Roadha Mihaaru
ކޮވިޑް އިމަޖެންސީގައި ކޮންމެތާކުން ވެސް އެމްބިއުލާންސް

ސިއްހީ ހިދުމަތްދޭ ކޮންމެ ތާކުން ވެސް ކޮވިޑުގެ އިމަޖެންސީ ކޭސްތަކުގައި އެމްބިއުލާންސް ފޮނުވަނީ

05 ޖޫން 2021

ކޮވިޑު-19ގެ އިމަޖެންސީ ހާލަތެއްގައި އެމްބިއުލާންސް ހޯދަން ސިއްހީ ހިދުމަތްދޭ އެއްވެސް ތަނަކަށް މީހަކު ގުޅައިފި ނަމަ އެ ވެހިކަލް ފޮނުވަންޖެހޭ ޖެހޭގޮތަށް އުސޫލު ބަދަލުކުރަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑު-19ގެ އިމަޖެންސީ ހާލަތެއްގައި އެމްބިއުލާންސް ހޯދަން ސިއްހީ ހިދުމަތްދޭ އެއްވެސް ތަނަކަށް މީހަކު ގުޅައިފި ނަމަ އެ ވެހިކަލް ފޮނުވަންޖެހޭ ޖެހޭގޮތަށް އުސޫލު ބަދަލުކުރަން ނިންމައިފި އެވެ.

ދިހަ އަހަރުގެ މިޝްކާ މުހައްމަދަށް ފަރުވާ ދިނުން ލަސްވެ މިދިޔަ ބުދަ ދުވަހުގެ ރޭ ނިޔާވި މައްސަލައިގައި ހެލްތު މިނިސްޓްރީއަށް އަމާޒުވި ބޮޑެތި ފާޑުކިޔުންތަކަށްފަހު އެކަން ހިނގައިދިޔަ ގޮތުގެ ރިވިއުއެއް ހަދައި ރޭ އާއްމުކޮށްފައި ވެ އެވެ. އޭގައި، އެ ފަދަ ދެ ވަނަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާކަން ހާމަކޮށްފައި ވެ އެވެ.

އެ ރިވިއުގައި ބުނިގޮތުގައި، ކޮވިޑުގެ ބަލި މީހަކު އިމަޖެންސީ ހާލަތުގައި އެމްބިއުލާންސް ހޯދަން ސިއްހީ ހިދުމަތްދޭ އެއްވެސް ތަނަކަށް ގުޅައިފިނަމަ އެ ތަނަކުން އެމްބިއުލާންސް ފޮނުވަންޖެހޭނެ ގޮތަށް އުސޫލުތައް ކަނޑައެޅައި އެކަން ސިއްހީ ހިދުމަތްދޭ ފަރާތްތަކަށް އެންގުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މިހާރު އޮންނަގޮތުން، ކޮވިޑުގެ ބަލި މީހަކު އިމަޖެންސީ ހާލަތުގައި ސިއްހީ ފަރުވާ ބޭނުންވެއްޖެ ނަމަ އެކަން އަންގަންޖެހޭނީ އެޗްއީއޯސީއަށެވެ. އެމްބިއުލާންސް ފޮނުވައި ހޮސްޕިޓަލާ ހަމައަށް ފޮނުވުމުގެ ހުރިހާ ކަމެއް ކުރާނީ އެ ސެންޓަރުންނެވެ. ނަމަވެސް އޭޑީކޭ ހޮސްޕިޓަލަށް ގުޅުމުން އެ ހޮސްޕިޓަލުން ވެސް ފާއިތުވި ދުވަސްތަކުގައި ކޮވިޑް ބަލީގެ 45 ވަރަކަށް މީހުން އެކި ތަންތަނަށް ގެންގޮސްދީފައި ވެ އެވެ.

އިމަޖެންސީ ހާލަތުގައި އެމްބިއުލާންސްގެ ހިދުމަތްދޭ ގޮތަށް ބަދަލުތަކެއް ގެންނައިރު، މިޝްކާގެ ހާލަތު ސީރިއަސްވެ އެކަން އެޗްއީއޯސީގެ ކޯލް ސެންޓަރަށް އެންގިއަސް އެމްބިއުލާންސް ފޮނުވާފައިވަނީ ދެ ގަޑިއިރާއި 26 މިނެޓު ފަހުންނެވެ.

އެ ގޭ ދޮށަށް އެމްބިއުލާންސް ދިއުން މާބޮޑަށް ލަސްވާތީ އެންމެ ފަހުން އެ ރޭ 11:27 ގައި، އެޗްއީއޯސީ ހިންގާ، ދަރުބާރުގެ އަށް އާއިލާގެ ފަރާތުން މީހަކު ފޮނުވި އެވެ. އެމްބިއުލާންސަށް ގޭދޮށަށް ދެވުނީ އޭގެ 11 މިނެޓު ފަހުންނެވެ. އޭރު ކުއްޖާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށް ރިވިއުގައި ބުނެ އެވެ.

މިޝްކާ އަށް ދިމާވި ފަދަ ދެރަ ގޮތެއް ތަކުރާރުވިޔަ ނުދޭން އެޗްއީއޯސީގެ މެޑިކަލް ރެސްޕޮންސް މިހާރު ހިނގަމުންދާ ގޮތް ބަދަލުކުރަން ނިންމައި އިމަޖެންސީ ކޯލްތައް ކެޓަގަރައިޒްކޮށް އެ ކޯލްތަކާ މެދު އަމަލުކުރާ ގޮތް މޮނިޓަކުރަމުން ގެންދަން މިހާރު ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން އިމަޖެންސީ ކޭސްތަކުގެ މައުލޫމާތު ކަމާބެހޭ ކްލަސްޓާ އަށް ވަގުތުން ލިބޭނެ ގޮތް ހަދައި އަދި އެ ކަންކަމަށް ޑޮކްޓަރުން ވަގުތުން އެޓެންޑްވާކަން ކަށަވަރުކުރާނެ އެވެ.