Roadha Mihaaru
ވެކްސިންގެ ބޮޑު ޕްރޮގްރާމަށް އެއްބާރުލުން ދޭން އެދިއްޖެ

ގައުމީ ކަމެއްގެ ގޮތުގައި ދެކި، ކޮވިޑް ވެކްސިންގެ ބޮޑު ޕްރޮގްރާމަށް އެއްބާރުލުން ދޭން އެދިއްޖެ

29 ޖުލައި 2021

ކޮވިޑުން ރައްކާތެރިވުމަށް އާބާދީގެ 90 ޕަސެންޓަށް ވެކްސިން ޖެހުމުގެ ބޮޑު ކެމްޕެއިނަށް، ގައުމީ ކަމެއްގެ ގޮތުގައި ދެކި އެންމެން އެއްބާރުލުން ދިނުމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން އެދިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑުން ރައްކާތެރިވުމަށް އާބާދީގެ 90 ޕަސެންޓަށް ވެކްސިން ޖެހުމުގެ ބޮޑު ކެމްޕެއިނަށް، ގައުމީ ކަމެއްގެ ގޮތުގައި ދެކި އެންމެން އެއްބާރުލުން ދިނުމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން އެދިއްޖެ އެވެ.

އެ ސެންޓަރުން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ވެކްސިން ޖެހުމުން ބަލިން ރައްކާތެރިކޮށްދީ، ހޮސްޕިޓަލުގައި އެޑްމިޓުކޮށްދޭ މީހުންގެ އަދަދު މަދުވާ ކަމަށެވެ. ކޮވިޑުގެ އެންމެ ފަހު ރާޅުގައި އެކަން ވަރަށް ރަނގަޅަށް އެނގިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ދިން ބޮޑެތި ލުއިތަކާއި ކޮވިޑުގެ އާ ވޭރިއެންޓުތަކުގެ ސަބަބުން، އެއް ދުވަހުގެ ތެރޭގައި ބަލި ޖެހޭ މީހުންގެ އަދަދު 600 އިން ވެސް މައްޗަށް އެރި އެވެ. ކުރީ ދުވަސްތަކުގެ ސާމްޕަލްތަކާ އެކު، އެ އަދަދު 1000 އިން މައްޗަށް އެރި ނަމަވެސް ކާފިއު އިއުލާނުކޮށް ފިޔަވަޅުތައް ހަރުކަށި ކުރުމުން ކޮވިޑުގެ ހާލަތު ކޮންޓްރޯލްވި އެވެ.

އެ ދުވަސްވަރު ކޮވިޑުގައި އެތައް ބަޔަކު މަރުވެގެން ދިޔަ އެވެ.

ނަޒްލާ ވިދާޅުވީ ކޮވިޑުގެ އެންމެ ފަހު ރާޅުގައި މަރުވި 80 ޕަސެންޓް މީހުން ވެކްސިން ނުޖަހާ ކަމަށެވެ. ދެ ވަނަ ފަހަރަށް، އެ ވަރުގެ ބިޔަ ރާޅެއް އަޔަ ނުދިނުމަށް ވެކްސިން ޖެހުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވެ، އޭނާ ވަނީ، އަންނަ ހޮނިހިރު ދުވަހު ފަށާ ވެކްސިންގެ ބޮޑު ޕްރޮގްރާމަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފަ އެވެ.

"...މިއީ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހުމަށް އަމާޒު ހިފާ ފުރަތަމަ ފަހަރު. މި އަމާޒަށް ވާސިލްވުމަށް ހުރިހާ އެންމެންގެ އެއްބާރުލުން ބޭނުންވާނެ. ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ ހުރި ނަމަ އަވަހަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖައްސަވަންވީ،" އޭނާ އެދިވަޑައިގަތެވެ.

"އާއިލާ މީހުންނާ އެކުވެރިންނާ އަވަށްޓެރިންނާއި، އެކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ވެސް ވެކްސިން ޖެހޭ އުމުރުގެ ވެކްސިން ނުޖަހާ ހުރި އެއްވެސް މީހަކު ހުރިނަމަ އެކަމަށް ބާރުއަޅައިދެއްވަން އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން."

އެޗްއީއޯސީ އިން މީގެ ކުރިން ބޭއްވި މީޑިއާ ބްރީފިންގައި ނަޒްލާ ރަފީގު ވާހަކަ ދައްކަވަނީ -- ފޮޓޯ: އެޗްއީއޯސީ

އެޗްއީއޯސީ އިން މީގެ ކުރިން ބޭއްވި މީޑިއާ ބްރީފިންގައި ނަޒްލާ ރަފީގު ވާހަކަ ދައްކަވަނީ -- ފޮޓޯ: އެޗްއީއޯސީ

ވެކްސިން ޖެހޭ އާބާދީގެ 300،000 އަށްވުރެ ގިނަ މީހުން ފުރަތަމަ ޑޯޒު ޖަހާފައިވާއިރު، 50 ޕަސެންޓަށްވުރެ ގިނަ މީހުން ދެ ޑޯޒު ފުރިހަމަކޮށްފައި ވެ އެވެ. އެއްވެސް ޑޯޒެއް ނުޖަހާ ތިބީ 27 ޕަސެންޓް މީހުންނެވެ. ނަޒްލާ ވިދާޅުވީ އެ އެންމެންނަށް ފުރަތަމަ ޑޯޒު ޖެހުމަކީ އެންމެން ގުޅިގެން ކުރެވޭނެ ކަމެކެވެ.

"މިއީ ގައުމީ ކަމެއްގެ ގޮތުގައި ދެކި، ގައުމީ އެހެން ކަންކަމުގައި ހުރިހާ އެންމެން މަސައްކަތްކުރާ ފަދައިން މި ކަމުގައި ވެސް މަސައްކަތް ކޮށްދިނުމަށް އަޅުގަނޑުމެން އެދެން،" ނަޒްލާ ވިދާޅުވި އެވެ.

އާއްމު ހާލަތަކަށް ދިއުމަށް ލިބިފައިވާ އެންމެ ވަރުގަދަ ހަތިޔާރަކީ ވެކްސިން ކަމަށާއި އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހިއްޖެ ނަމަ މިހާރަށްވުރެ ބޮޑެތި ލުއިތަކެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވެކްސިންގެ އާ ސްޓޮކާ އެކު، މި މަހުގެ ކުރީކޮޅު ވަނީ މާލެއިން ރަށްރަށަށް ދަތުރުކުރުމުގައި ބޮޑެތި ލުއިތަކެއް ދީފަ އެވެ. އޭގެ ތެރޭގައި، ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށް 14 ދުވަސް ހަމަވެފައިވާ ނަމަ ކަރަންޓީނުވާން ނުޖެހުން ހިމެނެ އެވެ.