Roadha Mihaaru

ބަޔަކު "ޕޮޒިޓިވް" ވުމުން ހިންމަފުށި މޮނިޓަރިންގެ ހާލަތަށް

ކޮވިޑް-19 ޖެހިފައިވޭތޯ ބަލަން ބައެއް މީހުންގެ ސާމްޕަލް ނަގާފައިވާ ކ. ހިންމަފުށި މޮނީޓަރިންގެ ހާލަތަށް ދެންމެ ގެނެސް ފައިވާ ކަމަށް ހެލްތު ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެ ރަށު ކައުންސިލަށް އަންގައިފި އެވެ.

ބަޔަކު "ޕޮޒިޓިވް" ވުމުން ހިންމަފުށި މޮނިޓަރިން އަށް
އަހުމަދު ސާއިލް އަލީ
އަހުމަދު ސާއިލް އަލީ

15 މެއި 2020

ކޮވިޑް-19 ޖެހިފައިވޭތޯ ބަލަން ބައެއް މީހުންގެ ސާމްޕަލް ނަގާފައިވާ ކ. ހިންމަފުށި މޮނީޓަރިންގެ ހާލަތަށް ދެންމެ ގެނެސް ފައިވާ ކަމަށް ހެލްތު ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެ ރަށު ކައުންސިލަށް އަންގައިފި އެވެ.

ހިންމަފުށީ ކައުންސިލްގެ ނައިބު ރައީސް ހަސަން ފާއިޒް، "މިހާރު" އަށް ވިދާޅުވީ އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނައިކަން އެޗްޕީއޭ އިން އެންގި ނަމަވެސް ރަށުން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އަދި ނާންގާ ކަމަށެވެ.

ނަމަވެސް ނުރަސްމީކޮށް ލިބޭ މައުލޫމާތުތަކަށް ބަލާއިރު ރަށް މޮނީޓަރިންގެ ހާލަތަށް ގެނައީ ބަޔަކު ޕޮޒިޓިވްވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަސްމީކޮށް އެޗްޕީއޭން އަދި ނާންގާ ބަޔަކު ޕޮޒިޓިވްވި ކަމެއް،" ފާއިޒް ވިދާޅުވި އެވެ.

ހިންމަފުށީގައި ހުންނަ ރިހެބް ސެންޓަރުން ފަރުވާ ހޯދާ މީހުންގެ ތެރެއިން 10 މީހެއްގެ ރެންޑަމް ސާމްޕަލް މީގެ ތިން ދުވަސް ކުރިން ވަނީ ނަގައިފަ އެވެ. އޭގެ ނަތީޖާ އަދި ރަސްމީކޮށް އެ ރަށު ކައުންސިލަށް ނާންގަ އެވެ.

ފާއިޒް ވިދާޅުވި ގޮތުގައި، އެ ރެންޑަމް ސާމްޕަލްތަކުގެ އިތުރުން، އެ ރަށުގެ ތެރެއިން އެއްވެސް މީހެއްގެ ސާމްޕަލް މިހާތަނަށް ނަގައިފައެއް ނުވެ އެވެ. ހިންމަފުށީގެ މީހަކު ކޮވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވް ވެފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކ. އަތޮޅު ހިންމަފުށި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު އެ އަތޮޅު ތުލުސްދޫން ބިދޭސީންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެ ރަށް ވެސް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

މޮނީޓަރީންގެ ހާލަތަށް ގެނައުމުން އެ ރަށަކަށް އަރައިފޭބުން މަނާވާނެ އެވެ. ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ބޭރަށް ނުކުތުން ވެސް އެ ހާލަތުގައި މަނަލެވެ.