Roadha Mihaaru
ރަށަށްދާން ބޭނުންވާ 42 މީހަކު ކަރަންޓީންކޮށްފި

ރަށަށްދާން ބޭނުންވާ 42 މީހަކު ކަރަންޓީންކޮށްފި

07 މެއި 2020

ކުރު މުއްދަތަކަށް މާލެ އައިސް ރަށަށް ނުދެވިފައި ތިބި މީހުންގެ ތެރެއިން ރަށަށް ދާން ބޭނުންވާ 42 މީހަކު ކަރަންޓީން ކޮށްފައިވާ ކަމަށް އެންއީއޯސީން ބުނެފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކުރު މުއްދަތަކަށް މާލެ އައިސް ރަށަށް ނުދެވިފައި ތިބި މީހުންގެ ތެރެއިން ރަށަށް ދާން ބޭނުންވާ 42 މީހަކު ކަރަންޓީން ކޮށްފައިވާ ކަމަށް އެންއީއޯސީން ބުނެފި އެވެ.

ކޮވިޑް-19އާ ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 އަށް ހާއްސަ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ކުރު މުއްދަތަކަށް މާލެ އައިސް ރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން ޖުމްލަ 42 މީހުން މިހާތަނަށް ކަރަންޓީން ފެސިލިޓީތަކަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެމީހުން ރަށަށް ފޮނުވާނީ ކަރަންޓީނުގައި 14 ދުވަސް ހަމަކުރުމަށް ފަހު ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ މިގޮތަށް އަމަލުކުރަނީ ރަށްރަށުގައި މީހުން ކަރަންޓީން ކުރުމަކީ ވެސް ފަސޭހަ ކަމަކަށް ނުވާނެތީ ކަމަށެވެ. އަދި ރަށްރަށަށް މީހުން ފޮނުވުމުގައި އެންމެ އިސްކަމެއް ދެނީ ކުރު މުއްދަތަށް އައިސް ތިބި މީހުން ކަމަށާއި އެއީ އެމީހުން އަތުން ދުވާލެއްގެ މައްޗަށް ބޮޑެތި ހަރަދުތަކެއް ހިނގާނެތީ ކަމަށް ވިދާޅުވި އެވެ.

މާލެ އިން ކޮވިޑް-19 ފެނި ކޮމިއުނިޓީ ސްޕްރެޑެއް ފެށުމުން މާލެ ވަނީ ލޮކްޑައުން ކޮށްފަ އެވެ. އަދި ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ކުރުން އޮތީ މަނާކޮށްފަ އެވެ. މިކަމުގެ ސަބަބުން މާލެ އައިސް ތިބި ގިނަ ބަޔަކު ތާށިވެފައިވާއިރު އޭގެ ތެރެއިން ބައެއް މީހުން އަތުން ފައިސާ ހުސްވެ މަގުމަތިވެގެން ސަރުކާރުން އެހީވެސްވެފައި ވެއެވެ.

މިކަމަށް ހައްލެއް ހޯދައި އަތޮޅުތެރެއަށް މީހުންނަށް ފުރޭނެ އުސޫލެއް ކަނޑައަޅައި އިއްޔެ ވަނީ އާންމުކޮށްފަ އެވެ. އެ އުސޫލުގައިވާ ގޮތުން އެންމެ ފުރަތަމަ އިސްކަން ދޭނީ އާސަންދަ އާއި އެންސްޕާގެ އެހީގައި ބޭސްފަރުވާ އަށް މާލެ އައިސް އެނބުރި ރަށަށް ދެވޭނެ ގޮތެއް ނެތިފައި ތިބި މީހުންނަށެވެ.

މި ކަންކަމަށް ފަހު ދެ ވަނަ ކެޓަގަރީއެއްގައި ދެން ހިމެނެނީ ބޭސްފަރުވާ ނޫން ކަންކަމުގައި މާލެ އައިސް ނުދެވިފައި ތިބި މީހުންނަށެވެ. އެ މީހުން ފޮނުވުމުގައި އެންމެ ފުރަތަމަ އިސްކަން ދޭނީ ރަށަށް ދާން މިދިޔަ މަހުގެ 15-20 އާ ދެމެދަށް ޓިކެޓް ނަގާފައިވާ މީހުންނަށެވެ. ދެން ރާއްޖެ އިން ބޭރުން އައިސް، 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކޮށް ރަށަށް ނުދެވިފައި ތިބި ކިޔަވާ ކުދިންނާއި އެ ކުދިންގެ އާއިލާގެ މީހުންނަށެވެ. އަދި އޭގެ ފަހުން ވަޒީފާ އަދާކުރަމުން ދިޔަ ރިސޯޓް ބަންދުކުރުމުން ނުވަތަ ރިސޯޓް ވަގުތީ ގޮތުން ބަންދުކުރުމުން ރަށަށް ދާން މާލެ އައިސް ތިބި މީހުންނަށެވެ.

އިސްކަންދޭ ތަރުތީބުގެ ދަށުން، ރަށަށް ފޮނުމުގައި އެންމެ ފުރަތަމަ ބަލާނީ މިދިޔަ މަހުގެ 1 ވަނަ ދުވަހު ނުވަތަ އޭގެ ފަހުން އެކި ބޭނުންތަކުގައި މާލެ އައިސް ރަށަށް ނުދެވި ތިބި މީހުންނަށް ކަމަށް ސަރުކާރުން ހާމަކޮށްފައިވެ އެވެ.