Roadha Mihaaru
ޕީއެސްޖީގެ ނާކާމިޔާބުގެ ޒިންމާ އެމްބާޕޭ ނަގައިފި

ނާކާމިޔާބުގެ ޒިންމާ އެމްބާޕޭ ނަގައިފި؛ "އަހަރެންނަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވުނު"

08 މެއި 2024

ޕެރިސް (މެއި 8) – ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަށް ކުރިމަތިވި ނާކާމިޔާބުގެ ޒިންމާ، އެ ޓީމުގެ ފޯވާޑް ކިލިޔަން އެމްބާޕޭ ނަގައިފި އެވެ.

ޕެރިސް (މެއި 8) – ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަށް ކުރިމަތިވި ނާކާމިޔާބުގެ ޒިންމާ، އެ ޓީމުގެ ފޯވާޑް ކިލިޔަން އެމްބާޕޭ ނަގައިފި އެވެ.

ޕީއެސްޖީ މޮޅުވުމުން، އެ ކްރެޑިޓް އެންމެ ބޮޑަށް ލިބެނީ އެމްބާޕޭ އަށެވެ. މިފަހަރު އޭނާ ވަނީ ނާކާމިޔާބުގެ ޒިންމާ އަމިއްލަ އަށް ނަގައިފަ އެވެ. ރޭ ހޯމް ދަނޑުގައި ބޮރޫޝިއާ ޑޯޓްމެންޑާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލު މެޗުގައި އޭނާ އަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަމަށް އެމްބާޕޭ ބުންޏެވެ.

"އަހަންނަށް ވީ އެންމެ ބޮޑަކަށް، އެންމެ ރަނގަޅަކަށް އަހަރެންގެ ޓީމަށް އެހީވެވޭތޯ ބެލިން. އެކަމަކު އެކަށީގެންވާ ވަރަކަށް އެ މަސައްކަތެއް ނުކުރެވުނު،" މާޔޫސްވެފައި ހުރި އެމްބާޕޭ، މެޗަށް ފަހު ބުންޏެވެ.

"ޕެނަލްޓީ އޭރިއާތެރޭގައި އެންމެ ރަނގަޅަށް މަސައްކަތް ކުރުމުގެ ވާހަކަ ދައްކާއިރު އެކަން އަމާޒު ވާނީ އަހަންނަށް. އަހަންނަކީ ގޯލް ޖަހައި ނިންމަން ޖެހޭ މީހާ. ކަންކަން ރަނގަޅަށް ދާ ވަގުތު އަހަރެންނަށް އެ ތައުރީފު ލިބޭއިރު. އެކަން ނުވާއިރު އަހަރެން ޖެހޭނެ ޒިންމާ ނަގަން ވެސް."

މެޗުގައި ޕީއެސްޖީން ވަނީ ހަތަރު ފަހަރެއްގެ މަތިން ޑޯޓްމެންޑްގެ ގޯލްގެ ދަނޑީގައި ޖަހައިފަ އެވެ. ލަނޑު ނުޖެހުނީ ނަސީބު ނެތިގެންތޯ ސުވާލު ކުރުމުން އެމްބާޕޭ ބުނީ އެއީ ބަދު ނަސީބު ކަމަކަށް އޭނާ ގަބޫލު ނުކުރާ ކަމަށެވެ.

"އަހަރެމެން ފޯވާޑުން މިއަދު ރަނގަޅަށް މަސައްކަތް ކުރިނަމަ ދަނޑިއަށް އަމާޒުވާކަށް ނުޖެހޭނެ. އަހަރެމެން ރަނގަޅަށް މަސައްކަތް ކުރި ނަމަ، ގޯލް ޖެހޭނެ،" އެމްބާޕޭ ބުންޏެވެ.

އޭނާ ބުނީ ޑޯޓްމެންޑަށް ވުރެ ޕީއެސްޖީ ފެންވަރު ރަނގަޅު ކަމަށް އޭނާ ގަބޫލު ނުކުރާ ކަމަށެވެ. ނަމަވެސް އޭރިއާ ތެރޭގައި ޑޯޓްމެންޑްގެ ކުޅުން ރަނގަޅު ކަމަށް ފްރާންސްގެ ކެޕްޓަން ބުންޏެވެ.