Roadha Mihaaru
ރޯގާތައް ފެތުރޭ އަދަދު ކޮންޓްރޯލް ނުވެ އިތުރުވަނީ

ރޯގާތައް ފެތުރޭ އަދަދު ކޮންޓްރޯލް ނުވެ އިތުރުވަނީ

10 ޖޫން 2024

ރާއްޖޭގައި ރޯގާތައް ފެތުރޭ އަދަދު މަދުނުވެ އިތުރުވާން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ރޯގާތައް ފެތުރޭ އަދަދު މަދުނުވެ އިތުރުވާން ފަށައިފި އެވެ.

އެޗްޕީއޭއިން މިއަދު ނެރުނު މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޑެންގީ އާއި ވައިރަލް ހުމާއި އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުން ވަނީ އިތުރުވެފަ އެވެ.

މިދިޔަ އޭޕްރީލް މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓު ކޮށްފައިވަނީ 247 މީހުންނެވެ. ނަމަވެސް، މިދިޔަ މަހު އެ އަދަދުތައް ވަނީ 610 އަށް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު ޑެންގީ ހުން ޖެހިގެން 330 މީހުން އަދި ޖެހިގެން އައި މެއި މަހު އެ ބަލި ޖެހިގެން އެ އެޖެންސީ އަށް ރިޕޯޓުކުރި މީހުންގެ އަދަދު އުޅެނީ 272 ގަ އެވެ.

އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ މަހު ރިޕޯޓުކުރި މީހުންގެ އަދަދު، އޭގެ ކުރީ މަހަށް ވުރެ މަދުވެފައިވެ އެވެ. މިދިޔަ މަހު 21،720 މީހުން އަދި އޭގެ ކުރީ މަހު އެ އަދަދު ހުރީ 22،739 ގަ އެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު 29،970 މީހުން އަދި މިދިޔަ އަހަރުގެ މެއި މަހު އެ އަދަދު ހުރީ 21،327 ގަ އެވެ.

އިންފްލުއެންޒާ އަށް މި އަހަރުގެ މިހާތަނަށް ޓެސްޓުކުރި 1،139 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވް ވެފައި ވަނީ 161 މީހުންނެވެ.

ބޭރަށް ހިންގުމާ ގުޅިގެން މިދިޔަ އޭޕްރީލް މަހު 2،712 މީހުން އަދި މިދިޔަ މަހު 2،923 މީހުން ޑޮކްޓަރަށް ދެއްކި އެވެ. މިދިޔަ އަހަރު އެ ނަމްބަރުތައް ހުރީ މާޗު މަހު 3،044 އަދި އޭޕްރީލް މަހު 2،778 ގަ އެވެ.

ބަލިތަކުން ސަލާމަތްވާން ކުރެވިދާނެ ކަންކަން:

- އާއްމު ސާފުތާހިރުކަމަށް ހާއްސަކޮށް ސައިބޯނި ލައިގެން އަތްދޮވުން ފަދަ ކަންކަމަށް ސަމާލުކަން ދިނުން

- ކެއުމުގެ ކުރިން އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނޮ ލައިގެން ރަނގަޅަށް ދޮވުން

- ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުން