Roadha Mihaaru
ވެކްސިންގެ ދެ ޑޯޒް ޖެހި މީހުންނަށް ލުއިދެނީ

ވެކްސިން ފުރިހަމަކުރި މީހުންނަށް ލުއި ދެނީ

23 ޖޫން 2021

ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންނަށް ލުއި ދިނުމަށް މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އެޗްއީއޯސީން ރޭ ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންނަށް ލުއި ދިނުމަށް މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އެޗްއީއޯސީން ރޭ ބުނެފި އެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމާ ގުޅޭ ގޮތުން ނުވަތަ ހާލަތާ އެއްގޮތަށް ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން ކޮންމެ ހަފްތާއަކު ވެސް މަޝްވަރާކުރާ ކަމަށެވެ.

ރާއްޖެއިން ކޮންމެ ދުވަހަކު ފެންނަ ކޮވިޑްގެ ކޭސްތައް 1،500 އިން މައްޗަށް އަރައިގެން ދިޔަ ނަމަވެސް އެ އަދަދުތައް މިހާރު ވަނީ ވަރަށް ބޮޑަށް ތިރިކުރެވިފަ އެވެ.

މަބްރޫކް ވިދާޅުވީ މިހާރު މިދާ ގޮތަށް ދާނަމަ، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ވެސް އިތުރު ލުއިތައް ލިބޭނެ ކަމަށެވެ. އަދި ދެ ޑޯޒް ވެކްސިން ފުރިހަމަ ކުރި މީހުންނާއި، ބަލި ޖެހުމަށް ފަހު، ބަލިން ރަނގަޅުވެފައިވާ މީހުންނަށް ވެސް އެ އޮންނަ މުއްދަތަށް ބަލައި އެ މީހުންނަށް ވެސް ލުއި ދިނުމާ މެދު މަޝްވަރާކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި ވެކްސިން ދެ ޑޯޒް ފުރިހަމަ ކުރުމަށް ފަހު ދެ ހަފްތާ ވެފައިވާ މީހުންނަށް ލުއި ލިބޭ ނަމަ، އެހެން މީހުން ވެކްސިން ޖެހުމަށް ވެސް ބާރުވެރި ކުރެވޭނެ އެވެ. އަދި އެގޮތަށް ލުއިދިނުމުގެ ވިސްނުން ވެސް ސަރުކާރުން ގެންގުޅޭ ކަމަށާއި ކުރިއަށް އޮތް ހަފްތާތަކުގައި އެފަދަ ކަންކަމަށް ލުއި ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުރިއަށް ހުރި ހަފްތާތަކުގައި މިއިން ވަކިވަކި ކަންކަމާ ގުޅޭގޮތުން ދެވޭ ލުއިތައް އިއުލާންކުރެވޭނެ،" މަބްރޫކް ވިދާޅުވި އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ވެކްސިން ޖެހި މީހުންނަށް ލުއި ދިނުމުގައި މުހިއްމު ދެ ކަމަކަށް ބަލާނެ ކަމަށެވެ. އެއީ ހައި ރިސްކް މީހުންގެ މެދުގައި ވެކްސިން ޖަހާފައިވާ މިންވަރާއި ދަތުރުކުރާ ތަނެއްގައި ބަލި އޮތް ވަރެވެ.

"މާލޭ ސަރަހައްދުގައި ވަރަށް ބޮޑަށް ބަލި ފެތުރެމުންދާތީ އޭރު ދިން ލުއިތައް ވެސް ސަސްޕެންޑް ކުރީ. އޭރު ތައްޔާރުކުރީ ވަކި ޕްލޭނެއް. ވެކްސިން ކަވަރޭޖް އިތުރުވުމާއި ބަލި ވެސް އުޅޭ ވަރު ދަށްވަމުން ދިއުމާ އެކު ދޭނެ އީޒް[ލުއި] ތަކެއް."

ރާއްޖެ އަށް ކޮވިޑްގެ ހަތަރު ވަނަ ރާޅު އައުމުގެ ކުރިން ވެސް، ވެކްސިންގެ ދެވަނަ ޑޯޒް ޖެހިތާ ދެ ހަފްތާވެފައިވާ މީހުންނަށް ލުއި ދިނެވެ. އޭރު ބައެއް މީހުން މާލެއިން ރަށްރަށަށް ދިޔައީ ވެކްސިން ފުރިހަމަކޮށްގެން ކަރަންޓީނު ނުވާ ގޮތަށެވެ. އެކަމަކު މާލެ އާއި ރަށްރަށުގެ ހާލަތު ވެސް ގޯސްވެ، ދިން ލުއިތައް އަނބުރާ ގެނަ އެވެ. އަދި ފިޔަވަޅުތައް ވެސް ހަރުކަށި ކުރި އެވެ. ހާލަތު ރަނގަޅުވަމުންދާތީ އެޗްޕީއޭ އިން އަނެއްކާ ވެސް ވަނީ ލުއިތައް ދޭން ފަށައިފަ އެވެ.