ބަލިކުރިއިރު، މެންޗެސްޓާ ސިޓީން ރަށުން ބޭރުގައި ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަންގެ މައްޗަށް 5-0 އިން ކުރި ހޯދައިފި އެވެ.

ގަދަ 16 ޓީމު ވާދަކުރާ ބުރުގެ ފުރަތަމަ ލެގުގެ މެޗުގައި ރެއާލް މެޑްރިޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި ޕީއެސްޖީން ކުރިހޯދީ 1-0 އިންނެވެ. މެޗު ފެށުނީއްސުރެން ޕީއެސްޖީން ވަނީ ފުލުފުލުގައި ރެއާލްގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. ނަމަވެސް ރެއާލް އިން މުޅި މެޗުގައި ފޮނުވާލި ތިން ހަމަލާ ވެސް ގޯލާ އަމާޒު ކޮށްލެވިފައެއް ނުވެ އެވެ.

ޕީއެސްޖީ އަށް މެޗުގައި ލަނޑު ޖަހަން ފުރަތަމަ ފުރުސަތު ތަނަވަސް ކޮށްދިނީ ވެސް އެމްބާޕޭ އެވެ. އެންހެލް ޑި މާރިއާ އަށް ދިން ބޯޅަ އޭނާ ފޮނުވާލުމުން ގޯލާ އަމާޒު ނުވި އިރު، އޭގެ ފަހުން އެމްބާޕޭ ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ވަނީ ދިޔާއު ކޮށްފަ އެވެ.

ދެވަނަ ހާފުގައި ޕީއެސްޖީ އަށް ލީޑު ނަގަން ޕެނަލްޓީއެއް ވެސް ވަނީ ލިބި ނާކާމިޔާބުވެފަ އެވެ. ޑެނީ ކާވަހާލް އޭރިއާ ތެރެއިން އެމްބާޕޭ އަށް ފައުލް ކުރުމުން 62 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީ ލިއޮނެލް މެސީ ފޮނުވާލުމުން ދިފާއުކުރީ ކީޕަރު ކޯޓުއާ އެވެ.

އެމްބާޕޭ ޕީއެސްޖީ މޮޅުކޮށްދިން ލަނޑު ޖެހީ މެޗުގެ އެންމެ ފަހު ބޯޅައިގަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ނޭމާ ދިން ބޯޅައެއް ހިފައިގެން އެމްބާޕޭ ވަނީ އޭރިއާ ތެރެއަށް ވަދެ، ރެއާލްގެ ލޫކަސް ވަސްގޭޒް އާއި އެޑާ މިލިޓާއޯ ކައިރިން ނައްޓާފައި ކީޕަރު ކޯޓުއާގެ ދެފައި ދޭތެރެއިން ގޯލުގެތެރަށް ބޯޅަ ފޮނުވާލައިފަ އެވެ.

މެންޗެސްޓާ ސިޓީއިން ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ ސިޓީއިން ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ގުރޫޕް ސްޓޭޖުގައި ޕީއެސްޖީ ފަހަތަށް ޖައްސާލި މެންޗެސްޓާ ސިޓީން ރަށުން ބޭރުގައި ވަނީ ޕޯޗުގަލްގެ ސްޕޯޓިން ބޮޑު ތަފާތަކުން ބަލިކޮށްފަ އެވެ. ފުރަތަމަ ހާފުގައި ވެސް ސިޓީން ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. ރިޔާދް މަހްރޭޒް އާއި ބެނާޑޯ ސިލްވާ އަދި ފިލް ފޮޑެން މި ހާފުގައި ސިޓީގެ ލަނޑުތައް ޖަހައިދިން އިރު، ބެނާޑޯ ސިލްވާ ވަނީ ދެ ލަނޑު ޖަހައިދީފަ އެވެ.

ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނިޓުގައި ކެވިން ޑިބްރޭނާ ނަގައިދިން ހުރަހެއް ބޮލުން ޖަހައި ބެނާޑޯ ސިލްވާ އިތުރު ލަނޑެއް ޖެހި ނަމަވެސް ވީއޭއާރުން ވަނީ އޭނާ ހުރީ އޮފްސައިޑުގައި ކަމަށް ނިންމައިފަ އެވެ. ސިޓީގެ ފަސްވަނަ ލަނޑު 58 ވަނަ މިނިޓުގައި ޖަހައިދިނީ ރަހީމް ސްޓާލިން އެވެ.

މި ދެ މެޗުގެ ވެސް ދެވަނަ ލެގުގެ ކުޅުން އޮންނާނީ އަންނަ މާޗު މަހުގެ 9 ވަނަ ދުވަހުގެ ރެއެވެ.