Roadha Mihaaru
މިޝްކާގެ މަރު: އިހުމާލުވެ އެކަމަކު ފިޔަވަޅު ނޭޅިފައި!

މިޝްކާގެ މަރު: އިހުމާލު އޮތްކަން ގަބޫލުކުރޭ، އެޅި ފިޔަވަޅެއް ނެތް!

07 ޖޫން 2021

ފަރުވާ ލިބުން ލަސްވެ، ކޮވިޑު-19 ގައި މިޝްކާ މުހައްމަދު ނިޔާވި މައްސަލައިގައި އިހުމާލު އޮތްކަން ގަބޫލުކުރިއަސް އެ މައްސަލައިގައި އިހުމާލުވި އެއްވެސް މީހަކަށް އަދި ފިޔަވަޅެއް ނާޅަ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފަރުވާ ލިބުން ލަސްވެ، ކޮވިޑު-19 ގައި މިޝްކާ މުހައްމަދު ނިޔާވި މައްސަލައިގައި އިހުމާލު އޮތްކަން ގަބޫލުކުރިއަސް އެ މައްސަލައިގައި އިހުމާލުވި އެއްވެސް މީހަކަށް އަދި ފިޔަވަޅެއް ނާޅަ އެވެ.

މިދިޔަ މަހުގެ 28 ގައި ނެގި ސާމްޕަލްއިން ކޮވިޑަށް ޕޮޒިޓިވްކަން އެނގުނު 10 އަހަރުގެ މިޝްކާގެ ހާލު ސީރިއަސްވީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ ރެ އެވެ. އެހެންވެ، އެމްބިއުލާންސް ފޮނުވައިދޭން އެދުނަސް އެކަން ކޮށްދީފައިވަނީ ދެ ގަޑިއިރާއި 25 މިނެޓު ފަހުންނެވެ.

އެ މައްސަލައާ ގުޅިގެން މިދިޔަ ހަފުތާގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ މިޝްކާ އަށް ފަރުވާ ދިނުން ލަސްވުމުގައި ބައެއްގެ އިހުމާލު އޮތް ކަމަށް ގަބޫލުކުރައްވައިފަ އެވެ. އެކަމަކު އެއީ ކޮން ބައެއްގެ އިހުމާލެއްކަން ސާފުވާނީ އެކަމާ ގުޅިގެން ތައްޔާރުކުރާ ރިވިއު އިން ކަމަށް ވިދާޅުވި އެވެ. ކޮލިޓީ އެޝުއަރެންސް އިން ހެދި ރިވިއުގެ ރިޕޯޓު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރެފައި ވެ އެވެ.

އެއަށްފަހު، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ރޭ ބޭއްވި މީޑިއާ ބްރީފިންގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިޝްކާ އަށް ފަރުވާ ނުދެވި ކަން ހިނގައިދިޔަ ގޮތް ބެލިފައިވާ ކަމަށެވެ. އެއާއެކު، ހެލްތު މިނިސްޓްރީން ކަންބޮޑުވުން ފާޅުކޮށްފައި ހުރި ދާއިރާތަކަށް އިތުރަށް ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތަށް، މިޝްކާ ނިޔާވުމުގައި ވެސް ބައެއްގެ އިހުމާލުވެފައިވާ ނަމަ ފިޔަވަޅު އަޅާނީ އެ ކްލަސްޓާތަކުގެ ވެރިންނާ މަޝްވަރާކުރުމަށް ފަހު ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

"...އޭގައި މީހެއްގެ އިހުމާލު ވާ ނަމަ އެ މީހަކާ ދޭތެރޭ ވެސް ފިޔަވަޅު އެޅެންޖެހޭނެ. އެހެން ނަމަވެސް އެ ކަމެއް އެސްޓަބްލިޝްކުރާނީ އިތުރަށް އިހުމާލުވެފައި ހުރި އޭރިޔާތައް ނޫނީ އެ ކްލަސްޓާތަކުގައި މަސައްކަތްކުރައްވާ، އެ ކްލަސްޓާތައް ހެޑްކުރައްވާ ބޭފުޅުންނާ މަޝްވަރާކުރެވިގެން،" މަބްރޫކް ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީގެ ރިވިއުގައި މިޝްކާގެ ހާލަތު ސީރިއަސްވެ އެކަން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ކޯލް ސެންޓަރަށް އެންގިއަސް އެމްބިއުލާންސް ފޮނުވާފައި ވަނީ ދެ ގަޑިއިރާއި 26 މިނެޓު ފަހުންނެވެ.

އެ ގޭ ދޮށަށް އެމްބިއުލާންސް ދިއުން މާބޮޑަށް ލަސްވާތީ އެންމެ ފަހުން އެ ރޭ 11:27 ގައި، އެޗްއީއޯސީ ހިންގާ ދަރުބާރުގެ އަށް އާއިލާގެ ފަރާތުން މީހަކު ފޮނުވި އެވެ. އެމްބިއުލާންސަށް ގޭދޮށަށް ދެވުނީ އޭގެ 11 މިނެޓު ފަހުންނެވެ. އޭރު ކުއްޖާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށް ރިވިއުގައި ބުނެ އެވެ.

މިޝްކާ ނިޔާވީ އައިޖީއެމްއެޗުގެ އިމަޖެންސީ ރޫމަށް ގެންދިޔަ ފަހުންނެވެ.

މިނިސްޓްރީގެ ރިވިއުގައި ވެސް ބުނީ އޭގައި ފާހަގަވި ކަންކަމަށް ބަލައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުން ގެންދާނެ ކަމަށެވެ. މި ރިވިއުގައި އެފަދަ ފިޔަވަޅުތަކުގެ ވާހަކަ ވަކިން ފާހަގަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެފަދަ ދެ ވަނަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް މުހިއްމު ބަދަލުތަކެއް ގެންނަން ނިންމާފައިވެ އެވެ. އޭގެ ތެރޭގައި އިމަޖެންސީ މެޑިކަލް ސާވިސް (އީއެމްއެސް) ވަކިކޮށް އެކަމަށް ހާއްސަ ނަމްބަރެއް ހަމަޖެއްސުމާއި ކޮވިޑުގެ ބަލި މީހުންނަށް 24 ގަޑިއިރު އޯޕީޑީގެ ހިދުމަތް ދިނުން ހިމެނެ އެވެ.