Roadha Mihaaru
ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަށް ވަރުގަދަ ގުރޫޕެއް

ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އާއި އެމްބާޕޭ އަށް ވަރުގަދަ ގުރޫޕެއް

01 ސެޕްޓެމްބަރ 2023

މޮނާކޯ، ފްރާންސް (ސެޕްޓެމްބަރު 1) - ކިލިއަން އެމްބާޕޭ އާއެކު ކުޅޭ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ، މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ވަރުގަދަ ގުރޫޕެއްގައި ލައްވާލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މޮނާކޯ، ފްރާންސް (ސެޕްޓެމްބަރު 1) - ކިލިއަން އެމްބާޕޭ އާއެކު ކުޅޭ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ، މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ވަރުގަދަ ގުރޫޕެއްގައި ލައްވާލައިފި އެވެ.

ގުރޫޕް ސްޓޭޖުގައި ޕީއެސްޖީއާ އެކު ގުރޫޕް އެފްގައި އޮތީ ކުރީގެ ޗެމްޕިއަން އިޓަލީގެ އޭސީ މިލާންގެ އިތުރުން ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑާއި ބޮޑު ކުރިއެރުންތަކެއް ހޯދަމުން އަންނަ އިނގިރޭސިވިލާތުގެ ނިއުކާސަލް ޔުނައިޓެޑެވެ. ނިއުކާސަލްގެ މެޖޯރިޓީ ހިއްސާދާރުންނަކީ ސައުދީގެ ޕަބްލިކް އިންވެސްޓްމެންޓް ފަންޑް (ޕީއެފްއައި) އެވެ.

ޕީއެސްޖީން ފުރަތަމަ ޗެމްޕިއަންސް ލީގު ތަށީ ހޯދަން މަސައްކަތް ކުރަމުން އަންނައިރު، އެޓީމަށް ކުޅެމުން އައި ލިއޮނެލް މެސީ ވަނީ އެމެރިކާގެ އިންޓަ މަޔާމީއަށް ބަދަލުވެފަ އެވެ. އަދި ނޭމާ، ސައުދީގެ ޕީއެފްއައި ގެ މެޖޯރިޓީ ހިއްސާ އޮންނަ އަލް ހިލާލަށް ބަދަލު ވެފައިވާއިރު، ކޮންޓްރެކްޓް އާ ނުކުރުމުން މި ނިމުނު ޓްރާންސްފާ ބާޒާރުގައި އެމްބާޕޭ ވިއްކާލަން ވެސް މަސައްކަތް ކުރި އެވެ.

ބެޔާން މިއުނިކާ އަލަށް ގުޅުނު ހެރީ ކޭން، މެންޗެސްޓާ ޔުނައިޓެޑާ ކުރިމަތިލާން އިންގްލެންޑަށް އެނބުރި ދާން ޖެހޭއިރު، މި ގުރޫޕުގައި ދެން ހިމެނެނީ ޑެންމާކުގެ ކޯޕަންހޭގަން އާއި ތުރުކީގެ ގަލަޓަސަރާއީ އެވެ.

ރެކޯޑް 14 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ރެއާލް މެޑްރިޑް ލައްވާލީ، އެންމެ ފަހުގެ އިޓަލީގެ ޗެމްޕިއަން ނަޕޯލީއާ އެއް ގުރޫޕެއްގަ އެވެ. ޕޯޗުގަލްގެ ބްރާގާ އާއި، ޗެމްޕިއަންސް ލީގުގައި އަލަށް ވާދަކުރާ ޖަރުމަންގެ ޔޫނިއަން ބާލިން ވެސް ހިމެނެނީ މި ގުރޫޕުގަ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ވަނީ ޖެހިޖެހިގެން ތިންވަނަ ސީޒަނެއްގައި ޖަރުމަންގެ އާރުބީ ލައިޕްޒިގާ ވާދަކުރަން ޖެހިފަ އެވެ. ސިޓީ އާއި ލައިޕްޒިގާ އެއް ގުރޫޕެއްގައި ދެން ހިމެނެނީ ރެޑް ސްޓާ ބެލްގްރޭޑާއި ޔަންގް ބޯއީސް އެވެ.

މިދިޔަ ސީޒަންގެ ފައިނަލް ކުޅުނު އިންޓަ މިލާން ކުޅޭނީ، މިދިޔަ ސީޒަންގެ ކުއާޓާ ފައިނަލްގައި ވާދަކުރި ބެންފީކާއާ އެއް ގުރޫޕެއްގަ އެވެ. ރެޑް ބުލް ސަލްޒްބާގާއި ރެއާލް ސޮސިއެޑާޑް ވެސް މި ގުރޫޕުގައި ހިމެނެ އެވެ.

ބާސެލޯނާ އާއެކު އެއް ގުރޫޕެއްގައި އޮތީ ޕޯޓޯ އާއި ޝަކްތާ ޑޮނެސްކް އަދި ރޯޔަލް އެންޓްވާޕް އެވެ. ހަ އަހަރު ފަހުން ޗެމްޕިއަންސް ލީގަށް ކޮލިފައިވި އާސެނަލްއާ އެއް ގުރޫޕެއްގައި އޮތީ ސެވިއްޔާ އާއި ޕީއެސްވީ އަދި ލެންސް އެވެ. އެތުލެޓިކޯ މެޑްރިޑް ހިމެނޭ ގުރޫޕް އީގައި ހިމެނެނީ ލާޒިއޯ އާއި ސެލްޓިކް އަދި ފެއިނޫޑެވެ.

ޗެމްޕިއަންސް ލީގުގައި ވާދަކުރާ 32 ޓީމަށް ޖުމްލަ 2.2 ބިލިއަން ޑޮލަރުގެ ފައިސާގެ އިނާމެއް ހަމަޖެހިފައި ވެއެވެ. މީގެ ތެރެއިން ގުރޫޕް ސްޓޭޖުގައި ވާދަކުރާ ކޮންމެ ޓީމަކަށް އެންމެ މަދުވެގެން 17.1 މިލިއަން ޔޫރޯ ލިބެ އެވެ. އިތުރު ފައިސާގެ އިނާމުތައް ލިބޭނީ ގުރޫޕް ސްޓޭޖުގައި ހޯދާ ނަތީޖާތަކާއި މުބާރާތުގައި ހޯދާ ނަތީޖާތަކަށް ބަލައިގެންނެވެ.

މި މަހުގެ 19 ވަނަ ދުވަހު ގުރޫޕް ސްޓޭޖުގެ މެޗުތައް ފެށުމަށް ހަމަޖެހިފައި ވާއިރު، ގުރޫޕް ސްޓޭޖް ނިންމާލާނީ ޑިސެމްބަރު 13ގަ އެވެ. އަދި އަންނަ އަހަރުގެ ޖޫން 1 ގައި ފައިަލް މެޗު އޮތީ އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގަ އެވެ.